މަޝްހޫރު މީހުންގެ ފޭނުންކީ، އެމީހުން ތާއީދުކުރާ ފަރާތްތަކަށް ޓަކައި ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ބައެއް ކަން، ވަރަށް ގިނަ ހާލަތްތަކުގައިވަނީ ހާމަވެފައެވެ. މިފަދަ ބައެއް ކަންކަމަކީ، ބައެއް ފަހަރު ޤަބޫލުކުރެވޭ ފަދަ ކަންތައްތަކެއްވެސް ނޫންމެއެވެ.

އެގޮތުން، ބޮލީވުޑުގައި އެންމެ ފޭނުން ގިނަ ޝާހް ރުކް ޚާންވަނީ އޭނާގެ ފޭނަކު ކުރި ކަމެއްގެ ވާހަކަ ވަރަށް ފަހުން އާއްމުންނާ ހިއްސާކޮށްފައެވެ.

ޝާހު ބުނެފައިވާ ގޮތުގައި، އެއް ދުވަހަކު ފޭނަކު ވަނީ ޝާހުގެ ވަރުގަދަ ގެ، "މަންނަތު" ގެ އެތެރެއަށް ގަދަކަމުން ވަދެ، ޝާހުގެ ޕޫލަށް ފުންމާލާފައެވެ. އެމީހާ އެގޮތަށް ކަންތައް ކުރުމުން، މަންނަތުގައި ހަރަކާތްތެރިވާ ސެކިއުރިޓީން އެމީހާ ނެރެން މަސައްކަތް ކުރަން ފެށިކަމަށްވެސް ބުނެފައިވެއެވެ.

ގާޑުން އައިސް، އެގޮތަށް ކަންތައް ކުރީ ކީއްވެގެންތޯ އެހުމުން، ފޭން ބުނިކަމަށްވަނީ އެއީ ޝާހް ފެންވަރާ ފެނުން ފެންވެރުމުގެ ބޭނުމުގައި ކުރިކަމެއް ކަމުގައެވެ.

މަޝްހޫރު ސެލެބްރިޓީންގެ ފޭނުން މިފަދަ ކަންކަން ކުރާއިރު، މިއީ އެންމެ ހައިރާންކުރަނިވި އެއް ކަންތައްތަކަމަށް އިންޑިޔާގެ ބައެއް ނޫސްތަކުންވެސް ވަނީ ބުނެފައެވެ.