މަޝްހޫރު ފަސެންޖަރ ލައިނާ ޓައިޓޭނިކް އޭގެ އެންމެ ފުރަތަމަ ދަތުރުގައި އަޑިއަށް ގޮސްފައިވާއިރު އެ ބޯޓު އަޑިއަށް ދާން މެދުވެރިވި ސަބަބުތައް ގިނައެވެ. ބައެއް ސައިންސްވެރިން ބުނާގޮތުގައި ޓައިނޭނިކް އަޑިއަށް ދިޔައީ ގަނޑުފެންގަނޑެއްގައި ޖެހި ލިބުނު ގެއްލުމެއްގެ ސަބަބުންނެވެ. އަނެއްބަޔަކު ބުނަނީ އެ ހާދިސާ ހިނގީ ބޯޓުގައި ހިނގި އަލިފާނުގެ ހާދިސާއަކުން ކަމަށެވެ. އެކި ފަރާތްތަކުން ޓައިޓޭނިކްގެ ވާހަކަ އެކި ގޮތްގޮތަށް ދައްކަމުން އަންނައިރު މިއަދާ ޖެހެންދެންވެސް 1912 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިނގިރޭސިވިލާތުގެ ސައުތޭމްޕްޓަނުން އެމެރިކާގެ ނިއުޔޯކަށް ދަތުރުކުރަނުކޮށް އަޑިއަށް ދިޔަ ޓައިނޭނިކްގެ ވާހަކައަށް ކުޑަވެސް ފަޑުކަމެއް ނާދެއެވެ.

އިއްޔެވީކަމެއްގެ ގޮތުގައި އަދިވެސް ގިނަބަޔަކު ޓައިޓޭނިކްގެ ވާހަކަ ސިފަކުރަމުން އަންނައިރު އަނެއްކާވެސް މިވަނީ ޓައިޓޭނިކެއްގެ ވާހަކަ ތިލަވެފައެވެ. ޓައިޓޭނިކް 2 ގެ ނަމުން ނަންދީފައިވާ ބިޔަ ފަސިންޖަރ ލައިނާ 2022 ވަނަ އަހަރު އޭގެ އެންމެ ފުރަތަމަ ދަތުރު ކުރާނެ ކަމުގެ އަޑުތަށް މިވަނީ ފެތުރެން ފަށާފައެވެ.

ޓައިޓޭނިކް 1ގެ ބޮޑުމިނާއި އޭގެ ބަށްޓަމާއި އެއްގޮތަށް އެއްވެސް ބަދަލެއް ނެތި ފަރުމާކުރާ ޓައިޓޭނިކް 2 ހަދަނީ ކްލިވް ޕާމާ ކިޔާ އޮސްޓްރޭލިއާގެ މަހުޖަނެކެވެ. އަދި ޓައިޓޭނިކް 2 ހެދުމުގެ މަސައްކަތް ފަށާފައިވަނީ 2015 ވަނަ އަހަރުގެ ތެރޭގައި ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ޓައިޓޭނިކް 2 އަކީވެސް 2400 މީހުންނާއި 900 ފަޅުވެރިންގެ ޖާގައިގެ ޕަސެންޖަރު ލައިނާއެއް ކަމަށް ޕާމާ ބުނެއެވެ. އަދި އެއީ އަޑިއަށް ދިޔަ ޓައިޓޭނިކުންވެސް މީހުން ދަތުރުކުރެވޭ ވަރެވެ. ނަމަވެސް އަލަށް ހަދާ ޓައިޓޭނިކް 2ގެ ސަލާމަތީކަންކަން ވަރުގަދަ ވާނެ ކަމަށާއި އެގޮތުން ސަލާމަތީ އުނޅަދުތަށް ގިނައިން އެކުލެވިގެންވާނެ ކަމަށް ޕާމާ ބުނެއެވެ.

ޕާމާބުނި ގޮތުގައި ޓައިޓޭނިކް 2ގެ ފުރަތަމަ މަންޒިލަކީވެސް އަޑިއަށް ދިޔަ ޓައިޓޭނިކްގެ މަންޒިލެވެ. އަދި ދަތުރުކުރާނީވެސް އެއް ރޫޓަކުން ކަމަށް ޕާމާ ބުނެފައިވެއެވެ. އެގޮތުން ޓައިޓޭނިކް 2ގެ ފުރަތަމަ ދަތުރު ކުރާނީ އިނގިރޭސިވިލާތުގެ ސައުތޭމްޕްޓަނުން އެމެރިކާގެ ނިއުޔޯކަށެވެ.

1912 ވަނަ އަހަރު އެޓްލާންޓިކް ކަނޑުގައި އަޑިއަށްދިޔަ ޓައިޓޭނިކުން ދަތުރުކުރި 1502 މީހުން ވަނީ އެހާދިސާގައި ނިޔާވެފައެވެ.