ކެންސަރު ބަލި ޖެހިފައިވާ ކަމަށް ބުނެ ދޮގުހަދައިގެން އޮންލައިން ވެބްސައިޓެއް ކަމަށްވާ "ގޯ-ފަންޑް-މީ" މެދުވެރިކޮށް ޢާންމުންގެ އަތުން ގިނަ ޢަދަދެއްގެ ފައިސާހޯދަމުންދިޔަ އޮސްޓްރޭލިއާއަށް ނިސްބަތްވާ އަންހެނަކާއި ދެކޮޅަށް ދަޢުވާކޮށްފިއެވެ.

އުމުރުން 27 އަހަރުގެ ލޫސީ ވެއިލެންޑް ނަމަކަށްކިޔާ އެ އަންހެން މީހާ އެ ވެބްސައިޓު މެދުވެރިކޮށް ފައިސާ ހޯދަމުން ދިޔައީ، ރަހިމުގެ ކެންސަރު ޖެހިފައިވާ އެހެން މީހެއްގެ ލިޔެކިއުންތަކެއް ބޭނުންކޮށްގެން ކަމަށް މި މައްސަލަ ބަލާ ކުއީންސް ލޭންޑުގެ ޓައުންސްވިލްގެ ކޯޓުން ބުނެފައި ވެއެވެ.

ފައިސާގެ ދަތިކަން ކުރިމަތިވެފައިވާ، އަދި އެފަދަ މީހުންނަށް އެހީތެރިވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބަޔަކު ބޭނުންކުރާ "ގޯ-ފަންޑް-މީ" ވެބްސައިޓުގައި އެ އަންހެން މީހާ ކެންސަރު ޖެހިފައިވާކަމަށް ބުނެ ކޮށްފައިވާ ޕޯސްޓަކީ ހަޤީޤަތެއް ނޫންކަން ހާމަވީ، ވެބްސައިޓު ބޭނުންކުރާ ބައެއް ފަރާތްތަކުން ޝައްކު ކުރެވިގެން ކުރި ޝަކުވާތަކާއި ގުޅިގެން ކުރިއަށްގެންދިޔަ ތަހުޤީޤަކަށް ފަހު ކަމަށް ޓައުންސްވިލްގެ ފުލުހުން ބުނެއެވެ.

އެ އަންހެން މީހާ އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ހޯދުމަށް އެ ވެބްސައިޓު ބޭނުންކުރަމުންދިޔައިރު، މީސްމީޑިއާގެ އެކިއެކި މަންސަތައް ބޭނުންކޮށްގެންވެސް ދިޔައީ އޮޅުވާލުންތައް އޮޅުވާލަމުންނެވެ. އެގޮތުން ބޯ ބޭލުމަށްފަހު ނަގާފައިވާ ފޮޓޯތަކާއި، އޮކްސިޖެން މާސްކު އަޅައިގެން ނަގާފައިވާ ފޮޓޯތައް ޢާންމުކޮށް، އޭނާގެ ބަލި ހާލަތު ގޯސްކަން ދޭހަވާފަދަ ވާހަކަތައް ވަނީ ދައްކާފައެވެ.

"އުފާވެރި ދުވަހަކަށް އެދެން! ރަނގަޅަށް ނިދި ނުލިބުނު ނަމަވެސް ނިމިދިޔަ ހަފްތާއިން ފެށިގެންވެސް މިއަދަކީ ފުރަތަމަ ފަހަރަށް، ދަތިކަމެއް އަދި ވޭނެއް އަޅަން ނުޖެހި ނޭވާ ލެވުނު ދުވަސް،" އޮކްސިޖެން މާސްކެއް އަޅައިގެން ހުރެ ނަގާފައިވާ ފޮޓޯއަކާއި އެކު އިންސްޓަގްރާމުގައި ލޫސީ ޢާންމުކުރި ޕޯސްޓެއްގައި ވެއެވެ.

