މުސާރަ ދީގެން ބަޔަކު ލައްވާ ވައްކަން ކުރުވަމުންދިޔަ މީހަކު ހައްޔަރުކޮށްފިއެވެ. އުމުރުން 21 އަހަރުގެ އެ ފިރިހެން މީހާ ހައްޔަރުކޮށްފައި ވަނީ، އިންޑިއާގެ ޖައިޕޫރުންނެވެ.

އޭނާ އެ މަސައްކަތަށް 6 މީހަކު ވަނީ ނަގާފައެެވެ. އަދި އެ މީހުންނަށް މުސާރައިގެ ގޮތުގައި 6000 ރުޕީސް ދޭކަމަށް ވެއެވެ. އަދި އެ ހަ މީހުން ވަގަށް ނަގަން ޖެހޭ އެއްޗެހީގެ ތެރޭގައި ސައިކަލާއި، ރަނާއި ޖަވާހިރާއި، ފޯނުތައް ހިމެނެއެވެ.

އެ ހަ މީހުން ކޮންމެ ދުވަހަކުވެސް ވައްކަން ކުރަން ޖެހެއެވެ. އެއީ އެ މީހުންގެ ވަޒީފާކަމުން އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދީގެން ކުރަން ޖެހޭއިރު، އެފަދަ ކަމެއް ނުކުރެވޭ ދުވަހެއްގައި މުސާރައިން ކަނޑާކަމަށްވެސް ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ މައްސަލާގައި މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ހަތް މީހަކު އެބަތިއްބެވެ. އޭގެ ތެރޭގައި އެކަމުގެ ބޮޑު މީހާވެސް ހިމެނެއެވެ.

ފުލުހުން މި މީހުން ހައްޔަރުކޮށްފައި ވަނީ، އެ ސަރަހައްދުގައި މާގިނައިން ވައްކަންތައް ގިނަވާތީ، އެކަން ހުއްޓުވުމަށް ފުލުހުން ފެށި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އެގޮތުން ފުލުހުން ވަނީ އެ ސަރަހައްދުގެ ސީސީޓީވީ ފޫޓޭޖްތައް ބަލާ، އެ ގޭންގް އުޅޭތަން ބަލާފައެވެ. ފުލުހުން ބުނީ، އެ މީހުން ހައްޔަރުކުރީ ކުއްޔަށް ހިފައިގެން އުޅޭ ގެއަކުން ކަމަށެވެ. އަދި އެގެއިން ވަރަށް ބައިވަރު ފޯނުތަކާއި، ލެޕްޓޮޕް އަދި ސައިކަލުތަކެއްވެސް ފެނިފައިވާކަމަށް ވެއެވެ.

މިދިޔަ ޖުލައި މަހުން ފެށިގެން މި ގުރޫޕުން އެކަނިވެސް 36 ވައްކަން ކޮށްފައިވާކަމަށް ވެއެވެެ.