މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އައިސް ޓީވީން ގެނެސްދިން އަޒޯނާ ސީޒަން ދޭއްގެ ދެވަނަ އެޕިސޯޑްގައި ފެނިގެން ދިޔަ ދެ ތަރިންކީވެސް ފިލްމީ ދާއިރާއަށް އަލަށް ނުކުތް ދެ ތަރިއެކެވެ. ރާއްޖޭގެ އެންމެ މަޝްހޫރު ދެ ޑައިރެކްޓަރުން ކަމުގައިވާ ފައްތާހު އާއި ނަހުލާގެ ފިލްމަކުން އާއްމުންގެ ބޮޑު ސަމާލުކަމެއް ހޯދި ޝިބާން އަހުމަދު އާއި މުހައްމަދު ޔުނާންއެވެ.

ޝިބާން ފެނިގެން ގޮސްފައި ވަނީ، ފައްތާހުގެ ހައްދު އިންނެވެ. ޔުނާން ފެނިގެންގޮސްފައި ވަނީ ނަހުލާގެ ބޮސް އިންނެވެ. މިދިޔަ އަހަރު ނުކުތް މި ދެ ފިލްމަށް ގިނަބައެއްގެ ތަރުހީބު ލިބިގެންދިޔައެވެ. އަދި މި ދެ ތަރިންނާއި ގުޅޭގޮތުން ވަރުގަދަ ދެބަސްވުންތަކެއް ދެ ޑައިރެކްޓަރުންނާއި މެދުގައި ޖެހުނެވެ. އެއާއެކު މި ދެތަރިން އެކަކު އަނެކަކު ދެކެ ރުޅިވެރިކަމެއް އޮވެދާނެ ކަމަށް ގިނަބަޔަކަށް ގަބޫލުކުރެވުނެވެ.

ނަމަވެސް ކަންވީ އެހެނެއް ނޫނެވެ. ދެމީހުންވެސް ބުނީ، ދެ މީހުން ދެމީހުންނާއި މަގުމަތިން ދިމާވާ ފަހަރެއްގައި ބޯ ޖަހާލާ ކަމަށެވެ. އަދި ދެ މީހުންގެ ދެމެދުގައި ރުޅިވެރިކަމެއް ނޯންނަކަމަށްވެސް ބުންޏެވެ.

މި ދެތަރިންނާއި ގުޅޭގޮތުން ޝޯވ ގެ ތެރެއިން ތަފާތު ވާހަކަތައް ދެކެވުނެވެ. ފިލްމް ކުޅުމަށްފަހު ދިރިއުޅުމަށް އައި ބޮޑެތި ބަދަލުތަކާއި، މީސް މީޑިއާއިންވެސް ދެ މީހުން ބްރޭކް ނެގި ސަބަބުތައްވެސް ވަނީ ކިޔާދީފައެވެ.

އަދި ޔުނާން ވަނީ އޭނާ ހައްދު ފިލްމް ބެލިކަމަށް ބުނެފައެވެ. ނަމަވެސް ޝިބާން ބޮސް ފިލްމް ނުބަލާކަން ހާމަކުރި ނަމަވެސް، އޭނާ އެ ފިލްމް ބަލަން ނުދިޔަ ސަބަބުވެސް ވަނީ ހާމަކޮށްފައެވެ.

ޝޯވ ފެށިގެންދިޔައިރު، ދެ މީހުންވެސް މާބޮޑު ސަކަރާތެއް ޖަހާފައި ނުވުމުން ހެއްވާލުމުގެ ބޭނުމުގައި ތަފާތު ގޭމްތައް ޝޯވގައި ކުޅުނެވެ. މިފަހަރުގެ ގޭމްތައް ކުރީގެ ޝޯވތަކުގެ ގޭމްތަކާއި ވަރަށް ތަފާތުކަން ފާހަގަކޮށްލަން ޖެހެއެވެ.

އެގޮތުން، ޗެލެންޖ ކިޔާ ގޭމަކާއި، އަސްލުތަ ކިޔާ ގޭމެއްވެސް ވަނީ ކުޅެފައެވެ. އެ ގޭމްތަކުގެ ތެރެއިން އެންމެ ގިނައިން މިރުސް ކާ މީހެއް ބެލުމަށްވެސް ޗެލެންޖް ގޭމް ކުޅުނެވެ. އަދި އިތުރު ކަންތައްވެސް ކުރެވޭތޯ ބެލުމަށް ދެ މީހުން އެކަކު އަނެކަކަށް ޗެލެންޖް ކުރިއެވެ.

އެ ގޭމަށްފަހު ކުޅުނު އަސްލުތަ ގޭމްގައި ދެ މީހުން ވަރަށް މަޖާވެލާފައި ކުރިއަށްގެންދިޔަ ކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި އޭގެ ފަހުން ދެ މީހުންނާއި ގުޅޭގޮތުން ބައެއް މީހުންކޮށްފައިވާ ކޮމެންޓްތައް ކިޔާދީ ދެ މީހުންވެސް އެ ކޮމެންޓްތަކާއި ދޭތެރޭ ދެކޭގޮތް ވަނީ ބެލުންތެރިންނަށް ކިޔާދީފައެވެ.

ޔުނާން އާއި ޝިބާން ހުރީވެސް ކުރިއަށް އޮތްތަނުގައި ފިލްމެއް ކުޅެން ލިބުނަސް އެކަން ކުރުމަށް ތައްޔާރަށެވެ.

ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހުގެ ރޭ އަޒޯނާގެ އައު ޝޯވއެއް ދައްކާނެއެވެ. އަދި އެ ޝޯވގެ ރިޕީޓް ހުކުރު ދުވަހުގެ މެންދުރު 14:00 އަދި އެރޭ 21:00 ގައި އަދި ހޮނިހިރު ދުވަހުގެ ރޭ 1:00 ގައި ދައްކާނެއެވެ. އަދި ހޯމަ ދަވަހުގެ ރޭ 22:00 ގައި އާއި އަންގާރަ ދުވަހުގެ ރޭ މެންދަމު 2:00 ގައި ދައްކާނެއެވެ.