އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އާއި ކައިވެނިކޮށްގެން އުޅޭ އޭނާގެ އަނބިމިހާ ކުރީގެ އެކްޓަރ މޭގަން މާކަލް، މީސްމީޑިޔާއާ ދުރުވުމުން އޭނާއަށް ލިބުނީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް މޭގަން ބުނެފިއެވެ.

ރޯޔަލް ޓްއާގައި އޮސްޓްރޭލިޔާގެ ސިޑްނީ ބޮނޑި ބީޗްގައި އެސަރަހައްދުގެ މީހުންނާ ވާހަކަ ދައްކަމުން މޭގަން ބުނެފައިވަނީ މީސްމީޑިޔާތަކާއި ދުރުވުމުން ބަޔާންކޮށްދޭން ނޭނގޭ ކަހަލަ އިޙްސާސެއް ކުރެވޭ ކަމަށާއި ވަރަށް ބޮޑަށް ހުސްވަގުތު ލިބޭ ކަމަށެވެ. އަދި އަމިއްލަ ނަފްސަށް ގިނަ ވަގުތު ދެވޭ ކަމަށާއި ދުނިޔޭގެ ކަންކަމުގައި އުޅުމުގެ ފުރުސަތު ލިބޭ ކަމަށްވެސް މޭގަން ބުނެފައިވެއެވެ.

މޭގަން އިތުރަށް ބުނެފައިވަނީ މިހާރުގެ ޅަ ޖީލުތައް މީސްމީޑިޔާގެ ސަބަބުން ހަލާކުވަމުންދާ ކަމަށާއި މާބޮޑަށް މީސްމީޑިޔާ ބޭނުން ކުރުމަކީ ޒާތީ ދިރިއުޅުންމަތިން ހަނދާން ނައްތާ ލާ ކަމެއް ކަމަށެވެ.

ޕްރިންސް ހެރީ އާ ކައިވެނި ކުރުމުގެ ކުރިން މޭގަން ފާހަގަ ވެފައިވަނީ މީސްމީޑިޔާއާ ވަރަށް ރަޙްމަތްތެރި މީހެއްގެ ގޮތުގައެވެ. މިގޮތުން މިއަހަރު ޖެނުއަރީ މަހު އިންޓަގްރާމްގައި 1.9 މިލިޔަން މީހުން މޭގަން ފޮލޯ ކުރި އިރު، ޓްވިޓަރގައި 150،000 މީހުން ދިޔައީ އޭނާގެ ޓްވިޓަރ ހޭންޑަލް ފޮލޯކުރަމުންނެވެ. ނަމަވެސް މިދިޔަ ޖެނުއަރީމަހު ފަހުކޮޅުގައި މޭގަންވަނީ ޓްވިޓަރ، އިންސްޓަގްރާމް އަދި ފޭސްބުކް އެކައުންޓް ޑިލީޓްކޮށްލާފައެވެ. އޭރު މޭގަން ބުނެފައިވަނީ އެކަންތައް ކުރީ އެކަންތައްތައް ކުރުމަށް ވަގުތު ނުލިބުމުން ކަމަށެވެ. މީގެ އިތުރުން ވަރަށް ކުރީއްސުރެ މޭގަން ހިންގަމުން އަންނަ ބްލޮގް، ދަ ޓިގް، 2017 ވަނަ އަހަރުވަނީ ހުއްޓާލާފައެވެ.

ފަހަކަށް އައިސް މޭގަން ފާހަގަ ވެގެން ގޮސްފައިވަނީ މީސްމީޑިޔާއާ ވަރަށް ދުރު އެއްވެސް ވަރަކަށް މީސްމީޑިޔާ ބޭނުން ނުކުރާ މީހެއްގެ ގޮތުގައެވެ.