ޖަޕާނުގެ ހުޅަނގު އުތުރުގެ އަވަށެއްގައި، ދެމީހަކު ޓެކްސީއަށް އަރުވަން ދެކޮޅު ހެދި ޑްރައިވަރަކަށް ޙަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

މިދިޔަ ހަފްތާގައި މި ހާދިސާ ހިނގާފައިވަނީ، ޓެކްސީއަށް އަރަން އުޅުނު ދެ މީހުންގެ ތެރެއިން އެކަކު ނަޖިހާއި އެކު ހުރުމުން އޭނާ އަރުވަން ޑްރައިވަރު ދެކޮޅު ހެދުމުންނެވެ. މި ހާދިސާގައި ޑްރައިވަރަށް ހަމަލާ ދިނީ އެ ދެމީހުންގެ ތެރެއިން އެކެކެވެ. އޭނާ ވަނީ ޑްރައިވަރުގެ މޫނު މަތީގައި އެތައް ފަހަރަކު ޖަހައި މޫނުމަތި ފަޅާލާފައެވެ. މިކަމުގެ ސަބަބުން ޑްރައިވަރުގެ ނޭފަތުގެ އެތެރެއިން ވެސް ފަޅައިގެން ގޮސް އިމަޖެންސީގައި ވަނީ ފަރުވާދީފައެވެ.

ޑްރައިވަރުގެ ގައިގައި ތަޅައިގަތުމަށްފަހު، ހަމަލާ ދިން ދެމީހުން އެ ސަރަޙައްދުން ދުވެ ފިލާފައިވާއިރު، ކަމާއި ބެހޭ ފަރާތްތަކަށް މައްސަލަ ރިޕޯޓްކުރިތާ ގިނައިރެއް ނުވެ އެދެމީހުން ވަނީ އަތުލައިގެންފައެވެ. އަދި އޭގެތެރެއިން ޑްރައިވަރުގެ މޫނު ފަޅާލައި ޒަޚަމްކޮށްލި މީހާ ވަނީ ޖަލަށްލާފައެވެ. އުމުރުން 64 އަހަރުގެ އެމީހާ ޑްރައިވަރަށް ހަމަލާދިން ވަގުތު އިނީ މަސްތުގެ ހާލަތުގައި ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.

މި ހާދިސާގައި ޒަޚަމްވެފައި ވަނީ އުމުރުން 71 އަހަރުގެ ފިރިހެނެއް ކަމަށް އޮފިޝަލުން ބުނެއެވެ. އޭނާއަށް އިމަޖެންސީގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާއިރު، ގިނަ ދުވަސްތަކެއް ވަންދެން އޭނާއަށް އެއްވެސް މަސައްކަތެއް ނުކުރެވޭނެކަން ޑޮކްޓަރުން ވަނީ އަންގާފައެވެ. އޭނާގެ މޫނުމައްޗަށް ލިބިފައިހުރި ބޮޑެތި ގެއްލުންތަކުގެ ސަބަބުން އޭނާގެ ސިފައަށްވެސް ބަދަލު އައިސްފައިވާ ކަމަށް ނޫސްތަކުގައި ބުނެފައިވެއެވެ.

މި މައްސަލަ އާއި ގުޅިގެން އެ ޑްރައިވަރަށް ހަމަލާދިން މީހާ އާއި ދެކޮޅަށް ދަޢުވާކުރުމަށް ނިންމާފައިވާއިރު، އެ ދަޢުވާ ސާބިތުވެއްޖެ ނަމަ އޭނާ ޖަލު ޙުކުމެއް ތަންފީޒުކުރަން ޖެހިދާނެ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ. އޭނާއަށް ކުރާ ދަޢުވާތަކުގެ ތެރޭގައި އާންމު ޚިދުމަތެއް ފޯރުކޮށްދެމުން އައި ފަރާތަކަށް ބިރުދައްކައި މަސައްކަތަށް ހުރަސް އެޅުމުގެ ދަޢުވާ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު