އިންގްލޭންޑްގެ ސްކޫލެއްގައި ދަބަސް ގެންދިއުން މަނާކުރުމާއި ގުޅިގެން އެ ސްކޫލުގައި ކިޔަވަމުންދިޔަ ދަރިވަރަކު ތަފާތު ގޮތަކަށް ހަޅުތާލު ކޮށްފިއެވެ. އެ ސްކޫލުން ދަބަސް ގެންދިއުން މަނާކޮށްފައި ވަނީ ދަބަސް އަޅުވައިގެން ސްކޫލަށް ދިއުމުން ކުދިންގެ ސިއްހަތަށް ގެއްލުންވާ ކަމަށް ބުނެއެވެ.

އެކަމާއި ދެކޮޅަށް ހިމޭން މުޒާހަރާއެއް ސްކޫލްގައި ކުރިއަށްދިޔައެވެ. އެ މުޒާހަރާގައި ބައިވެރިވުމުގެ ގޮތުން އެއް ކުއްޖަކު ވަނީ ސްކޫލަށް ދަބަހުގެ ބަދަލުގައި، ފޮތް ލައިގެން އަވަނެއް ގެންގޮސްފައެވެ. މިކަމާއި ގުޅިގެން އެ ސްކޫލަށް ދަބަސް ގެންދިއުން މަނާކުރާ މި އާ ޤަވާއިދުގެ ވާހަކަ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައިވާއިރު، ސްކޫލުން ވަނީ މިގޮތަށް ހަޅުތާލުކުރި ދަރިވަރު ސަސްޕެންޑުކޮށްފައެވެ.

ސްޕޭޑިންގ ގްރެމާ ސްކޫލުން ކުދިންނަށް އެންގީ އެ ކުދިންނަށް ދަބަހަށް އެއްޗެހި އަޅައިގެން އާދެވުނު ނަމަވެސް، ސްކޫލް ތެރޭގައި އެއް ތަނުން އަނެއް ތަނަށް ދަބަސް ނުގެންދެވޭނެ ކަމަށެވެ. އެކަމަކީ ސިއްހަތަށް ގެއްލުން ހުރިކަމެއް ކަމަށް ސްކޫލުން ބުނެއެވެ.

ސްކޫލުން ބުނާގޮތުގައި، ބައެއް ކުދިން ސްކޫލަށް ގެންދަނީ މީހާއަށް ވުރެ ބޮޑެތި ދަބަސް ތަކެވެ. އަދި އޭގެ ސަބަބުން އެ ދަބަސްތައް އަަޅުވާ ކުޑަކުދިން ބައެއް ފަހަރު ސްކޫލް ކޮރިޑޯ ތެރެއަށް ވެއްޓޭކަމަށްވެސް ބުންޏެވެ. ސްކޫލުން ނެރުނު ބަޔާނެއްގައި ބުނީ، ކޮންމެ ކުއްޖަކަށްވެސް ދަބަހަށް ފޮތްތަކައި އެ ނޫންވެސް އެއްޗެހި އަޅައިގެން ގެންދެވޭނެ ކަމަށާއި، ނަމަވެސް ލެސަންތައް ކުރިއަށްދާ ވަގުތު އެ ދަބަސް އެއްތަނުން އަނެއް ތަނަށް ނުއުފުއްލޭނެ ކަމަށެވެ.

އަދި ކިޔެވުން އޮންނަ ގަޑިިތަކުގައި ފޮތްތައް އަތުން ގެންދިއުމަށްވެސް ވަނީ ސްކޫލުން އެދިފައެވެ. މީގެ ކުރިންވެސް ބައެއް ސްކޫލްތަކުގައި ދަބަސް އެޅުވުން މަނާކޮށްފައިވާއިރު، ގިނައިރު ވަންދެން ދަބަސް އަޅުވައިގެން އުޅުމަކީ އެކަމުން ދާއިމީ ގެއްލުމެއް ލިބިދާނެ ކަމެއްކަން ދިރާސާތަކުންވެސް ދައްކާފައި ވެއެވެ.