އިނގިރޭސިވިލާތުގެ ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކެލް ފުރަތަމަ ދަރިފުޅަށް އާލާސްވެ އިންނެވިއިރު އެއީ އަންހެން ދަރިކަނބަލަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ޕްރިންސް ހެރީ ވިދާޅުވެއްޖެއެވެ.

ހެރީ އާއި މޭގަން މިހާރު އުޅުއްވަނީ އޮސްޓްރޭލިއާ، ނިއުޒިލޭންޑް، ފިޖީ އަދި ޓޮންގޯ އަށް ކުރައްވާ 16 ދުވަހުގެ ދަތުރުފުޅެއްގައެވެ. މޭގަން އާލާސްވެ އިންނެވި ކަން އިއުލާން ކޮށްފައި ވަނީ މިދަތުރުފުޅު ފެއްޓެވި ފަހުންނެެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މޭގަން އާލާސްވެ އިންނެވިތާ މިހާރު ހަތަރު މަސް ވެއްޖެއެވެ.

އާލާސްވެ އިންނެވި ނަމަވެސް މޭގަން ގެންދަވަނީ ވަރަށް ގިނަ ރަސްމީ ހަފްލާތަކުގައި ބައިވެރިވަމުންނެވެ. ނަމަވެސް އާދީއްތަ ދުވަހު އޮތް ބައެއް ހަރަކާތްތަކުގައި މޭގަން ބައިވެރިއެއް ނުވެއެވެ. އެއީ އަރާމު ކުރައްވަން ވަގުތު ދެއްވުމަށްޓަކައެވެ.

އިއްޔެ އޮތް ހަރަކާތެއްގައި ޕްރިންސް ހެރީ ބަޔަކާއި ސަލާމް ކުރަމުން ދަނިކޮށް އެތަނުގައި ހުރި މީހަކު ވަނީ ހެރީ އަށް މަރުޙަބާ ކިޔާ، އަދި އުއްމީދު ކުރަނީ އަންހެން ދަރިކަނބަލަކު ލިބިވަޑައިގަންނަވާނެ ކަމަށް ކަމުގައި ބުނެފައެވެ. ޖަވާބުގައި ހެރީ ވިދާޅުވީ އޭނާ ވެސް އުއްމީދު ކުރައްވަނީ އެގޮތައް ކަމަށެވެ.

ޕްރިންސް ހެރީ އާއި މޭގަންގެ ދަތުރުފުޅުގައި ކްއީންސްލޭންޑްގެ ޖަޒީރާ ރަށެއް ކަމަށްވާ ފްރެސާ އައިލެންޑަށް ވެސް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ކަނޑު ހުރަސްކޮށް ވަޑައިގަންނަވަން ޖެހޭ ރަށެކެވެ. އެރަށަށް ވަޑައިގަތުމަށް ކުރަން ޖެހޭ ދަތުރަކީ ގަދަ ކަނޑެއްގައި ކުރަން ޖެހޭ ދަތުރަކަށް ވާތީ މޭގަން އެދަތުރު ނުކުރެއްވުމަށް ބައެއް މީހުން މީސް މީޑިއާގައި ދަނީ ގޮވާލަމުންނެވެ.

މޭގަން އާއި ޕްރިންސް ހެރީގެ ފުރަތަމަ ދަރިކަލުން އުފަންވެ ވަޑައިގަންނާވާނީ އަންނަ ބަހާރު މޫސުމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ?

    ދެރަކަމަކީ އަދިވެސް މިރާއްޖޭގައި އަންހެން ކުއްޖަކު ލިބިދާނެތީ އުޅޭ މީހުން އުޅޭ ކަމެވެ. މީ ވަރަށް ތާކުން ތާކު ނުޖެހޭ ވިސްނުމެކެވެ.