ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީ ކުންފުނި ކަމަށްވާ ގޫގުލްގެ "ގޫގުލް މެޕްސް" އެޕްލިކޭޝަނުން، ފިރިހެނަކަށް އޭނާއަށް ބޭވަފާތެރިވަމުން ދިޔަ އަންހެން މީހާގެ ހަޤީޤަތް ފަޅާއަރައިފިއެވެ.

ޕެރޫގެ ސިޓީއެއް ކަމަށްވާ ލީމާއަށް ނިސްބަތްވާ އެ ފިރިހެން މީހާއަށް އޭނާގެ އަނބިމީހާ ސިއްރުން އެހެން މީހަކާއި އެކު ގުޅުން ބާއްވަމުން ދިޔަކަން އެނގިފައިވަނީ، ގޫގުލް މެޕްސްގެ ސްޓްރީޓް ވިއުއަށް ނަގާފައިވާ ފޮޓޯއަކުން އޭނާގެ އަނބިމީހާ ފެންނާން ހުރުމުންނެވެ.

2013 ވަނަ އަހަރު ނަގާފައިވާ އެ ފޮޓޯއަކީ، ގޫގުލް މެޕްސް މެދުވެރިކޮށް "ލޮކޭޝަން" ދައްކުވައިދިނުމަށް އެހީއެއްގެ ގޮތުން އާންމުކޮށްފައިވާ ފޮޓޯއެކެވެ. އެ ފޮޓޯއިން ފެންނަނީ އެ އަންހެން މީހާގެ އުނގުމަތީގައި އެހެން ފިރިހެނަކު ބޯ އަޅައިގެން ޕާކެއްގެ އެއްކައިރިއެއްގައި ހުރި ބެންޗެއްގައި އޮތް މަންޒަރެވެ.

އެ އަންހެން މީހާގެ ފިރިމީހާ ބުނިގޮތުގައި، އެންމެ ފުރަތަމަ އެ ފޮޓޯ ފެނުމުން އެއީ އޭނާގެ އަނބިމީހާކަން ނޭނގޭ ނަމަވެސް، އަނބިމީހާގެ އަތުގައި އޮންނަ ފަދަ ހެދުމެއް ފޮޓޯ އިން ފެންނާތީ އިތުރަށް ބެލުމުން އެއީ އޭނާގެ ބޭވަފާތެރި އަނބިމީހާކަން އެނގުނު ކަމަށެވެ.

އެއާއިއެކު އެ ފޮޓޯ އަނބިމީހާއަށް ދައްކައި އޭނާ ވަރިކުރުމަށް ފޯމު ހުށަހަޅާފައިވާ ކަމަށާއި، އޭނާ ބޭވަފާތެރިވެ އެހެން މީހަކާއި އެކު ލޯބީގެ ސިއްރު ގުޅުމެއް ބާއްވަމުންދާކަން ކުރިން ޝައްކުވި ނަމަވެސް މިހާރު އެ ހުރިހާ ކަމެއް ޔަޤީން ކުރެވިއްޖެ ކަމަށް އެ ފިރިހެން މީހާ ބުންނެވެ.

ގޫގުލް މެޕްސް ސްޓްރީޓް ވިއުގައި ޢާންމުކޮށްފައި ހުންނަ ބައެއް ފޮޓޯތަކުން މީގެ ކުރިން ވައްކަމާއި ފޭރުމުގެ މައްސަލަތަކުގެ އިތުރުން، އާންމު ތަންތަނުގައި ޖިންސީ އަމަލު ހިންގާ މީހުންވެސް ވަނީ ދެނެގަނެވި އަތުލައިގެންފައެވެ. އެހެންކަމުން މި އެޕްލިކޭޝަން، ބައެއް ފަރާތްތަކަށް ވެގެން ގޮސްފައިވަނީ ބޭނުންތެރި މުޙިންމު އެޕްލިކޭޝަނަކަށެވެ.

ކިޔުންތެރިންގެ ހިޔާލު