"މިއީ މާލޭގައި އޭލެވެލްއަށް ކިޔަވާދޭ ސްކޫލެއްގައި ތައުލީމު ހާސިލް ކުރަމުން ދިޔަ އަންހެން ކުއްޖަކަށް އެ ސްކޫލުގެ ޓީޗަރެއްގެ ފަރާތުން ކުރިމަތިވި ޖިންސީ ފުރައްސާރައިގެ ވާހަކައެކެވެ. މިވާހަކަ ލިޔެފައިވާނީ މި ހާދިސާ ކުރިމަތިވި ފަރާތުން "ވަގުތަށް" ހިއްސާކޮށްފައިވާ މައުލޫމާތުގެ މަށްޗަށެވެ. މިވާހަކައިގެ އަސްލު ނުގެއްލޭ ގޮތަށް އުނި އިތުރު ގެނެސްފައިވާނެވެ. އަދި މަތީގައި ވާ ފޮޓޯއަކީ މި ހާދިސާ ދިމާވި ފަރާތާއި ގުޅުމެއް ހުރި ފޮޓޯއެއް ނޫނެވެ."

އަހަންނަކި ދެމެފިރިއެއްގެ ހުރި ހަމައެކަނި ދަރިއެވެ. އަހަރެން ކިޔަވައިގެން މޮޅު ކުއްޖަކަށް ވުމަކީ އަހަރެންގެ މައިންބަފައިންގެ އަބަދުވެސް އުންމީދެކެވެ. އެހެންކަމުން އަހަރެން އަބަދުވެސް މަސައްކަތް ކުރަމުން އައީ މައިންބަފައިންގެ އުންމީދުތަކުގައި ކުލަޖައްސައިދީ މައިންބަފައިންގެ އުންމީދުތަށް ހަޤީގަތަކަށް ހެދުމަށެވެ. މައިންބަފައިން ދެކެމުން އައި ހުވަފެންތަށް ހަޤީގަތަކަށް ހެދުމަށް އަހަރެން ކުރި ބުރަ މަސައްކަތުގެ ނަތީޖާއަކަށްވީ ސާނަވީ ދައުރުގައި ރަށު ސުކޫލުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރަކަށް އަހަރެން ވުމެވެ. ސާނަވީ ދައުރުގައި ލިބުނު ކާމިޔާބީޔާއި އެކު އިތުރަށް ކިޔެވުމަށް އަހަރެން ރާއްޖޭގެ ވެރިރަށް މާލެއަށް ބަދަލުވީމެވެ.

2014 ވަނަ އަހަރު އަހަރެން މާލެ ބަދަލުވީ މަތީ ސާނަވީ ދައުރުފުރިހަމަކޮށް އަހަރެން ކުރިއަށް ދާން ބޭނުންވާ ދާއިރާއިން އިތުރަށް ކިޔެވުމުގެ ފޮނި އުންމީދުގައެވެ. މާލޭގައި އަހަރެންގެ ތިމާގެ މީހުން ކޮންމެވެސް ވަރަކަށް ތިއްބެއް ކަމަކު އަހަރެންގެ ބައްޕަގެ އެދުމުގެ ދަށުން އަހަރެން މާލެއައިސް ދިރިއުޅެމުން އައީ ކުލި ދީގެން ކުދިން ބަހައްޓާދޭ ގެއެއްގައެވެ. އެއީ އެކަމީ އަހަންނަށް އެންމެ ރައްކާތެރި ގޮތް ކަމުގައި މައިންބަފައިން ދެކޭތީއެވެ.

