ދަރިވަރެއްގެ ޙަޔާތުގައި ކޮންމެ ކުއްޖަކުވެސް އެންމެ ދެކެން ބޭނުންވާ އެއްދުވަހަކީ އެދަރިވަރަކީ މުޅި ސްކޫލުން އެންމެ މޮޅު ދަރިވަރުގެ މަޤާމަށް އެކުއްޖަކު ހޮވޭ ދުވަހެވެ. ދެފަރާތުގައި ދިދަ ހިފަގެން ކެޑޭޓުން ތިބެ ބޭންޑް މިއުޒިކާއި އެކު ހުރިހާ ހާޒިރީން އެކުއްޖަކަށްޓަކައި ކޮޅަށް ތެދުވެ ތިއްބާ، ވަކިން ޚާއްސަ މަޤަކުން ހިނގާލާފައި ދިއުމުން އެލިބޭ ހިތް ހަމަ ޖެހުމަކީ ހަމަ ގައިމުވެސް ދަރިވަރެއްގެ ޙަޔާތުގައި އަންނާނެ އެންމެ އުފާވެރި އެއް ވަގުތު ކޮޅެވެ.

2017 ވަނަ އަހަރު މެއި/ޖޫން މަހު ބޭއްވި އޭ ލެވެލް އިމްތިޙާނުގައި ބައިވެރިވި ލ.ގަން ޙަމަދުބިން ޚަލީފާ އާލް ޘާނީ ސްކޫލް (ޙަމަދު ސްކޫލް) ގެ ދަރިވަރުންގެ ތެެރެއިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އިއްތެ ރޭ ހޮވުނު އައިމިނަތު ނަހާ މިވަނީ މި ހުވަފެން ދެފަހަރު މަތިން ކާމިޔާބުކޮށްފައެވެ.

ނަހާއަށް ވަނީ މުޅި ސްކޫލްއިން ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް ހޮވިފައި ވަގުތު އިމޭޖްސް: އަރީޙް

ގްރޭޑް 8 ކުން ފެށިގެން ލ.ގަމުގައި ހުންނަ ޙަމަދު ސްކޫލުގައި ކިޔަވަމުން އަންނަ ނަހާ އަކީ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުމުގެ އިތުރުން މީގެ ދެ އަހަރު ކުރިން ހަމަ އެ ސްކޫލްގެ އޯ ލެވެލްގައި އެ ސްކޫލުން އެންމެ ރަނގަޅު ނަތީޖާ ހޯދާ، ސްކޫލްގެ ފަޚްރުވެރި ހުރިހާ ގޮތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާފައިވާ ދަރިވަރުގެ މަޤާމް ޙާސިލްކޮށްފައިވާ ދަރިވަރެވެ.

އިނާމު ދިނުމުގެ ޖަލްސާ ނިންމާލުމަށްފަހު "ވަގުތު" އަށް ދިން އިންޓަރވިއުއެއްގައި ނަހާވަނީ އޭނާގެ ކިޔެވުމުގެ ޙަޔާތުގެ ބައެއް ވާހަކަތައް ހިއްސާކޮށްފައެވެ.

"ބެސްޑް އޮފް އޯލް ރައުންޑް ދަރިވަރަކަށް ވާން އަބަދުވެސް މަސައްކަތް ކުރީ. އެންމެ ފުރަތަމަ މިގޮތަށް އަޒުމް ކަނޑައެޅުނީ ހަމަ މިސްކޫލްގެ ސަބަބުން. އަޅުގަނޑު އޭރު އުޅުނީ ގްރޭޑް 6 ގައި ހަނދާންވާ ގޮތުން. އޭރު އުޅުނީ (ގަމުގައި ހުންނަ) އިހައްދޫ ސްކޫލްގައި. މި މަޤާމް ހާސިލް ކުރަން ފުރަތަމަ އަޒުމް ކަނޑައެޅީ މިސްކޫލްގެ (ޙަމަދު ސްކޫލްގެ) އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި ކުއްޖަކަށް އެމަޤާމް ލިބުނު ހިސާބުން. ބޭނުންވީ އެކުއްޖާއަށް ލިބުނު ކަހަލަ ފަޚްރެއް އަޅުގަނޑުވެސް ހޯދަން" ނަހާ ބުންޏެވެ.

އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ނަހާ ޖަލީސުންނާއި މުޚާތަބުކޮށް ވާހަކަ ދައްކަނީ ވަގުތު އިމޭޖްސް: އަރީޙް

ނަހާ ކިޔައިދިން ގޮތުގައި ނަހާގެ އަޒުމަކަށްވީ އެ ފަޚްރާއި ޝަރަފާއެކީ، އެންމެންގެ އިޙްތިރާމާއިއެކީ ދިއުން ކަމަށާއި މިހާރު އެހުވަފެން ދެ ފަހަރު ކާމިޔާބު ވެއްޖެ ކަމަށެވެ. އަދި މިކަމަށް މައިންބަފައިންގެ ފަރާތުން އެއްބާރުލުން ލިބުނު ނަމަވެސް މާބޮޑު ޕްރެޝަރެއް ނުކުރާ ކަމަށާއި މިއީ އަމިއްލަ ކަމެއް ކަމަށް ދެކިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު އެދަވަހު ޓާގެޓް ކުރީ މިމަގާމަށް. ﷲ އިރާދަ ކުރެއްވިއްޔާ އަޅުގަނޑުގެ ޓާގެޓް ކާމިޔާބުވި މިއީ ދެވަނަ ފަހަރު" ނަހާ ބުންޏެވެ.

ނަޙާ ޤަބޫލު ކުރާ ގޮތުގައި ޝަކުވާ ކުރުމަކީ އެއްވެސް ކަމަކަށް ހައްލެއް ނޫނެވެ. އަދި ކުރަން އަޒުމް ކަނޑައަޅާ ކޮންމެ ކަމެއް ކެރިގެން ޖޯޝުގައި މަސައްކަތް ކޮށްފިނަމަ ކާމިޔާބު ވާނެއެވެ. މަތީ ޘާނަވީ ތަޢުލީމް ޙަމަދު ސްކޫލުން ޙާސިލް ކުރީ ކީތްވެގެންތޯ ކުރި ސުވާލުގެ ޖަވާބުގައި ނަހާ ބުންޏެވެ. ނަހާ ބުނި ގޮތުގައި އޭ ލެވެލް އިމްތިޙާނުން ރަނގަޅު ނަތީޖާ ހޯދޭނީ ހަމައެކަނި މާލެއަށް ގޮސްގެން ކަމަށް ބައެއް މީހުން ޤަބޫލު ކުރިޔަސް އެއީ ތެދެއް ނޫން ކަމަށެވެ. އަދި އޯ ލެވެލްއިން ރަނގަޅު ނަތީޖާ ހޯދުމަށްފަހު އޭލެވެލްއިން ބައެއް ދަރިވަރުން ދަށް ނަތީޖާއެއް އޭލެވެލްގައި ލިބެނީ ވަކި ސްކޫލެއްގެ މައްސަލައަކުން ނޫން ކަމަށާއި ކުރަން ޖެހޭ ވަރަށް މަސައްކަތް ނުކުރެވުމުން ކަމަށްވެސް ނަހާ ޤަބޫލު ކުރެއެވެ.

