އިންޑިއާގެ ގިނަ ބައެއްގެ ލޯބި ހޯދައިފައިވާ މަޝްހޫރު ޓީވީ ޕްރެޒެންޓަރު ޕްރިންސް ނަރޫލާ އާއި އޭނާގެ ލޯބިވެރިޔާ ޔުވިކާ ޗޯދަރީ ކައިވެނިކޮށްފިއެވެ.

މަޝްހޫރު ރިއަލިޓީ ޝޯ ބިގް ބޮސް ނުވައެއް ކާމިޔާބުކޮށްފައިވާ ޕްރިންސް އާއި ޔުވިކާ ބައްދަލުވެފައިވަނީވެސް އެޝޯގެ ތެރެއިންނެވެ. އެޝޯގެ ކާމިޔާބީއަށް ފަހު ދެތަރިން ވަނީ ރައްޓެހިވިކަން އިއުލާނުކޮށް އެންގޭޖުވެފައެވެ.

ޕްރިންސް އާއި ޔުވިކާ ރޭގެ ވަގުތެއްގައި ކައިވެނިކޮށްފައިވާއިރު ކައިވެނީގެ ހަފްލާގައި މަޝްޙޫރު ގިނަ ތަރިންނެއް ވަނީ ބައިވެރިވެފައެވެ. އެގޮތުން ބިގް ބޮސް 11 ގެ ބައިވެރިންކަމަށްވާ ޕްރިޔަންކް ޝަރުމާ އާއި ބެނަފްޝާ ސޫނަވާލާ، ކްރިކެޓް ކުޅުންތެރިޔާ އިރްފާން ޕަތަން އާއި ޓީވީ އެކްޓަރު ގުރްމީތު ޗޯދަރީ އާއި އޭނާގެ އަންހެނުން ދެބީނާ ވަނީ ބައިވެރިވެފައެވެ. އަދި ނޭހާ ދޫޕިއާގެ އިތުރުން ޓީވީ ހޯސްޓު ރަންވިޖޭ ވެސް ވަނީ ކައިވެނީގެ ހަފްލާގައި ބައިވެރިވެފައެވެ.

2015 ވަނަ އަހަރު ދެއްކި، ބިގް ބޮސް ނުވައެއް ޕްރިންސް ކާމިޔާބުކުރިއިރު އެއަހަރު އޭނާވަނީ އެމްޓީވީ އިން ދައްކާ މަޝްހޫރު ޝޯ ރޯޑީސް އެކް2 އަކާއި ސްޕްލިޓްސް ވިލާ 8 ކާމިޔާބުކޮށްފައެވެ. މިހާރު އޭނާއަކީ ރޯޑީސް އެކްސްޓްރީމް ގެ ގޭންގް ލީޑަރެއްވެސް މެއެވެ.

އުމުރުން 35 އަހަރުގެ ޔުވިކާ ވަނީ އޯމް ޝާންތި އޯމް އާއި ހެއްވާ މަޖާ ފިލްމު ނޯޓީ އެޓް 40 އާއި ދާދިފަހުން ނެރުނު ފިލްމު ވީރޭ ދީ ވެޑިންގައި ވެސް މަސައްކަތްކޮށްފައިވާ ކުޅަދާނަ ފަންނާނެކެވެ. އަދި ޔުވިކާ އަންނަނީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ޓީވީ ސީރީޒްއެއްކަމުގައިވާ ކުމްކުމް ބާގިޔާ ގައި މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު