އިންޑިޔާގެ ފިލްމު އިންޑަސްޓްރީގައި ފިޔަ ޖަހަމުން ދިޔަ މައްޝޫރު އެކްޓްރެސް ސްރީ ދޭވީގެ ކުއްލި މަރާއި ގުޅިގެން، އާއިލާއަށް ލިބިފައިވާ ހިތާމައިގައި ބައިވެރިވުމަށް އޭނާގެ ދޮންދަރި އަރުޖޫން ކަޕޫރް އޭނާގެ ބައްޕަގެ ގެއަށް ދިރިއުޅުން ބަދަލުކޮށްފިއެވެ.

ޚަބަރުތައް ބުނާގޮތުން، އަރުޖުން އޭނާގެ ދިރިއުޅުން ބަދަލުކުރީ، އޭނާގެ އެއްބަފާ ދެ ކޮއްކޮ ކަމުގައިވާ ޖަންވީ ކަޕޫރާއި ކުޝީ ކަޕޫރު އަދި އޭނާގެ ބައްޕަ ބޯނީ ކަޕޫރަށް ލިބިފައިވާ ހިތްދަތިކަމަށް ހިތްވަރު ދިނުމަށެވެ.

އަރުޖުންގެ މަންމަ މޯނާ ދޫކޮށް، އޭނާގެ ބައްޕަ، ދޮންމަންމަ ސްރީ ދޭވީއާއި ކައިވެނި ކުރި ހިސާބުން، އަރުޖުން އެ އާއިލާއާއި މާ ބޮޑު ގުޅުމެއް ބާއްވައިފައެއް ނުވެއެވެ. ނަމަވެސް ދޮން މަންމަގެ ހިތާމަވެރި މަރުގެ ވަގުތުގައި، އޭނާ ވަނީ ކުރަންހުރި ހުރިހާ މަސައްކަތްތަކެއް ދޫކޮށް ބައްޕަ ގާތަށް އައިހެވެ. އަދި ދޮން މަންމަގެ ޖަނާޒާގެ ކަންތައްތައް ނިމެންދެންވެސް އަރުޖޫން އޭނާގެ ބައްޕަ، ބޯނީ ގާތުގައި މަޑުކުރި ކަމަށް އިންޑިޔާގެ ރިޕޯޓްތައް ބުނެއެވެ.

ކުރިން އަރުޖުންގެ އެއްބަފާ ކޮއްކޮމެންނާއި ވެސް މާ ގާތް ގުޅުމެއް ނެތް ނަމަވެސް، މިހާރު އޭނާ އެ އާއިލާއަށް އެ ހިތްދަތިކަމުން އަރައިގަތުމަށް ވަމުންދާ އެހީގެ ވާހަކަ މިވަނީ މުޅި މީޑިއާގެ ސަމާލުކަން ހޯދާފައެވެ.