ދުނިޔޭގެ ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ ލަވަކިޔުންތެރިޔާ ޓެއިލާ ސްވިފްޓް އޭނާއަށް ސަޕޯޓް ކުރާ މީހެއްގެ ބޭސްފަރުވާގެ ބިލަށް އެރި 15500 ޑޮލަރު ދައްކައިދީފިއެވެ.

ޓެއިލާއަށް އަބަދުވެސް ސަޕޯޓް ކުރަމުން އަންނަ ސެޑި ބަރްޓެލްސް ނަމަކަށް ކިޔާ އެ އަންހެން މީހާގެ މަންމަ ކޯމާގައި އޮންނަތާ މިހާރު ތިން އަހަރުވެއްޖެއެވެ. އަދި އޭނާގެ އާއިލާއިން ވަނީ އެ މީހުން ދިރިއުޅެމުންދާ ގެ ދޫކޮށްލަން ޖެހިދާ ހިސާބަށް ގޮސްފައެވެ. އެއީ އެ މީހުން ހޮސްޕިޓަލަށް ދައްކަން ޖެހިފައިވާ ބިލްތަކުގެ ސަބަބުންނެވެ.

މަންމަގެ ބަލި ހާލަތު ހުރި ގޮތް ކޮންމެވެސް ވަރަކަށް އުމުރުން 19 އަހަރުގެ ބަރްޓެލްސް ވަނީ ޓްވިޓާ މެދުވެރިކޮށް ބަޔާންކޮށްދީފައެވެ. ބަރްޓެލްސް ބުނީ، ޓެއިލާގެ ކޮންސެޓް ބަލަން ދިއުުމުގެ ދެ ދުވަސް ކުރިން މަންމަ ވަރަށް ބޮޑަށް ބަލިވީ ކަމަށެވެ.

އެ ޓްވިޓާއެކު ޓެއިލާ ވަނީ އޭނާގެ އެ ސަޕޯޓަރަށް އެހީވުމަށް ނިންމާފައެވެ. އަދި ގޯ ފަންޑް މީ މެދުވެރިކޮށް، އެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށްފަހު، އެކަން އިއުލާނުވެސް ކުރިއެވެ. ޓެއިލާ އެ އާއިލާއަށް އެހީތެރިވުމުން އެހެން ބައެއް ފަރާތްތަކުންވެސް ވަނީ އެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ބަރްޓެލް ފަހުން ކުރި ޓްވީޓެއްގައި ބުނީ، އަސްލުވެސް ޓެއިލާ އެ މީހުންގެ އާްއިލާއަށް އެހީތެރިކަން ފޯރުކޮށްދިން ކަަމަށެވެ. އަދި ޓެއިލާ އޭނާއަށް ފޮލޯ ކުރަން ފަށާފައިވާކަމަށާއި، އޭނާގެ ޕޯސްޓަށް ލައިކް ކުރިކަމަށްވެސް ބުންޏެވެ.

ޓެއިލާ ސްވިފްޓަކީ ޕޮޕް ލަވަކިޔުންތެރިންގެ ތެރޭގައި ފާހަގަކޮށްލެވޭ މަޝްހޫރު އެކަކެވެ.