ޖިންސީ އަނިޔާގެ ސަބަބުން އަންހެނުންގެ ދަރިމައިވާ ނިޒާމަށް ނުރަނގަޅު އަސަރުކޮށް ގެއްލުން ލިބޭކަން ދިރާސާއަކުން ހާމަވެއްޖެއެވެ.

ހާހަކަށްވުރެ ގިނަ އަންހެނުން ބައިވެރިކޮށްގެން އެމެރިކާގެ ޔުނިވާސިޓީ އޮފް ލޯވާގެ ތަޖުރިބާކާރުން ދާދިފަހުން ކުރިއަށްގެންދިޔަ މި ދިރާސާއިން އެނގިފައިވާގޮތުގައި، އަންހެނުން ދަރިމައިވުމަށް މައްސަލަ ދިމާވެ ދާއިމީ ގޮތެއްގައި އެ ނިޒާމަށް ގެއްލުން ލިބުމުގެ މައިގަނޑު އެއް ސަބަބަކީ ޖިންސީ ހާނިކަ އާއި ގޯނާ ލިބުމެވެ.

މި ދިރާސާއިން އެނގުނު ގޮތުގައި، ޖިންސީ އަނިޔާގެ ޝިކާރައަކަށް ވެފައިވާ އަންހެނުން، އެނޫން އަންހެނުންނާއި އަޅާ ބަލާއިރު ދަރިމައިވާ ނިޒާމުގެ ބާރުދަށްވެ އެ ނިޒާމުގައި މައްސަލަ ހުންނަ މިންވަރު 33 އިންސައްތަ އަށް އިތުރެވެ. އެހެންކަމުން ނިސްބަތުން ބަލާއިރު، މި މައްސަލަ ކުރިމަތިވެފައިވާ މީހުންގެ ތެރެއިން، ޖިންސީ ގޯނާ ލިބިފައިވާ އަންހެނުން ބޮޑު ބައެއް ހިއްސާކުރާނެ ކަމަށް ވަނީ ޤަބޫލުކުރެވިފައެވެ.

އުމުރުން 21 އަހަރާއި 52 އަހަރާއި ދެމެދުގެ ހާހަކަށް އަންހެނުން ބައިވެރިކޮށްގެން ކުރިއަށްގެންދިޔަ މި ދިރާސާގައި ހޯދި ހޯދުންތަކުން ހާމަވެފައި ވަނީ، އޭގެތެރެއިން 18 އިންސައްތަ މީހުންނަށް، އުމުރުގެ ކޮންމެވެސް ހިސާބެއްގައި ޖިންސީ ގޯނާ ލިބިފައިވުމުގެ ސަބަބުން ދަރިމައިވާ ނިޒާމަށް ގެއްލުންވެ އެ ނިޒާމުގެ ބާރުދަށްވެފައި ވާކަމެވެ. މީގެ އިތުރުން ސިއްޙީ މައްސަލަތަކާއި ދުންފަތުގެ އިސްތިއުމާލު ކުރުމާއި އެނޫންވެސް އެފަދަ ކަންކަމުގެ ސަބަބުން ދަރިމައިވުމަށް ހުރަސް އެޅިފައި ތިބި އަންހެނުން ދިރާސާގެ ބައިވެރިންގެ ތެރޭގައި ހިމެނުނެވެ.

ދަރިމައިވާ ނިޒާމުގެ ބާރުދަށްވެ އެ ނިޒާމަށް މައްސަލަ ކުރިމަތިވުމަކީ އެކަމަށް ފަރުވާ ކުރުން އުނދަގޫ ހާލަތެކެވެ. މި ހާލަތު މެދުވެރިވެފައިވާ ގިނަ ޢަދަދެއްގެ ބަޔަކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅެމުންދާއިރު، އެކަމުން ރައްކާތެރިވުމަށް މި ދިރާސާ އެހީއަކަށް ވެގެންދާނެ ކަމަށް ދިރާސާގެ އިސް ތަޖުރިބާކާރުން ޤަބޫލުކުރެއެވެ.

މި ދިރާސާގެ ތަފްސީލީ ރިޕޯޓު، ކޮލޮރާޑޯގެ ޑެންވާގައި މި ހަފްތާގައި ބާއްވާ އެމެރިކަން ސޮސައިޓީ އޮފް ރީޕްރޮޑަކްޓިވް މެޑިސިން (އޭއެސްއާރުއެމް) ގެ ކޮންފަރެންސުގައި ހުށަހެޅުމަށް އެފަރާތްތަކުން ދަނީ ތައްޔާރުވަމުންނެވެ.