އޮޅުކޮށްގެން ގެންގުޅޭ ބުޅަލާއި އެނޫންވެސް ބައެއް ޖަނަވާރުތަކުގެ ސަބަބުން ސިއްޙީ މައްސަލަތަކާއި ކުރިމަތިވާ ވާހަކައަކީ ވަރަށް ގިނަ ބަޔަކު އަޑު އަހާނޭ ވާހަކައެކެވެ. އެހެން ނަމަވެސް ސިއްޙީ ނުރައްކާތެރި ހާލަތުތައް މެދުވެރިވަނީ އެއިން މަދު ބަޔަކަށް ކަމުން، ގިނަ ފަހަރަށް އެފަދަ ކަންކަމަށް އޮންނަނީ އަޅާލާން ޖެހޭ މިންވަރަށް އަޅާނުލެވިފައެވެ. މިއީވެސް އޮޅުކޮށްގެން ގެންގުޅުނު ޖަނަވާރެއްގެ ސަބަބުން ތުއްތު ކުއްޖަކަށް ކުރިމަތިވި ނުރައްކާތެރި ހާލަތެއްގެ ވާހަކައެވެ.

އުމުރުން އެންމެ ފަސް މަހުގައި، ޗައިނާގެ ހުޅަނގު އުތުރު ޕްރޮވިންސަކަށް ނިސްބަތްވާ ޑޮންގް ނަމަކަށްކިޔާ އެކުއްޖާގެ ލޮލަށް މައްސަލަތަކެއް ދިމާވެ ކަޅީގެ އެތެރޭގައި އެއްޗެއް ހުރިކަމަށް ބެލެވިގެން ހޮސްޕިޓަލަށް ދެއްކުމުން އެނގިފައިވަނީ، އެއީ ލޯ ތެރޭގައި ތިބި ދިރޭ ފަނިތަކެއް ކަމެވެ. އެ ފަނިތައް އޭރު ހުރީ ކަޅީގެ އެތެރެއަށް ވަދެފައި ކަމުން ޑޮކްޓަރުން ލަފާ ދިނީ އޮޕަރޭޝަނެއް ކުރުމަށެވެ.

އެގޮތުން މިދިޔަ ބުދަ ދުވަހު ޑޮންގްގެ ލޮލުގެ އޮޕަރޭޝަނެއް ކުރެވުނުއިރު، އޭނާގެ ލޯ ތެރެއިން ވަނީ ދިރޭ 11 ފަނި ނަގާފައެވެ. 21 މިނެޓުގެ މަސައްކަތުން އެކުއްޖާގެ ކަޅީގެ އެތެރެއަށް ވަދެފައިވާ ފަނިތައް ނަގާފައިވާއިރު، އޭނާގެ ލޮލަށް މާބޮޑު ގެއްލުމެއް ލިބިފައި ނުވެއެވެ. މިއީ "ތެލާޒިއާ ކެލިޕެއިޑާ" ނަމަކަށްކިޔާ ފަންޏެކެވެ. މި ފަނި އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާއިން މީގެ ސަތޭކަ އަހަރު ކުރިންނެވެ.

މި ފަނިތަކަކީ ކޮން ކަހަލަ އިންފެކްޝަނެއްގެ ސަބަބުން އުފެދޭ ފަންޏެއްތޯ ހޯދުމަށް މިހާރު އެތަކެތި ޗައިނާގެ ލެބޯޓްރީއަކަށް ފޮނުވާފައިވާއިރު، މިއީ ގެންގުޅޭ ޖަނަވާރެއްގެ ސަބަބުން ޖެހޭ އިންފެކްޝަނެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެގޮތުން ޗައިނާގައި 1910 ވަނަ އަހަރު ގިނަ ޢަދަދެއްގެ ބުޅަލާއި ކުއްތާތަކެއްގެ ގައިން މި އިންފެކްޝަން ފެނިފައި ވެއެވެ.

މި އިންފެކްޝަންގެ ސަބަބުން އުފެދޭ ފަންޏަކީ ކިހައި ބޮޑު ނުރައްކަލެއް ކުރިމަތި ކުރުވަފާނޭ އެއްޗެއްކަން ހޯދުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާއިރު، އެއީ އަބަދަށްޓަކައި ލޯ އަނދިރިވުމަށް މެދުވެރިވެދާނެ ކަމެއްކަމަށް ވަނީ ޤަބޫލުކުރެވިފައެވެ. މި ސަބަބަށްޓަކައި ގޭގައި ގެންގުޅޭ ޖަނަވާރުތައް، ޚާއްސަކޮށް ކުޑަކުދިންނަށް ކައިރި ނުވެވޭނެ ގޮތަކަށް ގެންގުޅުމަށް ސިއްޙީ ތަޖުރިބާކާރުން ނަސޭހަތްތެރިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙުއ

    ގޭގައިވެސް ޖަނަވާރުން ގެންގުޅޭނެ ކަމެއް ނެތް. ސާފުތާހިރު ކަމަށްވެސް ވިސްނަންވާނެ.

    3
    5
  2. ޙިއްސު

    ނަޖިސް މީހަކު ނަޖިސް ވާނެ ޖަނަވާރެއް ނެތަސް. ގަމާރު ވާހަކަ ނުދައްކާ