މާލެ އައިސް އޭލެވެލް ކިޔެވުމަށްޓަކައި މާލޭގެ ނަން މަޝްހޫރު ސުކޫލަކަށް އަހަރެން ވަނީމެވެ. "ބައިބޯ" މާހައުލަކީ އަހަންނާއި އެހާ "ދޯޅު" މާހައުލެއް ނޫނެވެ. އެހެނީ ރަށު ސުކޫލުގެ މީސްކޮޅު މަދުވުމުގެ ސަބަބުންނާއި ކުދިން ގިނަ މާހައުލެއްގައި ދުވަހަކުވެސް މަސައްކަތް ކުރެވިފައި ނެތުމުންނެވެ. ނަމަވެސް ގޮންޖެހުންތައް އެއްފަރާތްކޮށްލުމަށް ކިޔެވުމާއިގެން އަހަރެން މަސްއޫލުވެ އުޅުނީމެވެ.

އަހަރެމެން ކުލާހުގައި ގިނައީ އަންހެން ކުދިންނެވެ. މަދު ފިރިހެން ކުދިން އަހަރެމެންގެ ކުލާހުގައި ތިބި ނަމަވެސް އެންމެން މަސައްކަތް ކުރަމުން އަންނަނީ ވަރަށްވެސް އެކުވެރިކަމާއި އެކުގައެވެ. އެއްކުއްޖަކަށް ނޭނގޭ އެއްޗެއް އަނެއް ކުއްޖަކަށް ކިޔާދީ އޮޅުންފިލުވާދިނުން ވެފައި އޮންނަނީ އަހަރެންމެން ކުލާހުގެ ކުދިންގެ މެދުގައި އޮންނަ ގުޅުން ރަމްޒުކޮށްދޭ ނިޝާނެކަށެވެ.

އަހަރެމެންނަށް ކިޔަވާދޭ މުދައްރިސުންނަކީވެސް ވަރަށް އެކުވެރި މުދައްރިސުންނެވެ. ހާއްސަކޮށް އެކައުންޓު ކިޔަވާދޭން އަންނަ ބިދޭސީ މުދައްރިސަށް އަހަރެމެން ކުލާހުގެ ހުރިހާ ކުދިންވެސް ވަރަށް ބޮޑަށް ގަޔާވެއެވެ. އެއީ އެ މުދައްރިސަކީ ހުރިހާ ކުދިންނާއިވެސް ގުޅޭ ވަރަށް އެކުވެރިކަމާއި އެކު ކިޔަވާދޭ މުދައްރިސަކަށް ވުމުންނެވެ. އަދި އެއްވެސް މިންވަރަކަށް ހަރުކަށިކަން ނުގެންގުޅުމަކީ އެ މުދައްރިސްގެ އެންމެ ހާއްސަ އެއް ސިފައެވެ. ކަންމިހެން ހުރުމުން އެ މުދައްރިސް، އަހަރެންގެ އިއްފަތުގެ ފެންތަށިން ފެންބޯން އުޅެފާނެ ކަމަށް އަހަރެން އެއްވެސް ވަރަކަށް އުންމީދެއް ނުކުރަމެވެ. ވާނީވެސް އެހެންތާއެވެ. އެފަދަ އެއްވެސް ސިފައެއް މުދައްރިސްގެ މޫނުމަތިން ނުފެނެއެވެ.

އޭލެވެލްގައި އުފާވެރި، މަޖާ ދުވަސްތަށް ހޭދަކުރުމަށް ފަހު ކިޔެވުމުގެ މަތިން އަހަރެން ފޫހިކުރުވީ އެކައުންޓު ކިޔަވާދޭ މުދައްރިސް އަހަންނާއި ގައިގޯޅިވާން އުޅެން ފެށި ހިސާބުންނެވެ. ނޭނގޭ ފިލާވަޅު އޮޅުން ފިލުވުމަށް ސުކޫލުގެ ނުރަސްމީ ގަޑީގައި އަހަރެން މުދައްރިސްގެ އަރިހަށް ދިޔަ ދިޔުމުގެ ފައިދާ ނަގައި އަހަންނާއި ގައިގޯޅިވާން އުޅުނު އުޅުމުންނެވެ. "ވަހުޝީ" މެސެޖުތަށް ކުރުމާއި އަހަރެންގެ ބައެއް ގުނަވަންތަކުގައި އަތްލަން އުޅެ ގަދަކަމުން އަހަންނަށް މަޖުބޫރުކުރުވައިގެން ކަންކަން ކުރަން ކުރަން އުޅުމާއި އަހަރެންގެ އަނގައިން މުދައްރިސް ބޭޒާރުވާ ފަދަ ބަހެއް ބޭރުވެއްޖެ ނަމަ މާއްދާއިން ފެއިލް ކޮށްލާނެ ކަމުގެ އިންޒާރުވެސް މުދައްރިސް އަހަންނަށް ވަނީ ދީފައެވެ.

