ކެންސަރަކީ އެއްވެސް ސަބަބެއްނެތި، އެއްވެސް ބޭނުމެއްނެތި، ހަށިގަނޑަށް މަތަނުވާ ވަރަށް (ކޮންޓްރޯލް ނުވާވަރަށް) ހަށިގަނޑުގައި އުފެދޭ ކޮންމެ އާއުފެދުމެކެވެ. ކެންސަރަކީ ހަށިގަނޑުގެ އެހެން ބައިތަކަށް ވަރަށް ފަސޭހައިން ފެތުރިގެންދާ އެއްޗެކެވެ.

ކެންސަރަކީ ދުނިޔެއިން ދެވަނައަށް އެންމެ ގިނަ މީހުން މަރުވާ ސަބަބެވެ. އިންޓަނޭޝަނަލް އެޖެންސީ އޮފް ރިސާޗް އޮން ކެންސަރ (އައި.އޭ. އާރް.ސީ) އިން ވިދާޅުވާ ގޮތުގައި ކެންސަރު ބަލީގައި މިއަހަރުގެ މިހާތަނަށް 9.6 މިލިއަން މީހުން ވަނީ މަރުވެފައެވެ. އަދި މިއަހަރު ނިމޭއިރު އެ އަދަދު 10 މިލިއަނަނަށް އަރާނެ ކަމަށް އެ އެޖެންސީއިން ބުނެއެވެ.

އައި.އޭ.އާރް.ސީ އިން ވިދާޅުވާ ގޮތުގައި މިއަހަރުގެ މިހާތަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކެންސަރު ޖެހިގެން 18.1 މިލިއަން މީހުން ފަރުވާ ހޯދައިފައިވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، (ޑަބްލިޔުއެޗްއޯ) އިން ވިދާޅުވާ ގޮތުގައި ކޮންމެ ފަސް ފިރިހެނުންގެ ތެރެއިން އެކަކަށް ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި ކެންސަރު ޖެހެއެވެ. އަދި ކޮންމެ ހަ އަންހެނަކުން އެއް އަންހެނަކަށް ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން ކެންސަރު ޖެހެއެވެ.

އަދި ދުނިޔޭގެ ގައުމުތަކުގައި އެންމެ ގިނައިން ރިޕޯޓު ކޮށްފައިވަނީ އުރަމަތީގެ ކެންސަރު އަދި ލޭގެ ކެންސަރު ޖެހިގެން ކަމަށްވެސް އިންޓަނޭޝަނަލް އެޖެންސީ އޮފް ރިސާޗް އޮން ކެންސަރ (އައި.އޭ. އާރް.ސީ) ވަނީ ވިދާޅުވިއެވެ.

އައި.އޭ. އާރް.ސީ އިން ވަނީ ކެންސަރު ޖެހުމުން ދުރުހެލިވުމަށް ނުރަނގަޅު އާދަތަކާއި ދުރުވުމަށް ގޮވާލައިފައެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލުކުރުމާއި، ރާބުއިމާއި، ހަށިގަނޑަށް ގެއްލުން ލިބޭ ކާނާ އާއި ކެންސަރަކަށް މަގުފަހިވާ ތަކެތި ކެއުމުން ދުރުހެލިވުމަށް އެ އެޖެންސީއިން ވަނީ ގޮވާލާފައެވެ.