އޮޅުވާލައިގެން ފައިސާ ހޯދުމަށް ލޫސީ ކުރަމުންދިޔަ މި މަސައްކަތުގައި ބައިވެރިވުމުގެ ތުހުމަތު އޭނާގެ ލޯބިވެރިޔާގެ މައްޗަށްވެސް ކުރެވިފައިވާއިރު، އެތައް ބައެއްގެ ފާޑުކިއުން އެދެމީހުންނަށް މިހާރު ދަނީ އަމާޒުވަމުންނެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުންގެ އޮފިޝަލަކު ނޫސްތަކުގައި ބުނެފައިވަނީ މިކަމުގެ ސަބަބުން ވަރަށް ގިނަ ޢާންމު ފަރާތްތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި އޭނާ ދޮގު ހަދައިގެން ލިޔެފައިވާ ލިޔުންތަކަށް ބަލައިގެން، ރަހުމުކޮށް އެހީވަމުންދިޔަ މީހުން މި ހާދިސާގެ ސަބަބުން ވަރަށް ބޮޑަށް ނުތަނަވަސް ވެފައިވާ ކަމަށް އޮފިޝަލް ބުނެފައި ވެއެވެ.

މި މައްސަލައިގައި ލޫސީ ހައްޔަރު ކުރިނަމަވެސް، އޭނާ މިހާރު ވަނީ ކަފާލާތުގެ ދަށުން މިނިވަންކޮށްފައެވެ. ނަމަވެސް ކޯޓުން ވަނީ މައްސަލަ ނިމެންދެން އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް އަމުރުކޮށްފައެވެ. ރިޕޯޓްތައް ބުނާގޮތުގައި، ލޫސީ ވަނީ އޮޅުވާލައިގެން މީހުންގެ އަތުން 55،000 އެމެރިކާ ޑޮލަރު ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވެންޗޫ

    ތިޔަކަހަލަ ކިތަންމެ މީހުންނެއް މާލޭގަ ވެސް ދަނީ ސަލާންޖަހާ އޮޅުވާލާގެން ލާރި ހޯދަމުން. ހާއްސަކޮށް ހުކުރު ދުވަހު އިސްލާމީ މަރުކަޒު ކައިރީ ފޮށިފޮށި ހިފައިގެންނާ އަތްދިއްކޮށްގެން އެތިބޭ މީހުންގެ ހަގީގަތް އެތާކައިރީ ޑިއުޓީ ކުރާ ފުލުހުން އެމީހުން ކައިރިއަށް ގޮސް ކުރެވުނު ގޮތަކުން އެމީހުންގެ އައިޑެންޓިޓީ ހޯދާ އެމީހުންނަކީ ހަމަ ސަލާން ނުޖަހާ ނުވާވަރުގެ މީހުންތޯ ބަލަންޖެހޭ. މޫނު ބުރުގާ އަޅާގެން ފޮއްޓެއް ހިފާގެން ހުންނަ މީހެއް މިހާރު އަހަރެއް ވެއްޖެ ކޮންމެ ހުކުރު ދުވަހަކު އެންމެ ހުކުރެއް ވެސް ވައްޓާނުލާ އިސްލާމީ މަރުކަޒު ކައިރީ އާޓްގެލެރީއާ ވީ ފަޅީގަ ހުންނަތާ. އޮޅުވާލާގެން ބަޔަކު ސަލާން ޖަހާތީ އަސްލު ސަލާން ޖަހަން ޖެހޭ ހާލުގައި ތިބޭ މީހުންނަށް ވެސް އެއްޗެއް ދޭކަށް ނޭގޭ މިހެންވާތީ

  2. މާސްޓަރ

    އޮންލައިން ކޮށް އަސްލު ބަލިތައް އޮޅުވާލައިގެން ފޭސްބުކް މެދުވެރުކޮށް ފައިސާ ހޯދާމީހުން ރާއްޖޭގައި ވަރަށް ގިނަ. ގިނަ ފަހަރަށް އާއިލާގެ ބަލިކުއްޖެއްގެ މައުލޫމާތު ބޭނުންކޮށްގެން ހޯދާފައިސާ އެކުދިންނަށް ޚަރަދުވެސް ނުކުރޭ.