ޖަޕާނުގެ އެންމެ އުތުރުގައި އޮންނަ ހޮކައިޑޯ ސިޓީގެ މަތިން، ދަންވަރުގެ ވަގުތެއްގައި ކުއްލިއަކަށް ބޮޑު "އަލިފާންގަނޑެއް" ފެނިގެން އެތައް ބަޔަކު ބިރުން އިދާރާތަކަށް އެކަން ރިޕޯޓްކޮށްފިއެވެ.

މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު މި އަލިފާންގަނޑު ޖަޕާނުގެ އޮކޮޓް މޮންބެޓްސޫ އެއާޕޯޓާއި، ރިޝިރީ އެއާޕޯޓާއި ރިބަން އައިލޭންޑާއި މުރޯރަންގެ އިތުރުން ނަކަޝީބެޓްސޫއަށްވެސް ފެނިފައިވާއިރު، އެ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖާއި ފޮޓޯތައް މިހާރު އެކި ފަރާތްތަކުން ދަނީ މީސްމީޑިއާގައި ދައުރުކުރަމުންނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާއިރު، އުޑުމަތިން ހަލުވި ދުވެލީގައި ދިޔަ އެ އަލިފާންގަނޑު ވަނީ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ގެއްލިފައެވެ. އަދި އެއިން އެއްވެސް ބައެއް ބިމަށް ވެއްޓުނު މަންޒަރެއްވެސް ފެނިފައެއް ނުވެއެވެ. އެހެންކަމުން ގިނަ ބަޔަކު ޤަބޫލުކުރާގޮތުގައި އެއީ އެ ސަރަޙައްދުން ދަތުރުކުރި ގިނިހިލައެއްގެ ސަބަބުން ފެނުނު މަންޒަރެއް ކަމަށެވެ.

ނަމަވެސް އެހައި ތިރިން އިންޒާރެއް ނެތި ގިނިހިލައެއް ދަތުރުކޮށްފާނެ ކަމާއި، އަދި އެ ސަރަޙައްދަށް ގިނިހިލައެއްގެ ނުރައްކާ އޮތްކަން ކުރިން އެނގިފައި ނުވާތީ، ތަޖުރިބާކާރުންގެ މެދުގައި މިކަމާއި ގުޅިގެން ވަނީ ސުވާލު އުފެދިފައެވެ. އެއިން ބައެއް ފަރާތްތަކުން ބުނާގޮތުގައި މިއީ ދުނިޔޭގެ ފަށަލަތަކުން ބޭރުން ދަތުރުކުރި ބޮޑު ގިނިހިލައެއްގެ ބައެއް ކަަމަށް ވެދާނެއެވެ. އަދި އަލިފާންގަނޑެއްގެ އުޑުމަތިން ސިފަވީ، އެބައި ދުނިޔޭގެ ވައިގެ ފަށަލައަށް ވަނުމާއި އެކު އަނދައި ހުލިވެގެންދިޔަ ވަގުތުގައި ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

މީގެ ކުރިންވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން މިފަދަ މަންޒަރު ފެނިގެން ގިނަ ބައެއްގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައި ވެއެވެ. ނަމަވެސް މަދު ފަހަރެއްގައި ނޫނީ މިފަދަ ހާދިސާއެއްގައި ތަނަކަށް އަދި މީހަކަށް ގެއްލުމެއް ނުލިބެއެވެ.

ޖަޕާނުގެ މަތިން މިދިޔަ ހަފްތާގެ ތެރޭގައި ފެނުނީ ގިނިހިލައެއް ކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު، ދުނިޔެ ހިމެނޭ ސޫރުދަ ނިޒާމުގައި އާއި ދުނިޔޭގެ ފަށަލަތަކުން ބޭރުގައި އާދަޔާއި ޚިލާފަށް ގިނިހިލަތަކާއި އެފަދަ ކުދި ހިލަތައް އިތުރުވެފައިވާ ކަމުގެ ކަންބޮޑުވުން ސައިންސްވެރިން ވަނީ ފާޅުކޮށްފައެވެ.

އިންޒާރަކާ ނުލާ އަންނަ ބޮޑު ގިނިހިލައެއް ކުއްލިއަކަށް ދުނިޔެއަށް މިސްރާބުޖަހައި ދިރުންތަކަށް ގެއްލުމެއް ލިބިދާނެ ކަމަށްޓަކައި ރައްކާތެރިވުމަށް ޚާއްސަ އީޖާދެއް އުފެއްދުމުގެ މަސައްކަތްވެސް އެފަރާތްތަކުން ކުރަމުންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަޓޯ ތުރާކުނު

    އެއީ ޖިންނި ޖިނާ

  2. ސަޒުނާ

    ދުނިޔޭގެ ނިމުމާއި އާހުރަތުގެ ފެށުން. ވިސްނާ ފިކުރު ކުރާބަޔަކަށް އިބުރަތެއްވާކަށް ޔާގީން.

  3. ރިޒާ

    ސުބްޙާނަﷲ..ވަލްޙަމްދުﷲ..ވަލާއިލާހައިއްލައްﷲ..ވަﷲ އަކްބަރު..ވަލާޙައުލަ ވަލާޤުއްވަތަ އިއްލާ ބިއްﷲ..

  4. ހެޔޮވިސްނާ

    ތިއީވެސް ﷲގެ ކުޅަދުންވަންތަކަން ހުރިހާކަމެއް އެންމެމޮޅަށް ދެނެވޮޑިގެންވާފަރާތަކީﷲ
    ދުނިޔޭގެނިމުން ގާތްވެއްޖެކަމުގެ އަލާމާތްތައްފެންނަމުންދަނީ މިކަމުގައި އާއީޖާދެއް އުފެއް
    ދުމުގެ މަސައްކަތް ކުރެއްވިކަމުގައިވިޔަސް ބޭކާރުކަމަކަށްވެދާނެ ހުރިހާކަމެއް ފުއްދަވާ
    ފަރާތަކީ ﷲ ހިތާމައަކީ އެއްކައުވަންތަ ކަލަކުވޮޑިގެންވާކަމަށް ގަބޫލުނުކުރާފަރާތްތަކަކުން
    ދެކޭގޮތް އަދި ކުރަންއުޅޭކަމެއް ގަބޫލްކުރާކަން މިއީ ފުރިހަމަ މުސްލިމުން ކުރާޒާތުގެ ކަމެއްނޫން