ބޮލީވުޑްގެ ބަތަލާ ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގގެ ކައިވެނީގެ ހަފްލާ އަންނަ ނޮވެމްބަރު މަހުގެ 14 އަދި 15 ގައި އޮންނާނެކަން މިއަދު އިއުލާނުކޮށްފިއެވެ.

ގިނަބަޔަކު އިންތިޒާރު ކުރަމުން އަންނަ އެ ކައިވެނީގެ ހަފްލާއާ ގުޅޭ ގޮތުން ހާއްސަ ބަޔާނެއް ނެރެފައި ވަނީ ދެ މީހުންގެ މީސް މީޑިއާ ޕްލެޓް ފޯމްތަކުގައެވެ.

ދެ މީހުން އެކުގައި މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އަންނަ ނޮވެމްބަރު މަހުގެ 14 އަދި 15 ގައި ދެ މީހުންގެ ކައިވެނީގެ ހަފްލާ އޮންނާނެ ކަމަށާއި، މިދިޔަ ދުވަސްތަކުގައި ގިބައެއްގެ ފަރާތުން ދެ މީހުންނަށްވެސް ދެމުންގެންދިޔަ ސަޕޯޓާއި ލޯތްބަށް ޝުކުރު އަދާކުރާ ކަމަށެވެ.

މި ދެ ތަރިން މި އަހަރު ތެރޭގައި ކައިވެނި ކުރާނެ ކަމަށް އެތައް ފަހަރަކު ރިޕޯޓް ކުރިއެވެ. ނަމަވެސް ތާރީހު ވަނީ ކަށަަވަރު ނުވެފައެވެ. އަދި ދެ މީހުންވެސް މާބޮޑަށް ކައިވެންޏާއި ގުޅޭ ވާހަކަތައް ދައްކާފައެއް ނުވެއެވެ. ނަމަވެސް ދެ މީހުންގެ ކައިވެންޏަށް ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަކަމަށް އަބަދުވެސް ރިޕޯޓްތައް ބުނަމުން ދެއެވެ.

ދިޕިކާ އާއި ރަންވީރް ކައިވެންޏާއި ހަމައަށް އައިސްފައި މި ވަނީ ރައްޓެހިވެގެން އެތައް ދުވަހަކު އުޅުމަށްފަހެވެ. އަދި ދެ މީހުން މިހާރު ވަނީ އެންގޭޖްވެސް ވެފައެވެ.

އެކްޓްރެސް އަނުޝްކާ ޝަރުމާއާއި ވިރާތު ކޮލީއެކޭ އެއްގޮތަށް ދިޕިކާއާއި ރަންވީރުގެ ކައިވެނީގެ ހަފްލާގެ މަންޒިލަކީ އިޓަލީ ކަމަށްވެސް މީގެ ކުރިން ރިޕޯޓްތައް ވަނީ ބުނެފައެވެ.