އަންހެނެއްގެ ހަޔާތުގައި އަންނާނެ އެންމެ ބުރަ އަދި އެންމެ އުފާވެރި އެއްދުވަސްވަރަކީ މާބަނޑު ދުވަސްވަރެވެ. އެއީ ދުވަސްވަރަކީ މައިމީހާގެ ރަހިމުގައި އިތުރު ފުރާނައެއް ހެދިބޮޑުވަމުން އަންނަ ދުވަސްވަރަކަށް ވުމުންނެވެ. ރަހިމުގައި ހެދިބޮޑުވަމުން އަންނަ ތުއްތު ކުއްޖާގެ ދުޅަހެޔޮކަން ބިނާވެފައި އޮންނަނީ މައިމީހާއަށެވެ. އެގޮތުން މާބަނޑު ދުވަސްވަރު ސިއްހަތަށް ފައިދާ ކުރުވާ، މޭވާއާއި ކާނާ ކެއުމަކީ މުހިންމު ކަމެކެވެ. ހާއްސަކޮށް އަންނާރު ކެއުމަކީ ކޮންމެހެން ބޭނުން ކަމެކެވެ.

ތުއްތު ދަރިފުޅުގެ ސިކުނޑި އަކީ ވަރަށް ނާޒުކު ގުނަވަނެކެވެ. އަދި އެއީ ކުއްޖާ ދުނިޔެއަށް އުފަންވުމަށް ފަހުގައުވެސް ހެދިބޮޑުވަމުން އަންނާނެ ގުނަވަނެކެވެ. ކުރުގޮތަކަށް ބުނާނަމަ ސިކުނޑިއަކީ އިންސާނުންގެ ހަށިގަނޑުގައިވާ އެންމެ މުހިންމު ގުނަވަނެވެ. އެގުނަވަން ދުޅަހެޔޮނަމަ އިންސާނާ ދުޅަހެޔޮވެގެންދެއެވެ. ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި އަންނާރު ދިޔަ ބުއިމުގެ ސަބަބުން މައިމީހާގެ ރަހިމުގައި ތުއްތު ދަރިފުޅު އޮންނައިރު އެ ކުއްޖާގެ ސިކުނޑިއަށް ލިބޭ ގެއްލުންތަލުން ރަށްކާތެރިކޮށްދެއެވެ. އަދި ސިކުނޑީގެ ހެދިބޮޑުވުމަށް އެހީތެރިވެދެއެވެ.

އަންނާރަކީ ލޭގެ ޕްރެޝަރު ދަށްކުރުމަށްވެސް ބޭނުންކުރުން މުހިންމު މޭވާއެކެވެ. އެހެނީ ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ކޮންމެ ދުވަހަކު 1.7 އައުންސްގެ އަންނާރު ޖޫސް ބޭނުންކުރުމަކީ ސިސްޓޮލިކް ޕްރެޝަރު 5 އިންސައްތަ ދަށްވާނެ ކަމަކަށް ވުމުންނެވެ.

މީގެ އިތުރުން އަންނާރުގެ ސަބަބުން ބައެއް ކަހަލަގެ ކެންސަރު ޖެހުމުގެ ފުރިސަތު ކުޑަކޮށްދެއެވެ. އެއީ އަންނާރުގައި ބާރުގަދަ އެންޓި އޮކްސިޑެންޓް "ފްލޭވޮނޮއިޑް" އެކުލެވިގެންވުމުންނެވެ. މިއީ ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތަކަށް ލިބޭގެއްލުން ކުޑަކޮށްދޭ މާއްދާ އެކެވެ. އަދި މިކަމުގެ ސަބަބުން އުރަމަތީގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރު ޖެހުމުން ދުރުކޮށްދެއެވެ.