މިއީ މީގެ ދުވަސްކޮޅެއް ކުރިން ފޭސްބުކާއި، މީސް މީޑިޔާގެ އެހެން މަންސަތަކުގައިވެސް ވަރަށް މަޝްހޫރުވެގެން ދިޔަ ފޮޓޯއެވެ. އެތައް ބައެއްގެ މެދުގައި މަޤުބޫލުވެގެން ގޮސް، މަޝްހޫރު ފަރާތްތަކުންވެސް ޝެއަރކޮށް، ރިޓްވީޓް ކުރި ފޮޓޯއެއްވެސްމެއެވެ. ތެދު ތެދަށް ބުނާކަމުގައިވާނަމަ، މިއީ އެތައް ބަޔަކު އަސަރުކުރުވި، އެތައް ވަރުގަދަ މެސެޖުތަކެއްވެސް ފޯރުކޮށްދިން ފޮޓޯއެއްމެއެވެ.

ފޮޓޯއިން ފެންނަނީ ކޮލެޖެއްގެ ދަސްވެނިވުމުގެ ރަސްމިއްޔާތަށްފަހު، ޒުވާން ފިރިހެނަކު، ބައިސްކަލު ގާޑިޔަލެއްގައި އޭނާގެ މައިންބަފައިން ގެންނަ ފޮޓޯއެވެ. ފޮޓޯ އިން ފެންނަ ގޮތުގައި ގްރެޖުއޭޝަން ކެޕު އަޅޫވާފައި އޮތީ ފިރިހެން މީހާގެ މަންމަގެ ބޮލުގައެވެ. ބައްޕަ ހުރީ ގްރެޖުއޭޝަން ގައުނު ލައްވާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ހަމަ ހަޤީޤަތުގައިވެސް ހިނހާފައިވާ ކަމެކެވެ. ފޭސްބުކުގައި އާއްމުވި ފޯސްޓުތަކުން ބުނާގޮތުގައި މި ބަންގްލަދޭޝްގެ ޑާކާ ޔުނިވާސިޓީ އިން އިންޖިނިއަރިންގެ ދާއިރާއިން ދަސްވެނިވި މީހެކެވެ. އެނގިފައިވާ ގޮތުގައި، މި ޒުވާން ފިރިހެން މީހާގެ ނަމުގެ ގޮތުގައިވެސް އެކި ފަރާތްތަކުން ގެނެސްފައިވަނީ އެކި ނަންނަމެވެ.

އެގޮތުން، މިއީ ޑާކާ ޔުނިވާސިޓީގައި އިންޖިނިއަރިންގެ ދާއިރާއިން ތައުލީމު ހާޞިލު ކުރި ހިސާމުއްދީން ޚާން ނަމަކަށް ކިޔާ މީހެއްކަމަށްވެސް ގެނެސްދީފައިވެއެވެ. އެހެންނަމަވެސް، ހަޤީޤަތުގައި މި މީހާގެ ނަމަކީ ވަލީއުﷲ އެވެ. އަދި، އޭނާ ތައުލީމު ހާޞިލުކޮށްފައިވަނީ އެކައުންޓިންގ އާއި އިންފޮމޭޝަން ސިސްޓަމްގެ ދާއިރާއިންނެވެ.

މިކަމާ ގުޅޭގޮތުން، ވަލީއުﷲ ބުނެފައިވާ ގޮތުގައި، މަންމަގެ ބޮލުގައި ގްރެޖުއޭޝަން ކެޕް އަޅާފައިވަނީ، އެއީ ދިރއުޅުމުގެ ތާޖުކަމުގައި ބެލެވޭތީއެވެ. އަދި، ބައްޕަ، ގްރެޖުއޭޝަން ގައުނު ލައްވާފައިވަނީ ދިރިއުޅުމުގައި ދިމާވާ ކަންކަމުން ހިމާޔަތް ކުރާތީކަމުގައެވެ.

އޭނާ އިތުރަށް ބުނެފައިވާ ގޮތުގައި އެގޮތަށް ގާޑިޔަލެއްގައި ފޮޓޯ ނަގާފައިވަނީ އެއީ އެއްގޮތަކަށްވެސް ގާޑިޔާ ދުއްވާ ބަޔަކަށް ވާތީ ނޫންކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް، ބައެއް ފަރާތްތަކުން އެގޮތަށް ވާހަކަ ދައްކަމުންދާކަމަށް ވަލީއުﷲ ބުނެފައިވެއެވެ. ވަލީއުﷲ އިތުރަށް ބުނެފައިވާ ގޮތުން، އޭނާގެ ބައްޕައަކީ ދަނޑުވެރިއެކެވެ.

ކޮންމެ ގޮތެއްވިކަމުގައިވިޔަސް، މިއީ އެތައް ވާހަކައެއް ކިޔައިދޭ ތަސްވީރެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ި❤

    ???❤

  2. ސައްތާރު

    ތީވަރައް ވާހަކައިނގޭ.މިހާރު ނަހުލާއް ތިވާހަކައިން ޓީވީ 3 ފުލްސީރީޒްެއެއް އުފެއްދޭނެ.
    ތޮފީގެވާހަކަޔާ ގައުނުގެވާހަކަޔާ ގާޑިޔާގެވާހަކަ.