ކާރު ދުއްވުމަކީ ގިނަ ބަޔަކު ކުރާހިއްވާ ކަމެކެވެ. ނަމަވެސް ކާރު ދުއްވަން ނޭނގޭނަމަ ލައިސަންސް ހޯދަން އެންމެ ފުރަތަމަ ޖެހޭނީ ދުއްވަން ދަސްކުރާށެވެ. މިގޮތުން ދުއްވަން ދަސްކުރަން އުޅޭ އުޅުމުގައި ތިބެން ވާނީ ދިމާވެދާނެ ކަމަކަށް ވަރަށް ބޮޑަށް ސަމާލުވެގެންނެވެ. ނަމަވެސް ސަމާލުވާންވީ މިންވަރަށް ސަމާލުކަން ނުދެވޭނަމަ މިފަދަ ކަމެއް ހިނގައިދިއުމަކީ ދުރުގައި އޮންނާނެ ކަމަކަށް ނުވާނެއެވެ.

އެގޮތުން އެމެރިކާގެ މޭރީލޭންޑުގައި ކާރު ދުއްވަން ދަސްކުރަން އުޅުނު މީހަކަށް މިވަނީ ވަރަށް ބޮޑު ހިތާމައަކާއި ކުރިމަތިލާން ޖެހިފައެވެ. އޭނާ ކާރު ދުއްވަން ދަސްކުރަން ކުރަމުންދިޔަ މަސައްކަތް ނިމުމަކަށް އައީ، އެ ތަމްރީނު ލިބިމަތުމުގެ ތެރޭގައި ހިނގި ހާދިސާއެއްގައި ކޮންޓްރޯލްނުވެ ކާރު ގެއެއްގައި ހުރި ޕޫލެއްގެތެރެއަށް ވެއްޓުނު ހިސާބުންނެވެ.

މި ހާދިސާގައި ކާރު ދުއްވަން ހުރި، އުމުރުން 50 އަހަރުގެ އަންހެނަކަށާއި އޭނާއަށް ދުއްވަން ދަސްކޮށްދޭން ހުރި އޭނާގެ ފިރިމީހާއަށް އަނިޔާވެފައިވާއިރު، ދެމީހުންވެސް ވަނީ ސީރިއަސް އަނިޔާއެއް ނުލިބި ސަލާމަތްވެފައެވެ. އެ ދެމީހުން ކާރާއިއެކު ވެއްޓުނު ޕޫލަކީ ސީޒަނަށް ބަންދުކޮށްފައިވާ ޕޫލެއްކަމުން، އިތުރު މީހަކަށް މި ހާދިސާގައި އަނިޔާއެއް ނުލިބެއެވެ.

މި ހާދިސާ ހިނގުމާއިއެކު ރެސްކިއުއަރުން އެ ސަރަޙައްދަށް އައިއިރުވެސް، ކާރުގައި ތިބި ދެމަފިރިން ކާރުން އަމިއްލައަށް ނިކުމެ ސަލާމަތްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ރެސްކިއު އޮފިޝަލުން ވަނީ އޭގެ ފަހުން މާގިނައިރެއް ނުވަނީސް އެ ޕޫލުގެ ތެރެއިން ކާރު ނަގާފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އޮފިޝަލުން ހާމަކޮށްފައި ނުވާއިރު، ހާދިސާގައި ކާރަށް ނުވަތަ ޕޫލަށް ލިބުނީ ކިހައިވަރެއްގެ ގެއްލުމެއްކަމެއް ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު