އިންޑިއާގެ އެންމެ ބޮޑު އެއް އެއާލައިން ކަމަށްވާ އިންޑިގޯ އެއާލައިނުގެ ފްލައިޓެއްގެ ތެރޭގައި އަންހެން ކެބިންކްރޫ މެމްބަރަކަށް ޖިންސީ ގޯނާކުރި ފިރިހެނަކު ފްލައިޓުން ބާލުވައި ހައްޔަރުކޮށްފިއެވެ.

މި ހާދިސާ އާއި ގުޅިގެން ރާޖޫ ގަންގައްޕާ ނަމަކަށްކިޔާ ބެންގަލޫރު މީހަކު ހައްޔަރުކޮށްފައި ވާއިރު، އޭނާ ޖިންސީ ގޯނާ ކޮށްފައި ވަނީ އޭނާ ދަތުރު ކުރަން އަރާ އިން ފްލައިޓުގައި އެވަގުތު ހަރަކާތްތެރިވި އުމުރުން 20 އަހަރުގެ ކެބިންކްރޫ މެމްބަރަކަށެވެ.

އޮފިޝަލުން ބުނެފައިވާގޮތުގައި، އެ ފިރިހެން މީހާ އެންމެ ފުރަތަމަ މަސައްކަތްކުރީ އެ ކެބިންކުރޫ އާއި ވާހަކަ ދައްކައިގެން، އޭނާ އާއި އެކު ބަދުއަހުލާޤީ ހިންގުމަށް ދަޢުވަތު ދިނުމަށެވެ. ނަމަވެސް އެކަމަށް އެ ކެބިންކްރޫ ސަމާލުކަން ނުދިނުމުން ފަހުން އޭނާގެ ގައިގައި އަތްލައި ޖިންސީ ގޯނާކުރީ ކަމަށް ވެއެވެ.

މި ހާދިސާ ހިނގުމާއި ގުޅިގެން އެވަގުތު ފްލައިޓުގައި ހުރި އެއާލައިނުގެ އިސް ފަރާތަކަށް އެކަން އެންގުމުން، އޭނާ ވަނީ ލަގެޖާއި އެކު ވަގުތުން ފްލައިޓުން ބާލާފައެވެ. އަދި އެއާޕޯޓުން އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޖަލަށްލާފައެވެ.

މި ހާދިސާ އާއި ގުޅިގެން އިންޑިއާގެ ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސް (ސީއައިއެސްއެފް) އިން ބުނެފައިވަނީ، އެ ފިރިހެން މީހާގެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ. އޭނާ މިހާރު ބަންދުގައި ހުރިއިރު، އަންނަ ހަފްތާގައި އޭނާގެ ޝަރީޢަތް ފެށުމަށް ވަނީ ނިންމާފައެވެ.