ކޭކު އެޅުމަކީ ޝައުގުވެރިކަމާއެކު އެތައް ބަޔަކު ކުރަމުން އަންނަ ކަމެކެވެ. ވިޔަފާރިއެއްގެ ގޮތުގައި ނޫންކަމުގައިވިޔަސް، "ހޮބީ" އެއްގެ ގޮތުން މިކަން ކުރަމުން އަންނަ އެތައް ބައެއް އަޅުގަނޑުމެންގެ ތެރޭގައި އުޅެމުންދެއެވެ. ކޭކު އެޅުމުގެ އިތުރުންވެސް، އެފަދަ އެހެން ބާވަތްތައް އެޅުމުގައި އެމީހުންގެ ހުސް ވަގުތު ހޭދަކުރާ އެތައް ބައެއް އުޅެމުންދެއެވެ.
ސައިންސްވެރިން ބުނާގޮތުގައި މިކަމަކީ އެތައް ބަޔަކު އުފާކުރުވާ ކަމެކެވެ. ކޭކު އަޅާކަމުގައިވާނަމަ، ކޭކު އަޅާ މީހާއަށް އެތައް ފައިދާތަކެއް ލިބޭކަމަށްވެސް ސައިންސްވެރިން ބުނެފައިވެއެވެ. އެފަރާތްތަކުން ބުނާގޮތުގައި މި ފައިދާތަކަކީ، ނަފްސާނީ ގޮތުން ކުރާ ފައިދާގެ ސަބަބުން އެފަރާތްތަކަށް ލިބިގެންދާ އިތުރު ފައިދާތަކެކެވެ.
ބޮސްޓަން ޔުނިވާސިޓީގައި މަސައްކަތްކުރާ ސައިކޮލޮޖިކަލް އަދި ބްރެއިން ސައިންސް ދާއިރާގެ ޕްރޮފެސަރެއްކަމުގައިވާ ޑޮންނާ ޕިންކަސް ބުނެފައިވާ ގޮތުން ކޭކު އެޅުމުގެ ސަބަބުން މީހާއަށް އެތައް ފައިދާއެއް ލިބިގެންދަނީ، އެއީ މީހާގެ ހިތު ތެރޭގައި އޮންނަ އެއްޗެއް ފާޅުކުރަން ނުވަތަ "އެކްސްޕްރެސް" ކުރަން ހުޅުވޭ މަގަކަށް ވެގެން ދާތީއެވެ. އަދި، އެކަމުގެ ސަބަބުން ސްޓްރެސް ފިލުމަށް މަގުފަހިވެގެންދާކަމަށް ޕްރޮފެސަރު ބުނެފައިވެއެވެ. މިއީ، ސްޓްރެސްއާ ކުރިމަތިލުމަށް އޮތް މަގެއްކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ޕިންކަސް އިތުރަށް ބުނެފައިވާ ގޮތުގައި ކޭކު އެޅުމުގެ ތެރޭގައި ސަމާލުކަން ދޭ ކަންކަމުގެ ސަބަބުންވެސް ސްޓްރެސް ފިލުމަށް މަގުފަހިކުރުވައެވެ. އެގޮތުން، ކޭކު އެޅުމަށް ކޭކް މިކްސްގެ ތެރެއަށް އަޅާ އެއްޗެހި ރަނގަޅަށް ބެލުމާއި، ކޭކު ގިރުމުގައި ހަރަކާތްތެރިވާ ހަރަކާތްތެރިވުމުގެ ސަބަބުންވެސް އެތައް ފައިދާތަކެއް ލިއްބައިދޭކަމަށް ބުނެފައިވެއެވެ.
ހަމައެހެންމެ، ކޭކު އެޅުމުގެ ސަބަބުން، ހިތު ތެރޭގައި ހުންނަ ހިތާމަވެރި ނުވަތަ އެނޫންވެސް ނުރަނގަޅު ޚިޔާލުތަކާ ދުރުވެވޭކަމަށްވެސް ޕްރޮފެސަރު ބުނެފައިވެއެވެ.
އެހެންކަމުން، މިކަމަކީވެސް ކުރިން ނޭނގުނުކަމުގައިވިޔަސް އެތައް ފައިދާއެއް އެކުލެވިގެންވާ ކަންކަމެވެ.
މި ސައިންސްވެރިންނަށް އަދި ނޭގޭ ކުޅިބޯކިބަލުގެ މޮޅުކަމެއް! އެހެންނޫންނަމަ ބުނާނެ އެންމެ އުފާވެރިވާކަމަކީ ކުޅިބޯކިބާ އެޅުމޭ!
ރަގަނޅު ވާހަކައެއް ތިބުނީ.