ދުނިޔޭގެ ފިނި ބައްރު އެންޓާޓިކާއިން ވަކިވެފައިވާ ބޮޑު ގަނޑުފެން ގަނޑެއް ނާސާއިން ހޯދައިފިއެވެ.

އެންޓާޓިކާ އަށް ވަރަށް ބޮޑެތި ބަދަލުތައް އަންނަމުންދާ މި ދަނޑިވަޅުގައި ނާސާއިން ހޯދި މި ގަނޑު ފެންގަނޑު އޮތީ ހަތަރެސްކަން ޝޭޕަށެވެ. ނާސާއިން މި ގަނޑުފެން ގަނޑު ހޯދީ ދުނިޔެ ހޫނުވެ ދުނިޔޭގައިވާ ގަނޑުފެންތައް ވިރެމުންދާ މިންވަރު ބަލައިލެވޭނެ ސެޓެލައިޓެއް މެދުވެރިކޮށެވެ.

ނާސާއިން ލަފާކުރާ ގޮތުގައި މި ގަނޑު ފެންގަނޑު އެންޓާޓިކާއިން ވަކިވެފައިވަނީ ވަރަށް ފަހުންނެވެ. މި ގަނޑުފެން ގަނޑު އޮތް ބައްޓަމަށް ބަލައި ނާސާއިން ބުނީ މިއީ "ޓިއުބުލާ އައިސްބާގް" އެއް ކަމަށެވެ.

މި ގަނޑުފެން ގަނޑުގެ ސައިޒް އަދި ޔަގީން ކުރެވިފައެއް ނުވެއެވެ. ނާސާގެ ސަައިންސްވެރިން ދަނީ އަލަށް ގަނޑުފެންގަނޑު އިތުރަށް ދިރާސާ ކުރަމުންނެވެ. މިހާތަނަށް ހޯދި މިފަދަ އެންމެ ބޮޑު ގަނޑުފެންގަނޑު ހޯދާފައިވަނީ 2000 ވަނަ އަހަރުއެވެ.

ދުނިޔެ ހޫނުވުމުގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ދެތަނޑީގައިވާ ގަނޑުފެން ވިރި ކަނޑުތަކަށް އެޅުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލެއެވެ. ނާސާ އިން މިހާރު ޖައްވަށް ފޮނުވާފައިވާ ސެޓެލައިޓުގެ ސަބަބުން ދުނިޔޭ ގައި އޮތް ގަނޑުފެނުގެ ބައްރު ވިރެމުންދާ މިންވަރު ދެނެގަނެވި އޭގެއިން ދުނިޔެއަށް ކުރަމުންދާ ނޭދެވޭ އަސަރު ދެނެގަނެވޭނެއެވެ.

މިހާރު ޖައްވުގައި ދައުރުވަމުންދާ ސެޓްލައިޓުތަކުގެ ހޯދުންތަކުން ދައްކާ ގޮތުގައި، އެންޓާކްޓިކާއިން އަހަރެއްގެ މައްޗަށް 200 ބިލިއަން ޓަނުގެ އައިސް ވިރި، ކަނޑަށް ދަނީ އެޅެމުންނެވެ.

މިއާއިއެކު ކަނޑުގެ ލޮނުގަނޑު، އަހަރަކު 0.6 މިލިމީޓަރަށް އުފުލޭކަމަށް ނޭޗާ ޖާނަލްގައި ސައިންސްވެރިން އާންމުކުރި ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. އެހެން ކަމުން މިއީ އެންމެ ފަހުން މިފަދަ ދިރާސާއެއް ކުރި 2012 ވަނަ އަހަރާއި އަޅާ ބަލާއިރު، 3 ގުނަ އިތުރު އަދަދެކެވެ. މިހާރުވެސް އެވަރެޖުކޮށް ދުނިޔޭގެ ކަނޑުގެ ލޮނުގަނޑު އަންނަނީ އަހަރަކު ގާތްގަނޑަކަށް 3 މިލިމީޓަރު އުފުލެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އާދަނު

    ގަނޑުފެންގަނޑުގެ އަނެއްބައި ނުފެނޭ! ވަރަށް ރަގަޅުވާނެ ޓާފް ދަނޑެއް އަޅާފައި ފުޓްބޯޅަކުޅެން!

  2. އިޒް ދިސް ޓްރޫ

    ދެން ރާއްޖޭގެ ތިރި ރަަށް ތައް ކަނޑުގެ އަޑިއަށްދާ ވަރު ވެސް ބަލަންވީނުން.

  3. ޝަމްސުއްދީން

    ތިޔައޮތީ މީހަކު ރީތިކޮށް ކޭކަކަށް ވާގޮތަށް ގަނޑުފެންގަޑެއް ކަފާލާފާ. ގަނޑުފެން ވިރިފައެއްނޫން.

  4. އިމް

    ﷲ އަކްބަރު