ރޭޕް ކުރާ އިންޑިއާ މީހުން ފުލުހުންނާއި ހަވާލުނުކޮށް ދިރިތިއްބާ އަންދާލަން ސިޔާސީ ލީޑަރަކު ގޮވާލައިފިއެވެ.

ރޭޕް ކުރުމުގެ ހަޑިހުތުރު އަމަލު ހިންގާ މީހުން ދިރިތިއްބާ އަންދާލުމަށް ގޮވާލާފައި ވަނީ އިންޑިއާގެ ލެޖިސްލޭޓިވް އެސެމްބްލީގެ އަންހެން މެންބަރެއް ކަމަށްވާ ގެނިބެން ތަކޯރް އެވެ.

ޖިންސީ އަނިޔާ ކުރުމާއި ރޭޕް ކުރުން ހައްދު ފަހަނައަޅައި ގޮސްފައިވާ އިންޑިއާގެ ސިޔާސީ ލީޑަރަކު، ރޭޕް ކުރުމުގެ އަމަލު ހިންގާ މީހުން ދިރިތިއްބާ އަންދާލަން ގޮވާލާފައި މިވަނީ ދާދި ފަހުން އިންޑިއާގައި 14 މަހުގެ ތުއްތު ކުއްޖަކު ރޭޕް ކުރުމުން އެކަމާއި ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ.

އެކުއްޖާ ރޭޕް ކުރުމުން އަންހެނުންގެ ގްރޫޕަކުން ވަނީ ގެނިބެން އާއި ބައްދަލުކޮށް އެކުއްޖާ އަށް އިންސާފު ހޯދައި ދިނުމަށް މަސައްކަތް ކޮށްދިނުމަށް އެދިފައެވެ. ގެނިބެން އާއި ބައްދަލު ކުރަން އޭނާގެ ގެއަށް ދިޔަ އަންހެނުންނާއި ވާހަކަ ދެއްކުމަށް ފަހު މީޑިއާ އަށް މައުލޫމާތު ދެމުން ބެނިބެން ވިދާޅުވީ ރޭޕް ކުރުމުގެ އަމަލު ހިންގާ މީހުން ފުލުހުންނާއި ހަވާލު ކުރުމުގެ ބަދަލުގައި އެމީހުންގެ ގަޔަށް ޕެޓްރޯލް އެޅުމަށް ފަހު ފުލުހުން އައުމުގެ ކުރިން އެމީހުން އަންދާލަން ޖެހޭ ކަމަށެވެ.

ގެނިބެން މިގޮތައް ވާހަކަ ދެއްކި މަންޒަރު ފެންނަ ވީޑިއޯ އެއް މިހާރު ވަނީ ވައިރަލް ވެފައެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި ގެނިބެން ވިދާޅުވަނީ "ރޭޕް ކުރުމުގެ އަމަލު ކުރާ މީހާ ހިފަހައްޓާ އިރު އެތަނުގައި ތިބޭނެ 500 މީހުން. ނޫނީ 50 ވަރަަކަށް މީހުން. އެމީހުން ހަދަންވީ ގޮތަކީ އެއަމަލު ހިންގި މީހާގެ ގަޔަށް ޕެޓްރޯލް އަޅާ އަންދާލަންވީ. އެކަން ކުރާ މީހުން ހައްޔަރެއް ނުކުރެވޭނެ. ކިހިނެއް 50 މީހުން ހައްޔަރު ކުރާނީ. އެކަމެއް ނުވާނެ."

ގެނިބެންގެ ވާހަކަތަކަށް ބައެއް މީހުން ވަނީ ފާޑުކިޔާފައެވެ. އަދި އޭނާގެ ވާހަކަތަކަކީ އަނިޔާވެރި ކަމަށް ހިތްވަރުދޭ ވާހަކަތަކެއް ކަމަށް ބުނެ މައްސަލަ ފުލުހުންނަށް ވެސް ވަނީ ހުށަހަޅާފައެވެ. ނަމަވެސް ފުލުހުން ވިދާޅުވީ ގެނިބެންގެ ވާހަކަތަކަކީ ރުޅި ގަދަވެފައި ތިބި ބަޔަކު މައިތިރި ކުރަން ދެއްވި ވާހަކައެއް ކަމަށާއި އޭނާގެ ވާހަކައިގައި މާބޮޑު މައްސަލައެއް ނެތް ކަމަށެވެ.

ރޭޕް ކުރާ މީހުންނަށް މިހާރު ވެސް އިންޑިއާގައި މަރުގެ އަދަބު ދެއެވެ. ނަމަވެސް ރޭޕް ކުރުމާއި ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް މަދުވެފައިވާ ކަމަކަށް ފާހަގައެއް ނުކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިންސާފު

    ކޮބާ ތަ ހުމަން ރައިޓްސް.. މުސްލިމުން ކަމެއް ކުރަން އުޅުނީމަ ދޯ ފެންނަނީ

  2. އެމްޑީޕީ ޖަޒީރާ

    އާނ އެބަރަނގަޅުވާހެން ހީވަނީ ތިގައުމުގެ ހުރި ބޮޑުގެރިވެސް ކަތިލަންވީ

  3. ސައިބޯނި

    ބަލަ އިންޑިޔާގައި ޒިނޭކުރުމާއި އެއްޖިންސުން ގުޅުން ހިންގުމަކީ ހުއްދަކަމެއް. ދެން ކުޑަކުދިން ރޭޕް ކުރުން ކިހިނެއް މައްސަލައަކަށްވަނީ. އެއީ އިންޑިޔާގައި އޯކޭ ކަމެއް. މައްސަލައަކަށްވެގެން އުޅެނީ ޚަބަރު ފަތުރާ ވަސީލަތްތަކަށް.