ސްޕެއިންގެ މަލަގާގެ ކޮޓަރިއެއްގެ ބިންމަތީގައި ރަޔަން އެއަރގެ ކްރޫން ނިދާފައި ތިއްބާ ނަގާފައިވާ ފޮޓޯއެއް މީސް މީޑިއާގައި ދައުރުވާން ފެށުމުން އެ އެއާލައިންއިން މުވައްޒަފުންނާއި މެދު ކަންތައް ކުރަމުންދަނީ އިހާނެތިކޮށް ކަމަށް ބުނަމުންދާ މީހުން މަދެއް ނޫނެވެ.

ދެކޮޅު ބެލުމެއް ނެތި ވާހަކަދައްކާ ބަޔަކު މީސް މީޑިއާއަށް ތިލަކޮށްލި އެ ފޮޓޯގައި ހަ ކްރޫ މެންބަރަކު ނިދާފައި އޮންނަ މަންޒަރު ފެނެއެވެ. ޔަގީނުންވެސް އެއީ އެ މީހުންނަށް ނިދަން ފަސޭހަތަނަަކަށް ނުވާނެއެވެ. ނަމަވެސް އެ މީހުން ރެސްޓްކޮށްލަން އެރޭ ހަމައެކަނި ލިބުނުތަނަކީ އެއީއެވެ.

އެ ހިސާބަަށް ވަރަށް ބޮޑަށް ވިއްސާރަވެ ތޫފާން އެރެމުގެ ސަބަބުން، ރަޔަން އެއަރގެ އެ ފްލައިޓް މަލަގާގައި މަޑު ކުރަން ޖެހުމުން، އެ ކްރޫންނަށްވެސް މަޖުބޫރުވީ އެތަނުގައި މަޑު ކުރާށެވެ. އެ މަތިންދާ ބޯޓަކީ މަލާގާގައި ރޭ ކުރާ ބައެއް ނޫނެވެ. ނަމަވެސް އެ ދުވަހުގެ ދިމާވި އެ ހާލަތުގެ ސަބަބުން އެ ކްރޫން މަލަގާގައި މަޑުކުރަން ޖެހުނުއިރު، އެ ސަރަހައްދުގެ ހުރިހާ ކުއްޔަށް ދޭ ކޮޓަރިތައްވެސް ހުރީ ފުލްވެފައެވެ. އެހެންވެ ކްރޫން ނިދާނެ އެއްވެސް ތަނެއް ވަނީ ލިބޭގޮތް ނުވެފައެވެ.

މިދިޔަ ހަފްތާ ތަރޭގައި ޔޫރަޕްގެ ގައުމުތަކަށް އެރި ތޫފާނުގެ ސަބަބުން ވަރަށް ގިނަ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުނެވެ. އޭގެން ދުވަހެއްގައި ވާނުވާ ނޭގި ތިބެ ރަޔަން އެއަރގެ ސީއީއޯއަށް ޓެގްކޮށް، ޓްވީޓްކުރި އެ ފޮޓޯއާއެކު އެ މީހާ ވަނީ އެ އެއާލައިނުން ކްރޫންނާއި މެދު ކަންތައް ކުރާ ގޮތުގެ ވާހަކަތައް ދައްކާފައެވެ.

ޓްވީޓްތަކަށް ރަޔަން އެއަރގެ ސީއީއޯ ވަނީ ޖަވާބުވެސް ދީފައެވެ އެގޮތުން ކްރޫން އެތަނުގައި ނިދަން ޖެހުނީ މަލަގާގެ ހުރިހާ ކުއްޔަށް ދޭ ކޮޓަރިތަކެއް އެރޭ އެއްކޮށް ފުލްވެފައިވާތީ ކަމަށް ބުނެފައެވެ.

މި މަހުގެ 13 ވަނަ ދުވަހު ޕޯޗުގަލްގެ ޕޯރޓޯއަށް ތޫފާން އަރާ ކުރަމުންދިޔަ ވިއްސާރާގައި ރަޔަން އެއަރގެ އެ މަތިންދާ ބޯޓު މަލަގާއަށް ޑައިވާޓް ކުރީ އިތުރަށް ކުރިއަށް ދެވޭނެ ވަރަށް ރައްކާތެރިނުވުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އެ ދުވަހަކީ ޗުއްޓީ ދުވަހެއްކަމުން ހުރިހާ ހޮޓާލެއް ހުރީ ފުލްވެފައެވެ.

އަދި ކްރޫން އެތަނުގައި ތިބެން ޖެހުނީ ވަރަށް މަދު ވަގުތު ކޮޅަކަށް ކަމަށާއި، ފަހުން ކްރޫން އިން ވީއައިޕީ ލޯންޖަށް ގެންގޮސްފައިވާކަމަށްވެސް ރަޔަން އެއަރއިން ބުންޏެވެ. އަދި އަނެއް ދުވަހުގެ ހެނދުނު އެ މަތިންދާ ބޯޓު ޕޮރޓޯއަށް ގޮސްފައިވާކަމަށްވެސް ވެއެވެ.

ރަޔަން އެއަރގެ މައްސަލަތަކެއް ހުންނަ ކަމަަށް ބުނެ މީގެ ދުވަސްކޮޅެއް ކުރިން ފެންމަތިވެ، އެތަނުގެ މުވައްޒަފުންތަކެއް އަޑުއުފުލަމުން ގެންދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލަވްލީ

    އެއީ އިންސާނާގެ އަސްލު ހާލަތު....

    އެއްދުވަހު އަރާމު ތަންމަތި އަނެއްދުވަހު އާދައިގެ ތޮށައްޔެއް.

    އަބަދަކު އުފަލާ އަރާމެއް އެއްވެސް އިންސާނަކަށް ލިބިގެނެއް ނުވޭ. މިހަގީގަތް އަހަރެން ގަބޫލު ކުރަން.