އެލެކްސް ކްރަމާ އަކީ ހިތްވަރު ގަދަ ކަމުގެ ނަމޫނާ އެކެވެ. މިހާރު ދެކުދިންގެ މަންމަ އަކަށް ވެފައިވީ ނަމަވެސް މިހާހިސާބަށް އައުމަށް އޭނާ ކުރި ދަތުރަކީ އުނދަގޫ ދަތުރެކެވެ.

އިނގިރޭސިވިލާތައް ނިސްބަތްވާ އުމުރުން 40 އަހަރުގެ ކްރަމާގެ އުމުރުން 20 އަހަރު ފުރުނު އިރު އޭނާ ހުރީ ކައިވެނި ކޮށްގެންނެވެ. ކައިވެންޏަށް ފަހު ދެމަފިރިން ވެސް އުއްމީދު ކުރީ އަވަހަށް ދަރިއަކު ލިބި އުފާވެރިކަން އިތުރު ވެގެން ދާނެ ކަމަށެވެ.

ފުރަތަމަ ދަރިފުޅަށް ބަލިވެ އިންތާ ގިނަ ދުވަސްތަކެއް ނުވަނީސް ދަރިފުޅު ބައިގެން ދިޔައެވެ. ލިބުނު ހިތާމަ ހަނދާން ނައްތާލުމަށް ފަހު ދެވަނަ ފަހަރަށް ވެސް ބަލިވެ އިނެވެ. އެފަހަރު ކްރަމާ ބަލިވެ އިނީ އެއްމާބަނޑު ދެކުދިންނަށެވެ. ނަމަވެސް ދުނިޔެ އަށް ނޭވާ ނުލާ ދެކުދިން ވެސް ވަކިވެގެން ދިޔައީ އެވެ.

ކްރަމާ އާއި އޭނާގެ ފިރިމީހާ ސްކޮޓް ދަރިއަކު ހޯދަން ތަފާތު ފަރުވާތައް ބޭނުންކޮށް، ޑޮކްޓަރުންނާއި ތަޖުރިބާކާރުންގެ ޚިޔާލު ހޯދައިގެން އެތައް ފަހަރަކު މަސައްކަތް ކުރިއެވެ. ނަމަވެސް ޖެހިޖެހިގެން 35 ފަހަރު ދަރިފުޅު ބައިގެން ދިޔައީއެވެ.

ލިބުނު ހިތާމަ އާއި ހިތްދަތިކަން ފިލައިގެން ދިޔައީ މީގެ ހައަހަރު ކުރިން ދަރިފުޅު އިސޮބެލާ ލިބުމުންނެވެ. އެއީ އެތައް އަހަރެއް ވަންދެން ދެމަފިރިން ދެކެމުން އައި ހުވަފެނެއް ހަޤީޤަތަކަށް ވުމެވެ. އަދި ދުވަހަކު ވެސް ހާސިލް ނުވާނެ ކަމަށް ހީކޮށްގެން ތިބި އުއްމީދެއް ހާސިލް ވުމެވެ. އޭގެ ފަހުން ދެމަފިރިންނަށް ވަނީ މިހާރު އުމުރުން 4 އަހަރުގެ ޖޯޝް ވެސް ލިބިފައެވެ.

ދެދަރިންނާއި އެކު ކްރަމާ އާއި ސްކޮޓް މިހާރު އުޅެމުން ދަނީ ވަރަށް އުފާވެރި ދިރިއުޅުމެވެ. ކުރީގެ ހިތާމަވެރި ހަނދާންތައް މިހާރު އެމީހުންގެ ސިކުނޑީގައި ބަހައްޓާކަށް އެމީހުން ބޭނުމެއް ނުވެއެވެ.