ސްކޫލްގެ ޕްރިންސިޕަލް ޝައުކަތް އަދި ޖަލްސާގެ ޝަރަފުވެރި މެޙްމާން ވަގުތު އިމޭޖްސް: އަރީޙް

"އޯ ލެވެލްއާއި އޭލެވެލް ވަރަށް ބޮޑަށް ތަފާތު. އޯ ލެވެލްގައި ޓީޗަރު އަތުން އަނގަޔަށް އަޅާދީގެންވެސް ރަނގަޅު ނަތީޖާއެއް ހޯދިދާނެ. އެކަމަކު އޭލެވެލްގައި ބޭނުންވާނީ ބުރަ މަސައްކަތް. އަމިއްލަޔަށް ކުރާ މަސައްކަތަކީ އޭލެވެލްގައި ވަރަށް މުހިންމު އެއްޗެއް. ކާމިޔާބު ހޯދަން ބޭނުންނަމަ އަދި ޓީޗަރުން ކިތަންމެ އެއްބާރުލުމެއް ދިންނަމަވެސް އަމިއްލައަށް ކިޔަވަން ޖެހޭ. އަމިއްލައަށް ޕާސްޕޭޕަރ ރިވައިސްކޮށް ފިލާވަޅުތައް މުޠާލިއާ ކުރަން ޖެހޭ. މޮޅުވަނީ ވަކި ސްކޫލަކުން ކިޔަވައިގެން ކަމަކަށް ޤަބޫލެއް ނުކުރަން." ޙަމަދު ސްކޫލުގައި އޭލެވެލް އިމްތިޙާން ހަދާ ގަދަ ދިހައިގެ ދެވަނަ ހޯދި ނަހާ ބުންޏެވެ.

ނަހާއާށްވަނީ ބޭނުންދާއިރާއަކުން އެވިޑް ކޮލެޖްއިން ކިޔެވުމުގެ ފުރުސަތު ދީފައި ވަގުތު އިމޭޖްސް: އަރީޙް

ނަހާގެ ހުވަފެން ދެފަހަރަށް ކާމިޔާބު ވެއްޖެއެވެ. ހުރިހާ ޝުކުރެއް ނަހާ އަދާ ކުރަން ބޭނުންވަނީ އާއިލާއަށާއި ޓީޗަރުން ނަށާއި އެކުވެރި ރަޙްމަތްތެރިންނަށެވެ. މިހާރު ނަހާ ދެކެމުން އަންނަ ހުވަފެނަކީ މެޑިސިން ދާއިރާއިން ކުރިޔަށް ގޮސް ދުނިޔޭގައި ނަން ހިނގާ ސާޖަން ޑޮކްޓަރއަކަށްވުމެވެ. އެއަޒުމާއި އެ ކެރުމާއި އެކީ ކުރިޔަށް ގޮސްފިނަމަ ނަހާގެ ހުވަފެނުގައި ކުލަ ޖައްސާނެ ކަމާމެދު ޝައްކެއް ނުކުރަމެވެ. ނަހާއަށް އަބަދުވެސް ކާމިޔާބީއަށް އެދެމެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރަނގަޅު

    މާޝާﷲ

  2. ގަމު ކުއްޖާ

    ރަށު ކުއްޖަކަށްވީތީ ފަޙުރުވެރިވަން.. އިންޝާﷲ ކާމިޔާބުވާނެ..

  3. ޙިޔާލު

    ވަރަށް ގަދަ☺

  4. ނަސޭހަތް

    ކިޔާވާ ކޮންމެކުއްޖަކު ނަހާފަދައިން އަޒުމްކަނޑައަޅާ ނަހާފަދަކުއްޖަކަށް ހުރިހާކުދިންނަށް
    ނުވެވިދާނެ ނަމަވެސް ހިތުގާ ޢަޒުމެއްކަނޑައަޅާ މައިންބަފައިންނާ ޓީޗަރުންގެ ބަސްއަހާ
    ރަަގަޅުކުއްޖަކަށްވެއްޖެނަމަ ވަރަށްގިނަކަންތައް ކާމިޔާބުވާނެ

  5. މަޖުބޫރު

    އިންޝާﷲ. ކުރިޔަށްވެސް ކާމިޔާބަށް އެދެން. އެކަމު ނަހާގެ ކާމިޔާބު ދެއްވުމަށް އިރާދަކުރެއްވި ފަރާތަށް ޝުކުރު ދަންނަވަން ހަނދާންނެތުނީތީ ހިތާމަކުރަން.