މިކަންކަމުގެ ސަބަބުން ފޮނި އުންމީދުތަކާއި ފެށި އޭލެވެލްގެ މަތިން އަހަރެން އެއްކޮށް ފޫހިކުރުވިއެވެ. ސްކޫލަށް ނުދިޔުމާއި ދޭ ފިލާވަޅުތަށް ނުނިންމުން އަހަރެންގެ އާދައަކަށްވިއެވެ. ނަތީޖާއަކަށްވީ އޭލެވެލްގެ ފަހު އިމްތިހާނުގައި އަހަރެން ބޭނުންވާ މިންވަރަށް އަހަންނަށް މަސައްކަތް ނުކުރެވުމެވެ. އަދި އެކަށީގެންވާ ނަތީޖާއެއް އަހަންނަށް ނުލިބުނެވެ. މައިންބަފައިން މާޔޫސްކޮށްލާނެ ފަދަ ދަށް ނަތީޖާއެއް އަހަންނަށް ލިބުމެވެ. މިއަދު އަހަރެން މައިންބަފައިންނަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ ހުރިހާ އެއްޗެއް ދީގެން އަހަރެން ބަލައި ބޮޑުކުރުމަށް ފަހު އަހަރެންގެ ފަރާތުން އެދުނު ހަމައެކަނި ކަންތައްވެސް އަހަންނަށް ފުރިހަމަ ކޮށް ނުދެވުނެވެ.

ނަމަވެސް މިކަމުގައި އަހަރެންގެ ކުށެއް ނެތެވެ. ކުށް އޮތީ މުދައްރިސްގެއެވެ. އެ މުދައްރިސް އަކީ އަހަރެންގެ ކިޔެވުން ގަސްތުގައި ހަލާކުކޮށްލި "ޖަނަވާރެކެވެ." މާތް ﷲގެ އިރާދަފުޅުން އޭލެވެލް އަހަންނަށް "ކަޅު" ވި ނަމަވެސް މައިންބަފައިންގެ އުންމީދުތަކުގައި ކޮންމެވެސް ދުވަހަކުން އަހަރެން ކުލަ ޖައްސައިދޭނަމެވެ. އަދި ހަޔާތުގައި ކުރިމަތިވި އަނދިރިގަނޑަކީ އަހަރެންގެ މުސްތަގުބަލަށް އެޅޭނެ ހުރަކަށް ވުމަށް އަހަރެން ފުރުސަތެއް ނުދޭނަމެވެ. އަހަރެންގެ އުންމީދަކީ އަހަރެން ފަދައިން މުދައްރިސުންގެ ފަރާތުން ޖިންސީ ފުރައްސާރައާއި ކުރިމަތިވެފައިވާ ފަރާތްތައް އެކަމާއި ދެކޮޅަށް ނުކުމެ އަޑުއުފުލުމެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހުސޭނު

    އަޅުގަނޑުގެ ނަޒަރުގައި ތިން މީހުންގެ ކުއް އެބައޮތް.
    1. ބެލެނިވެރިން އަންހެން ކުއްޖާ ކުޔަށްދޭ ގެޔެއްގަ އެކަނި ބެހެއްޓުން. ބެލެނިވެރިންގެ އިހްމާލް
    2. ޓީޗަރު ކުއްޖާޔަށް ޖިންސީގޯނާ ކުރުން . ޓީޗަރގެ އިހްމާލު.
    3. ފިލާވަޅު ދަސްކުރުމުގެ ނަމުގައި ހިލޭ ފިރިހެނަކާ އެކަހެރިވުން. ކުއްޖާގެ އިހްމާލު.
    އެހެނީ މަ ކާނުލާށޭ ކިޔާފައި ސިންގާކޮށްޓަކަށް ފުންމާލުންއެއީ ގޯހެއް.
    މިކަހަލަ ކަންކަން ހައްލު ކުރެވޭނީ ވަކި މީހަކަށް ނޫން. ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާ ކޮށްގެން މިކަން ހައްލުވާނީ. މި އީ އަޅުގަނޑުގެ ހިޔާލު

    5
    2
    • ޙައްވަ

      ޢަޖައބު. ކީއްވެތަ ސިންގާ އަކާ ވައްތަރު ވީ

  2. ރައްޔިތު މީޙާ

    ސިވިލް ސަރވިސް އިން ވެސް އެބަ ބަލަންޖެހޭ. މީގެ އަހަރުތަކެއްކުރިން ހުށަހަޅާފަ ހުރި މައްސަލަ އޮފީސްތަކުން

  3. ބިސް

    ޓެސްޓުން ފޭލްވީމަ މި ބުނަނީ މުދައްރިސް ގަޔައް އެރީ އޭ! އޭރުގަ ހަނު ހުރީ ކީއްވެ؟؟ މުދައްރިސް ދެކެވާ ލޯތްބަކުން ދޯ؟

    1
    3
  4. ޒެޑޭ

    ފުރަތަމަ ދުވަހުވެސް އޮފީހަށް ހުސަހެޅި ނަމަ ތިހެން ނުވީސް... އަންހެނުން ނަކީ ވަރައް ސްޓޯނގް ބައެށް. ދެނ ވެސް ކުއްޖަކަށް މިކަހަލަ ކަމެ ވެއްޖިޔާމު ފިޔަވަޅު އަޅާތި...

  5. އަޙްމަދު

    ކުއްޖާގެވެސް އިހުމާލު އެބައޮއި ތީގަ. ސުކޫލް މެނޭޖްމަންޓަށް ތިކަން ހުށައެޅިނަމަ ތިޔަކަން ހައްލުވިސް. މާއްދާއިން ފެއިލްކޮށެއް ނުލެވޭނެ އެހާ ފަސޭހައިންނެއް!

  6. ތަނުއްޝުރީ ދައްތާ

    އަހަރެން ކައިރިން ކޮޕީ ކުރީ ދޯ! އަހަރެން ވެސް ނާނާ ޕަޓްކަރް އާދެކޮޅަށް ނިކުމެގެން މިއުޅެނީ، މީގެ 10 އަހަރު ކުރިން ހިނގި ތިކަހަލަ ހާދިސާ އަކާ ގުޅިގެންނެވެ. ކަލޭ ވެސް ތި ދައްކަނީ މީގެ 5 އަހަރު ކުރީގެ ވާހަކަ އެވެ.

  7. ކެކެކެ

    އަދި ތަންކޮޅެއް އަވަސް ތިވާހަކަ ދައްކަން..ކަމެއް ގޯސްވީމާ އެހެން މީހުން ބޮލަށް ކަނޑާލުން ތީހަމަ ދިވެހިންގެ މާތް ރިވެތި ސިފަ..ތިހެން ވަރަށް ގިނަ މީހުން ފާޑުފާޑު ސްޓޯރީ ކިޔައިދޭ އަޑީގައި އޮތީ އެހެން ބޭނުމެއް ދެން ތަނެއް ދޮރެއް ބަލާނުލާ ކުއްޖާ ބުނިބުނިން 5 ހެކި ހަމަކޮށްކޮށް އިނޮސެންޓް މީހެއްގެ އަބުރުކަތީލާ އެނިމުނީނު

    1
    1