އުފަންވިއިރު ގުޅިފައި ތިބި ސައުދީ އަރަބިއްޔާއަށް ނިސްބަތްވާ ދެ ކުދިންގެ، ހަށިގަނޑުން ވަކިކުރުމަށް ކުރާ ސާޖަރީ އޮޕަރޭޝަން މާދަމާ ކުރުމަށް ތައްޔާރުވެއްޖެއެވެ.

ޝެއިޚާ އަދި ޝުމޫޚް ނަމަކަށްކިޔާ މި ދެކުދިންގެ އޮޕަރޭޝަން ކުރުމަށް ހަމަޖެހިފައިވަނީ، ކިންގް އަބްދުލް އަޒީޒް މެޑިކަލް ސިޓީގެ، ކިންގް އަބްދުﷲ ސްޕެޝަލިސްޓް ޗިލްޑްރެންސް ހޮސްޕިޓަލުގައެވެ. މާދަމާ މި ދެކުދިންގެ ސާޖަރީ ކުރުމަށް ތައްޔާރުވަމުން މިދަނީ މީގެ ތިން ހަފްތާ ކުރިން، ކުރަން އޮތް މި ސާޖަރީ، އެ ކުދިންގެ ހާލު މާބޮޑަށް ދަށްވުމުން ފަސްކޮށްފައި ވަނިކޮށެވެ.

ޝޭޚާ އާއި ޝުމޫޚްގެ ބަރުދަނުގައި ޖުމްލަ 10.4 ކިލޯ ހުރެއެވެ. އެ ދެކުދިން ގުޅިފައި ވަނީ ބަނޑުން ތިރީގައިވާ "ޕެލްވިކް" ކަށިގަނޑާއި ދިމާލުންނެވެ. މިކަމުގެ ސަބަބުން ބަނޑުން ފެށިގެން ތިރީބައި ދެކުދިންވެސް ޙިއްސާކުރަނީ އެއް ހަށިގަނޑެއްގެ ގޮތުގައެވެ.

ޝޭޚާ އާއި ޝުމޫޚްގެ ސާޖަރީ ކުރާގޮތުގެ ތަފްސީލެއް އޮފިޝަލުން ހާމަކޮށްފައި ނުވީނަމަވެސް، އެ ސާޖަރީ، ހަތް ސްޓޭޖެއްގެ ދަށުން ބާރަ ގަޑިއިރަށް ދެމިގެންދާނެ ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ. މި ސާޖަރީ ކުރާ ޓީމުގައި ޑޮކްޓަރުންނާއި ސްޕެޝަލިސްޓުންނާއި ޓެކްނީޝަނުންގެ އިތުރުން ނަރުހުން ހިމެނޭގޮތަށް 25 މީހުން ހިމެނެއެވެ.

މި ދެކުދިންގެ ސާޖަރީ އާއި ފަރުވާގެ ކަންކަން ކުރިއަށްދަނީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު، ސަލްމާން ބިން އަބްދުލް އަޒީޒް އާއި ދަރިކަލުން މުޙައްމަދު ދިން ސަލްމާނުގެ އެހީތެރިކަމުގެ ދަށުންނެވެ. މި ކުދިންގެ ސާޖަރީ ކުރާ ކިންގް އަބްދުﷲ ސްޕެޝަލިސްޓް ޗިލްޑްރެސް ހޮސްޕިޓަލް އަކީ ސައުދީގެ ޝާހީ އާއިލާގެ ބޭފުޅުންނަށް ޚާއްސަކޮށްގެން ހުޅުވާފައިވާ ހޮސްޕިޓަލެކެވެ.

އުފަންވާއިރު ހަށިގަނޑުން ގުޅިފައިވުމީ ވަރަށް މަދުން ނޫނީ ދިމާނުވާ ހާލަތެކެވެ. މި ހާލަތު މެދުވެރިވާ ކުދިންގެ ހަށިގަނޑު ސާޖަރީ ކޮށް ވަކިކުރުމަކީ އެކަމުގެ ސަބަބުން ފުރާނައަށްވެސް ނުރައްކާވުމުގެ ފުރުސަތު އޮންނަ ކަމަކަށްވާއިރު، އެފަދަ ކުދިން ގެއްލުމެއް ނުލިބި ސަލާމަތްވުމަކީ މަދު ފަހަރެއްގައި ނޫނީ ނުވާކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފާތުން

    އެކުދިންގެ އޮޕަރޭޝަން ކާމިޔާބު ކުރައްވައި، ދުޅަހެޔޮ ސިއްހަތެއް މިންވަރު ކުރައްވާށި،، އާމީން

  2. އައިޝް

    އެކުދިންގެ އޮޕަރޭޝަން ﷲގެ އިރާދަފުޅާ މިންވަރުފުޅުން ކާމިޔާބު ކުރައްވާށި އާމީން