އިންޑިއާގެ އުއްތަރޕްރަދޭޝްގެ އަވަށެއް ކަމަށްވާ ޓިކްރީގައި ރާމާމަކުނުތަކެއް އުމުރުން ދުވަސްވީ މީހަކަށް ޙަމަލާދީ އަނިޔާވެރި ގޮތަކަށް އޭނާ މަރާލައިފިއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ހިނގި މި ހާދިސާގައި މަރާލާފައި ވަނީ އުމުރުން 72 އަހަރުގެ ފިރިހެނެކެވެ. ރާމާމަކުނުތައް އޭނާއަށް ޙަމަލާދީފައި ވަނީ އޭނާ ދިރިއުޅެމުންދިޔަ އަވަށުގެ ޖަންގަލި ސަރަޙައްދެއްގައި ދަރުހޮވަން ހުއްޓާކަމަށް ނޫސްތައް ބުނެއެވެ.

މި ހާދިސާގައި އޭނާއަށް އަނިޔާވީ، ގަސްތަކަށް އަރާތިބި ރާމާމަކުނުތަކެއް އޭނާ އާއި ދިމާލަށް ހުއްޓާނުލާ، އެޅިގާތަކެއް އުކުމުން ބޮލާއި ހަށިގަނޑަށް ލިބުނު އަނިޔާ އާއި ގުޅިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށިތާ މާގިނައިރެއް ނުވަނީސް ކަމަށްވެއެވެ. ރިޕޯޓްތައް ބުނާގޮތުގައި އެމީހާގެ ހަށިގަނޑުގެ 20 ތަނަކަށް މި ހާދިސާގައި ވަރަށް ބޮޑަށް އަނިޔާވެފައި ހުއްޓެވެ.

ޓިކްރީ އަވަށުގައި ރާމާމަކުނުތަކެއް މީހަކު މަރާލާފައި މިވަނީ، އެ އަވަށް އޮންނަ އުއްތަރޕްރަދޭޝްގައި ރާމާމަކުނު ގިނަވެ އޭގެ އުނދަގޫ ޢާންމުންނަށް ވަރަށް ބޮޑަށް ކުރިމަތިވެ ކަމާއި ބެހޭ އިދާރާތަކަށް ރިޕޯޓްކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން މީހުން ގެންގުޅޭ ތަކެއްޗާއި ގެދޮރަށް ގެއްލުން ދިނުމުގެ އިތުރުން ބައެއް މީހުންނަށް ކުޑަކުދިންނަށް ރާމާމަކުނުތައް މީގެ ކުރިންވެސް ޙަމަލާދިން މައްސަލަތަކެއް ރިޕޯޓުކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަކުނޭ

    ޔޫ ނޯޓީ މަކުނު..ވެރީ ބޭޑް

  2. އަލްޖިބްރާ

    ތިޔައީ އިންޑިއާ! ކޮންމެ ފަދަ ކަމެއްވެސް އެތަނުގައި ހިގާފާނެ !

  3. ހޫމް

    ރާއްޖޭގައި ވެސް އުޅޭ އެކަހަލަ މަކުނު ތަކެއް..