މިދިޔަ އަހަރުގެ ފަހުކޮޅު އެޕަލްއިން ދުނިޔޭގެ ބާޒާރަށް ނެރުނު އައިފޯން 10 ނުވަތަ އައިފޯން އެކްސްގެ ވާހަކައަކީ ފާއިތުވެދިޔަ ދުވަސްތަކުގައި ފަހުގެ ޓެކްނޮލޮޖީތަކަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި އެންމެ ހަރު އަޑުން ދެކެވުނު އެއް ވާހަކައެކެވެ. އައިފޯން އެކްސްއަކީ އެޕަލް އިން އައިފޯނު ވިއްކަން ފެށިތާ 10 އަހަރު ފުރުން ފާހަގަކުރަން އެ ކުންފުނިން ނެރުނު ޚާއްސަ ފޯނެކެވެ. ނަމަވެސް މި ފޯނުގެ ޚާއްސަ ކަމާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދާފައި ވެއެވެ.

އައިފޯން އެކްސްއަކީ ފާއިތުވެދިޔަ ދުވަސްތަކުގެ އެންމެ ގިނައިން "ޝިޕް" ކުރެވުނު ސްމާޓް ފޯނު ކަމުގައި ވީނަމަވެސް، އެޕަލް ބްރޭންޑުގެ ގިނަ ޢަދަދެއްގެ ފޭނުން އަދިވެސް އައިފޯން އެކްސް ބޭނުން ނުކުރާކަން ދާދިފަހުން އެމެރިކާގެ ދިރާސާ ޓީމަކުން ކުރިއަށްގެންދިޔަ ދިރާސާއަކުން ވަނީ ހާމަވެފައެވެ. އެ ދިރާސާގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައި ވަނީވެސް، އައިފޯންގެ ފޭނުންގެ މެދުގައި އައިފޯން އެކްސްއަށް މާބޮޑު އަހަންމިއްޔަތު ކަމެއް ނުލިބިދިޔަ ސަބަބުތަކަށެވެ.

މި ދިރާސާގައި އިސްކޮށް ޙަރަކާތްތެރިވި އެނަލިސްޓެއް ކަމަށްވާ، މައިކަލް އޮލްސަން ބުނެފައިވާގޮތުގައި، އެމީހުންގެ ޓީމުން ވަނީ 1500 އަށްވުރެ ގިނަ އައިފޯން ބޭނުންކުރާ ފަރާތްތަކާއި ބައްދަލުކޮށް ސުވާލުކޮށްފައެވެ. މި މީހުންނަކީ އައިފޯންގެ ފޭނުން ކަމުގައި ވީނަމަވެސް، އައިފޯން އެކްސް ބޭނުން ނުކުރާ މީހުން ކަމަށް އޭނާ ބުނެފައި ވެއެވެ.

މައިކަލްގެ ޓީމުން ކުރިއަށްގެންދިޔަ މި ދިރާސާއިން އެނގުނުގޮތުގައި ދިރާސާގެ ބައިވެރިންގެ ތެރެއިން 44 އިންސައްތަ މީހުން އައިފޯން އެކްސް ބޭނުން ނުކުރަނީ، ނުވަތަ އައިފޯން އެކްސްއަށް މާބޮޑު ސަމާލުކަމެއް ނުދިނީ، އެ ފޯނު ނެރުމުގެ ކުރިން ބާޒާރަށް ނިކުތް އައިފޯން 8 އާއި 8 ޕްލަސް އާއި އަޅާ ބަލާއިރު، އައިފޯން އެކްސްގައި، "ހިތް ދަމައިގަންނަ ފަދަ، ވަކި ބޭނުންތެރި ނުވަތަ މުޙިންމު އާ ފީޗާއެއް ނެތުމުން"ނެވެ.

"އަހަރެމެންގެ ޓީމުން އެފަރާތްތަކާ ސުވާލުކުރުމުން ދިނީ ވަރަށް އާދައިގެ ޖަވާބެއް. ގިނަ މީހުން ބުނީ ކުރިން ބޭނުންކުރަމުންދިޔަ ފޯނު އަދިވެސް ހަމަ ރަނގަޅަށް މަސައްކަތް ކުރާތީ އައިފޯން އެކްސް އެއް ބޭނުން ނުވަނީ ކަމަށް. އަނެއް ބަޔަކު ބުނޭ ވަކި ބޭނުން ހިފޭ، ނުވަތަ "އެކްސައިޓް"ވާ ފަދަ ފީޗާއެއް އައިފޯން އެކްސްގައި ނެތޭ،" މައިކަލް ބުންޏެވެ.

މި ޓީމުން ކުރި ދިރާސާއިން އިތުރަށް ހާމަވިގޮތުގައި، ދިރާސާގެ ބައިވެރިންގެ ތެރެއިން 31 އިންސައްތަ މީހުން އައިފޯން އެކްސް އެއް ނުގަންނަނީ، އެ ފޯނުގެ ފީޗަރ ތަކަށް ބަލާއިރު ފޯނުގެ އަގު މާބޮޑަށް މަތިވުމުންނެވެ. ބާޒާރުގައި 999 އެމެރިކާ ޑޮލަރުން އަގު ފެށޭ އައިފޯން އެކްސް ގަންނަން، އައިފޯނަށް ލޯބިކުރާ މީހުން ބޭނުން ނުވާ ދެވަނަ ސަބަބަކީ އަގު ބޮޑުވުން ކަމަށް ދިރާސާއިން އެނގިގެން ދެއެވެ.

ދިރާސާއިން ހާމަވިގޮތުގައި، އައިފޯން އެކްސް ގަތުމަށް ދެން އެންމެ ގިނަ ބަޔަކު ބޭނުން ނުވާ ސަބަބަކީ އެ ފޯނުގެ ޑިސްޕްލޭގެ ސައިޒެވެ. ކުރީގެ ފޯނުތަކާއި ޑިސްޕްލޭ ތަފާތުވިނަމަވެސް އައިފޯން އެކްސް ތައްޔާރު ކުރެވިފައި ވަނީ ހަމައެކަނި ކުޑަ ޑިސްޕްލޭތައް ބޭނުންވާ ފަރާތްތަކަށްތޯ އެފަރާތްތަކުން ސުވާލު އުފައްދައެވެ.

މި ދިރާސާ ކުރިއަށްގެންދިޔަ ފަރާތުން ބުނެފައިވަނީ، ދިރާސާގައި ބައިވެރިވި 1500 މީހުންނަކީ އައިފޯން ބޭނުންކުރާ ހުރިހާ ފަރާތްތައް ތަމްސީލު ކުރާ މީހުން ކަމުގައި ނުވީނަމަވެސް، އެފަރާތްތަކުގެ ވާހަކަތަކަކީ އައިފޯން އެކްސްއަށް ބަދަލު ނުކުރާ، އައިފޯނުގެ ގިނަ ފޭނުންގެ ޝަކުވާކަމުގައެވެ. އަދި އެހެންކަމުން ކުރިއަށްއޮތް ތަނުގައި އެޕަލް އިން އުފައްދާ އުފެއްދުންތަކަށްވެސް، މިފަދަ ދިރާސާއެއްގެ ބޭނުން އެކުންފުންޏަށް ހިފިދާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށް އެފަރާތުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކެނެޑީ

    އެކަމު ރާއްޖޭގައި އައިފޯންއެކްސް ވަރަށް ބާރަށް އެބަވިއްކޭ އެހެންތާވާނީ މިތާ މީހުން އެކުސް ގަންނަނީ ކޮންމެހެން ފީޗާއެއް ހުރެގެނެއްނޫން ތިމާއަތުގަ އެންމެފަހުގެ އެތި އޮތްކަން ދައްކަން