އުމުރުން ދުވަސްވާ ވަރަކަށް ހަށިގަނޑުގެ ދިފާޢީ ނިޒާމާއި މުޅި ހަށިގަނޑު ބަލިކަށިވާކަން އެނގެއެވެ. އެކަމުގެ ސަބަބުން ބައެއް ބަލިތައް ޖެހުމުގެ ފުރުޞަތު ބޮޑުވެގެންދެއެވެ. އެހެންނަމަވެސް، އަހަރުމެންގެ އާދަތަކަށް ގެންނަ ކުޑަ ބަދަލަކާއެކުވެސް، މިކަންކަމުގެ ދުރުވުމަށް ފިޔަވަޅެއް އެޅިދާނެއެވެ.

"އޭޖިންގ ސެލް" ނަމަކަށް ކިޔާ ޖާނަލްއެއްގައި ދާދިފަހުން ޝާއިއުކޮށްފައިވާ ދިރާސާ ލިޔުމެއްގައިވާ ގޮތުން، އުމުރުން 55 އަހަރަށްވުރެ އިތުރުވުމުން، ބައިސްކަލު ދުއްވުމަކީ ދިފާޢީ ނިޒާމު ވަރުގަދަކޮށް، ދުޅަހެޔޮކަންމަތީގައި ދެމިހުރުމަށް ކުރެވިދާނެ ކަމެކެވެ.

އެދިރާސާގައި ބައިވެރިވި، ކޮންމެ ދުވަހަކުވެސް ބައިސްކަލު ދުއްވާ އުޅޭ އުމުރުން 55 އަހަރާއި 80 އަހަރުގެ މީހުންގެ ރިކޯޑުތައް ބެލި ބެލުމުން އެމީހުންގެ ހަށިގަނޑުގައި ގިނަ އަދަދަކަށް ޓީ-ސެލް އުފެދެއެވެ. ދިރާސާކުރި ފަރާތްތައް ހައިރާންވީ، ދުވަސްވީ މީހުންގެ ހަށިގަނޑުގައި، ޤަވާއިދުން ބައިސްކަލު ދުއްވާ ޒުވާނުންގެ ހަށިގަނޑުގައި ހުންނަ މިންވަރަށް ވުރެ އިތުރަށް ޓީ-ސެލް އެކުލެވޭތީއެވެ. ޓީ-ސެލް އަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކޮށްދޭ ސެލް އެކެވެ.

ހަމައެހެންމެ، ދިރާސާއިން ސާބިތުވިގޮތުގައި އުމުރުން ދުވަސްވުމުން، ޤަވާއިދުން ބައިސްކަލު ދުއްވާ ހަދާނަމަ، ހަށިގަނޑުގެ މަސްތައް ވަރުގަދަވެ، ފަލަވުމުން ދުރުކޮށްދީ ކޮލެސްޓްރޯލް ހުންނަ މިންވަރުވެސް ދަށްކޮށްދެއެވެ.

އެހެންނަމަވެސް، ކޮންމެ ކޮންމެ މީހަކަށް މި ގޮތް މަސައްކަތް ނުކޮށްފާނެކަން ހަނދާން ބަހައްޓަން ޖެހެއެވެ.