އެމެރިކާގެ ކެލިފޯނިއާގެ އޯކްލޭންޑްގެ ކެފޭ އެއްގައި ސުލްހަވެރިކަމާއި އަމަން އަމާންކަން ދެމެހެއްޓުމަށްޓަކައި ފުލުހުންނަށް ކޮފީ އަދި އެހެނިހެންވެސް ޙިދުމަތްތައް ނުދިނުމަށް ނިންމައިފިއެވެ. ހަސްޓާ މުއާޓޭ ކޮފީ ނަމަކަށްކިޔާ މި ކެފޭއިން ދަނީ މިދިޔަ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޔުނިފޯމުގައި ތިބޭ ފުލުހުންނަށް ޙިދުމަތް ނުދީ ހިފަހައްޓަމުންނެވެ.

އެގޮތަށް އަމަލުކުރަން ނިންމީ ޔުނިފޯމުގައި ތިބޭ ފުލުހުން ކެފޭގައި ތިބުމުން އެ ތަނަށް އަންނަ އެހެން ކަސްޓަމަރުންނަށް ބިރުހީވެ އަމަންއަމާންކަން ގެއްލޭތީވެކަމަށް ކެފޭގެ ވެރިން ވަނީ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައެވެ. އެ މައްސަލައިގައި ފުލުހުންގެ މަތީ ފެންވަރުގެ އޮފިސަރުންގެ އިތުރުން އެކި ނަސްލުގެ ފުލުހުންނަށް ހާއްސަކުރެވިފައިވާ ޖަމިއްޔާއެއްގެ އިސް ފުލުހަކަށް ވެސް ވަނީ ޙިދުމަތް ނުދީ ފޮނުވާލައިފައެވެ.

އެކަމުގައި ފުލުހުންގެ ފަރާތުން އެއްވެސް މައްސަލައެއް އުފެދިފައިނުވާއިރު ފުލުހުން ވަނީ ޓްވިޓާރގައި ކޮންމެ ވިޔަފާރިއަކަށްވެސް އެ ފަރާތެއް ބޭނުންވާ ބަޔަކާއިއެކު ވިޔަފާރިކުރުމުގެ ހައްގަށް ފުލުހުން އިޙްތިރާމްކުރާނޭކަމަށް ބުނެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ހާލަތްތަކާއި ކުރިމަތިވުމުގެ ބަދަލުގައި ދެ ފަރާތުންވެސް އެކުގައި ވާހަކަދައްކައިގެން މުޖްތަމައުގެ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރުމަށްވެސް ފުލުހުން ވަނީ ގޮވާލައިފައެވެ.

ހަސްޓާ މުއާޓޭ ކެފޭއިން ވަނީ އެ ކެފޭ ހުންނަ ރަށުގެ ފުލުހުންނަށް ކޮރަޕްޝަންގެ އިތުރުން އެހެނިހެން ބައެއް ކުށްތަކުގެ ތުހުމަތުވެސް ކޮށްފައެވެ. އަދި ފުލުހުންނަށް ޙިދުމަތް ނުދެނީ ފުލުހުންގެ ފަރާތުން ކެފޭގެ އެހެން ކަސްޓަމަރުންނަށް ބިރުވެރިކަން އިހުސާސްވާތީވެކަމަށް ކެފޭގެ ވެރިފަރާތްތަކުން ކިޔައިދިން އިރު ވިޔަފާރި ކުރިއަރާނީ ފުލުހުންނަށް ހިދުމަތްކޮށްދިނުމުގެ ބަދަލުގައި ވަށައިގެންވާ މުޖުތަމައުއަށް ހިދުމަތްކޮށް ދިނުމުންކަމަށް ވެސް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު