އިންޓަނެޓާއި މީސްމީޑިއާގެ އެކިއެކި މަންސަތަކުގައި އެކި ދުވަސްވަރުގައި ޢާންމުވާނީ އެކިކަންކަމެވެ. އެގޮތުން ތަފާތު ނަންނަމުގައި އާންމުވާ މީސްމީޑިއާ "ޗެލެންޖު"ތައް މީހުންގެ މެދުގައި މަޤުބޫލުވެ ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު އެކަމުގައި ބައިވެރިވާކަމީ މިއަދު ވަރަށް ޢާންމުކޮށް ފެންނަމުންދާ މަންޒަރެކެވެ. މިފަހަރުވެސް މިވަނީ އެފަދަ ޗެލެންޖެއް އާންމުވެގެން ގޮސްފައެވެ. އެހެނަސް މިއީ މުއްސަނދިކަން ދައްކަން ބޭނުންވާ މީހުން ބައިވެރިވާ ޗެލެންޖެއް ކަމަށް ވެއެވެ.

އާންމު ގޮތެއްގައި މިފަދަ ޗެލެންޖުތަކަކީ ފުރާނައަށް ނުރައްކާވާފަދަ ނުރައްކާތެރި ޗެލެންޖުތަކަށް ވީނަމަވެސް މިފަހަރު ޢާންމުވެފައި މިވަނީ ފޮޓޯނެގުމުގެ ޗެލެންޖެކެވެ. "ފޯލިންގް ސްޓާސް ޗެލެންޖު"ގެ ނަމުގައި އާންމުވަމުންދާ މި ޗެލެންޖަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަބައެއްގެ ބައިވެރިވުން ފެނިގެންދިޔަ "ކިކީ ޗެލެންޖު" އަށްފަހު މިހާރު އެންމެ މަޤުބޫލުވަމުންދާ ޗެލެންޖެވެ.

އެންމެ ފުރަތަމަ މި ޗެލެންޖު ފެށުނީ ރަޝިޔާަގައި ކަމަށްވެއެވެ. އެގޮތުން ޗެލެންޖު ފެށިއިރު އެ ޗެލެންޖަށް ދީފައި އޮތް ނަމަކީ "ފްލޯންޓް ޔުއާ ވެލްތް" ނުވަތަ މުސްއްސަނދިކަން ދައްކާލުމުގެ ޗެލެންޖެވެ. މި ޗެލެންޖު ޢާންމު ވުމާއި އެކު އަގުބޮޑެތި ކާރުތަކާއި ޕްރައިވެޓު ޖެޓުތަކާއި އެކު މީހުން ފޮޓޯ ނަގާފައިވާއިރު، ބޮޑެތި ޢަދަދުން ފައިސާވެސް ބައެއް ފޮޓޯތަކުގައި ހިމަނާފައި ވެއެވެ.

މި ޗެލެންޖުގައި ދައްކުވައިދޭން ޖެހެނީ ތަނަކުން ވެއްޓިފައި އޮންނަ މަންޒަރެވެ. އެއީ ފޭކު މަންޒަރަކަށް ވީނަމަވެސް، ވެއްޓިފައި އޮއްވައި ނަގާ ފޮޓޯއިން އޭނާއަކީ މުއްސަނދި ފައިސާވެރިއެއްކަން އެނގުމަކީ މި ޗެލެންޖުގެ މައިގަނޑު ޤަވާއިދެވެ. އަދި އެ ފޮޓީ އާންމު ކުރުމުން އެއަށްވުރެ މޮޅަށް އެމަންޒަރު ދައްކައިދިނުމަކީ މި ޗެލެންޖުގައި ބައިވެރިވާ މީހުންގެ މަސައްކަތެވެ.

މި ޗެލެންޖުގައި މިހާރު ގިނަ ޢަދަދެއްގެ ބަޔަކު ބައިވެރިވި ފޮޓޯތައް ޢާންމުކުރަމުންދާއިރު، އެހެން ޗެލެންޖުތަކާއި ޚިލާފަށް މި ޗެލެންޖުގެ ސަބަބުން މީހަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބުނު ހާދިސާއެއް މިހާތަނަށް ފެނިމަތިވެފައެއް ނުވެއެވެ. އެންމެ ބޮޑަށް "ފޯލިންގ ސްޓާސް ޗެލެންޖު" ޢާންމުވެފައިވާ ޤައުމުތަކުގެ ތެރޭގައި ޔޫރަޕްގެ ޤައުމުތައް ހިމެނޭއިރު، މަޝްހޫރު ބައެއް ފަރާތްތަކުންވެސް ދަނީ ޗެލެންޖުގައި ބައިވެރިވަމުންނެވެ.

މީސްމީޑިއާގައި އެންމެ ފަހުން ޢާންމުވި އެއް ޗެލެންޖަކީ "ކިކީ ޗެލެންޖް" އެވެ، މި ޗެލެންޖު ފުރިހަމަ ކުރުމަށް ކުރަން ޖެހެނީ ޤަވާއިދާ ޚިލާފު، ނުރައްކާތެރި ކަމަކަށްވާއިރު ޗެލެންޖުގައި ބައިވެރިވި ގިނަ ޢަދަދެއްގެ ބަޔަކަށް ވަނީ ނުރައްކާތެރި ހާދިސާތަކާއި ބޮޑެތި ގެއްލުންތަކާއި ކުރިމަތިވެފައެވެ. ކިކީ ޗެލެންޖުގެ އިތުރުންވެސް ފާއިތުވެދިޔަ އަހަރުތަކުގައި ތަފާތު އެކި ޗެލެންޖުތައް، އިންޓަނެޓު ހިސޯރުކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޟިހާ

    ރައީސް ޔާމީން އައް ރަނގަޅު ވާނެ.. ވެރިކަމުން ވެއްޓިފަ އޮއްވާ.?

    • އިބޫ

      ހަހަހަހަހަ ހަމަ ހެޔޮކޮށް ތިބުނީ..!!

    • ޑޮންޑޮން

      ލޮލް

    • ޓެޑް އިން މޯލްޑިވްސް

      ލޮލް ???????

  2. މަ

    ހަމަ ހެވެނީ..????