އުމުރުން 17 އަހަރުގައި ރޭޕްގެ ޝިކާރައަކަށްވެ ބަނޑުބޮޑުވި އަންހެން ކުއްޖާއަށް ވިހެއިތާ ތިން ދުވަސް ފަހުން، ދަރިފުޅު މަރުވެއްޖެއެވެ.

އިންޑިއާގެ މީރްގަންޖއަށް ނިސްބަތްވާ އެ އަންހެން ކުއްޖާ ވިހާފައި ވަނީ އަންހެން ކުއްޖެކެވެ. އެ ކުއްޖާ ވިހެއިތާ ތިން ދުވަސް ފަހުން، އެ ދަރިފުޅު މަރުވިއިރު، އާއިލާއިން ބުނަނީ، އެ ތުއްތު ކުއްޖާ މަރުވީ މާބޮޑަށް ބަލިވެގެން ކަަމަށެވެ.

ނަމަވެސް އެކަމުގައި ގޯހެއް އުޅޭކަމަށް ބުނެ، ފުލުހުން ވަނީ އެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާލާފައެވެ.

ރޭޕްގެ ޝިކާރައަށްވި އެ ކުއްޖާ ރޭޕްކޮށްފައި ވަނީ އުމުރުން 33 އަހަރުގެ މީހެކެވެ. އެއީ އެ އަންހެން ކުއްޖާގެ އަވައްޓެރިއެކެވެ. އޭނާ މާބަނޑުކަން އާއިލާއަށްވެސް އެނގުނީ ބަނޑަށް ހަތް މަސް ފަހުންނެވެ. އަދި އޭނާ ރޭޕްކުރި ވާހަކަ މައިންބަފައިންނަށް ކިޔާދިނީވެސް މިދިޔަ އޮގަސްޓް މަހު ކަމަށާއި، އެ މައްސަލާގައި އެ ފިރިހެން މީހާ އެ މަހު ހައްޔަރުކޮށްފައިވާކަަމަށް ރިޕޯޓްތައް ބުނެއެވެ.

އެ އަންހެން ކުއްޖާ ވިހާފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. އަދި އޭނާގެ ދަރިފުޅު މަަރުވީ މިދިޔަ އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

އެެ އަންހެން ކުއްޖާގެ އާއިލާއާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، އެ މީހުންގެ ކޮއްކޮ ރޭޕްކޮށްފައި ވަނީ، އެކަނި ގޭގައި އުޅުނު ވަގުތެއްގައެވެ. އަދި އެ މީހުން ބުނީ، އެ ކޮއްކޮ ރޭޕްކޮށްފައި ވަނީ، ކައިވެންޏެއްކޮށްގެން އުޅޭ ހަތަރު ދަރިންގެ ބައްޕައެއް ކަމަށެވެ.