ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމުގައިވާ އަޖޭ އާއި ކާޖޮލްގެ ކައިވެންޏާއި ބެހޭ ގޮތުން ކުރިންވެސް ވަރަށް ގިނަ ވާހަކަދައްކާފައި ވެއެވެ. އަނެއްކާވެސް އެެހެން ވާހަކައެއް ދައްކާލަމާ ހިނގާށެވެ.

ކާޖޮލް ދާދިފަހުން ދިން އިންޓަވިއުއެއްގައި ބުނީ، އޭނާއާއި އަޖޭ އާއި ދެ މީހުން ކައިވެނި ކުރަން އެއްވެސް މީހަކުގެ ރުހުން ލިބިފައި ނުވާކަމަށެވެ. އެ މީހުން އެކަމާއި ނުރުހުނީ ދެ މީހުންނަކީ ވަރަށް ތަފާތު ދެ މީހުންކަމުގައިވާތީ ކަމަށްވެސް ކާޖޮލް ބުންޏެވެ.

ނެހާ ދޫޕިއާގެ ޗެޓް ޝޯވގައިި ވާހަކަދައްކަމުން ކާޖޮލް ބުނިގޮތުގައި، އަޖޭ އާއި އޭނާގެ ކައިވެންޏަށް ދެ މީހުންގެ އާއިލާ މީހުންވެސް ނުގަބޫލުވި ކަމަށެވެ.

"އަހަރެން އަޖޭ އާއި ކައިވެނި ކުރާ ވާހަކަ ބުނުމުން ބައްޕަ އަހަންނާއި ހަފްތާއެއް ވަންދެން ވާހަކަވެސް ނުދައްކާ ހުރި" ކާޖޮލް ބުންޏެވެ. ބައްޕަ އެކަމާއި ނުރުހުނީ އޭނާ މާ އަވަހަށް ކައިވެނި ކުރަން އުޅުމުން ކަމަށް ކާޖޮލް ބުންޏެވެ.

"ބައްޕަ ބުނީ، އަހަރެން އެހާ އަވަހަށް ކައިވެނި ކުރަނީ ކީއްވެހެއްޔޭ، އަހަރެންގެ ކެރިއާ ވަރަށް ރަނގަޅަށް ކުރިއަށްދޭ ނުންހެއްޔޭ". ކާޖޮލް ބުންޏެވެ.

ކާޖޮލް ބުނިގޮތުގައި، ދެ މީހުން ވަރަށް ބޮޑު ތަފާތުކަމެއް ހުރިނަމަވެސް، އެ ގުޅުން ދަމަހައްޓަން ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށެވެ. އަދި ދެ މީހުންގެ މިހާރު ދެ ދަރިންވެސް އެބަތިބިކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

ކާޖޮލް އާއި އަޖޭ ކައިވެނިކޮށްފައި ވަނީ 1999 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24ވަނަ ދުވަހުއެވެ.