މައިކްރޯސޮފްޓް ގެ ކޯ-ފައުންޑަރެއް ކަމަށްވާ ޕޯލް އެލަން މަރުވެއްޖެއެވެ.

ބިލިއަނަރު ޕޯލް އެލަން މަރުވެފައިވަނީ އުމުރުން 65 އަހަރުގައި، ލޭގެ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. ޕޯލްގެ އާއިލާއިން އޭނާ މަރުވެފައިވާކަން ހާމަކޮށްފައިވަނީ ހޯމަ ދުވަހުއެވެ.

ޕޯލް ބެލި ޑޮކްޓަރުންނާއި ހަވާލާދީ ބައެއް މީޑިއާތަުން ރިޕޯޓްކޮށްފައިވާގޮތުގައި ޕޯލް މަރުވެފައިވަނީ ލޭގެ ކެންސަރުގެ ބާވަތެއް ކަމަށްވާ ނޮން-ހޮޑްޝްކިން ލިމްފޯމާއަށް ފަރުވާ ހޯދަމުން ގެންދަވަނިކޮށެވެ

2009 ވަނަ އަހަރުން ފެށިގެން ޕޯލްއަށް އަންނަނީ ސިއްހީ އެކި މައްސަލަތަށް ކުރިމަތިވަމުންނެވެ. މީގެ ކުރިންވެސް ޕޯލް ވަނީ ކެންސަރަށް ފަރުވާ ހޯދައިފައެވެ. ނަމަވެސް އަލުން ކެންސަރު ޖެހުނުކަން ޕޯލް ހާމަކުރީ މީގެ ދެ ހަފުތާ ކުރިން ބަލި ހާލަތު ގޯސްވެ ހަސްފަތާލުގައި އެނދުމަތިކޮށްފައިވަނިކޮށެވެ.

ޕޯލްގެ މަރާ ގުޅިގެން، މައިކްރޯސޮފްޓްގެ އަނެއް ކޯ-ފައުންޑަރު އަދި މައިކްރޮސޮފްޓްގެ ބާނީ ބިލް ގޭޓްސް ވިދާޅުވީ ޕޯލް މަރުވުމުން އޭނާއަށް ވަރަށް އަސަރުކޮށްފައިވާ ކަމަށާއި ޕޯލް އަކީ ވަރަށް ގާތް ޒަމާންވީ އެކުވެރިއެއް ކަމަށެވެ. މީގެ އިތުރުން ޕާސަނަލް ކޮމްޕިއުޓިން މިއަދު މިއޮތީ އޭނާގެ ސަބަބުން ކަމަށްވެސް ބިލިއަނަރު ބިލް ގޭޓްސް ވިދާޅުވިއެވެ.

ޕޯލް މަރުވުމާއި ގުޅިގެން ޓެކްނޮލޮޖީ ދާއިރާގެ މަޝްހޫރު މީހުންނާއި ބޮޑެތި ކުންފުނިތަކުގެ ވެރިން ގެންދަވަނީ އެކަމާއި ހިތާމަފާޅުކޮށް ބަޔާންތައް ނެރެމުންނެވެ.

ބިލް ގޭޓްސް އާއި ޕޯލް މައިކްރޯސޮފްޓް އުފެއްދީ 1975 ވަނަ އަހަރު އެވެ. އޭނާގެ 100 މިލިއަން ހިއްސާ މިހާރު ވެސް މައިކްރޯސޮފްޓްގައި އެބައޮތެވެ. ފޯބްސް އިން ލަފާކުރާ ގޮތުގައި ޕޯލް އަކީ ދުނިޔޭގެ 49 ވަނަ އަށް އެންމެ މުއްސަނދި މީހާ އެވެ. އޭނާގެ މިލްކިއްޔާތުގައި 20.3 ބިލިއަން އެމެރިކާ ޑޮލަރު އެބަހުރި ކަމަށް ވެއެވެ.