މިދިޔަ ހަފްތާ ބަންދަކީ ވަރަށް އުފާވެރި ހަފްތާ ބަންދަކަށް ވާނެ ކަމަށް އެމެރިކާގެ ކުޑަ ކުއްޖެއް ކަމަށްވާ ޓެޑީ އުއްމީދު ކުރިއެވެ. އެއީ ޕިއްޒާ ރެސްޓޯރެންޓެއްގައި އޭނާގެ އުފަންދުވަހުގެ ޕާޓީ ބާއްވަން ނިންމާފައި އޮތުމުންނެވެ.

ނަމަވެސް ކަންތައް ވެގެން ދިޔައީ އުއްމީދު ކުރި ގޮތަކަށް ނޫނެވެ. ޓެޑީގެ ކްލާހުގެ 32 ކުދިންނަށް އުފަންދުވަހުގެ ޕާޓީއަށް ދައުވަތު ދިން ނަމަވެސް އެއްވެސް ކުއްޖަކު ޕާޓީއަށް ނުދިޔައެވެ.

ޓެޑީ އަށް ލިބުނު ހިތާމައިގެ ސަބަބުން އެންމެ ފުން އަސަރެއް ކުރީ އޭނާގެ މަންމަ ސިލް މަޒީނީ އަށެވެ. މަޒީނީ ވަނީ ޕިއްޒާ ކެއުމަށް ތައްޔާރުކޮށްފައި ހުރި ތަށިތައް ކައިރީ ދަރިފުޅު އިން ފޮޓޯއެއް މީސް މީޑިއާގައި ހިއްސާކޮށްފައެވެ. އަދި ކަންތައްވީ ގޮތް އޭނާ ވަނީ ލިޔެފައެވެ.

ޓެޑީގެ އުފަންދުވަހުގެ ޕާޓީއަށް ދައުވަތު ދިން އެއްވެސް ކުއްޖަކު ޕާޓީއަށް ނުދިއުމުން ޓެޑީއަށް ކޮށްފައިވާ އަސަރު ފޮޓޯއިން ކިތަންމެ ރަނގަޅަކަށް ވެސް އެނގެއެވެ. އެފޮޓޯ އިން އަސަރު ކުރީ އޭނާގެ މަންމަ އަށް އެކަންޏެއް ނޫނެވެ.

އެތައް ބަޔަކު ވަނީ ޓެޑީއަށް ލިބުނު ހިތާމައިގައި ބައިވެރިވެ އޭނާ އަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުވާފައެވެ.

އަދި އެންމެ ހާއްސަ ހަދިޔާއެއްގެ ގޮތުގައި ޓެޑީއަށް ލިބުނު ހަދިޔާ އަކީ ފީނިކްސްގެ ބާސްކެޓް ޓީމަކުން ޓެޑީގެ އުފަންދުވަސް އެޓީމާއި އެކު ފާހަގަކުރަން ދިން ދައުވަތެވެ. ފީނިކްސް ސަން އިން ދެން ކުޅޭ މެޗަށް އައުމުގެ ޓިކެޓް ޓެޑީގެ އާއިލާގެ އެންމެނަށް ދިނުމަށް އެޓީމުން މިހާރު ވަނީ ނިންމާފައެވެ.

އެހެންކަމުން ކުރިއަށް އޮތް ހަފްތާ ބަންދުގައި ޓެޑީގެ އުފަންދުވަސް ކުލަގަދަކޮށް ފާހަގަ ކުރުން އޮންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖޮހނެ

    އުފާވެރި އުފަންދުވަހަކަށް އެދެން ދައުވަތު ލިބުނު ނަމަ ދާނަން ޔަގިްނ

  2. ޣާދިރު

    އަހަރެންވެސް ދާނަން..މަންމަގެ ފޮޓޯއެއް ނަމަވެސް ފެނުނުނަމަ..