ދުޅަހެޔޮ ސިއްހަތެއްގައި ކުއްޖަކު ދުނިޔެއަށް އުފަންކުރުމަކީ ކޮންމެ މަޔަކުވެސް އަދި ކޮންމެ ބަފަޔަކުވެސް ދެކެމުން އަންނާނެ ހުވަފެނެއްކަން ޔަޤީނެވެ. ކުއްޖާ ދުނިޔެއަށް އުފަންވުމުގެ ތެރޭގައްޔާއި އުފަންވުމަށް ފަހު މެދުވެރިވާ އެކިއެކި ކަންކަމުގެ ސަބަބުން ކުއްޖާގެ ފުރާނައަށް ނުރައްކާވާއިރު އެއީ ހަމަ ޔަގީނުންވެސް އެކުއްޖެއްގެ މައިންބަފައިންނަށް ބަރުދާސްތުކުރަން ފަސޭހަ ކަންކަމެއް ނޫނެވެ.

ޑޮކްޓަރުންނާއި، ކުޅަދާނަ ސައިންސްވެރިން ކުދިންގެ ސިއްހީ ކަންކަން މިނެކިރާ އެންމެ މުހިންމު އެއް ތިލަފަތަކީ ކުއްޖާގެ ބަރުދަނާއި ކުއްޖާގެ ދިގުމިނެވެ. އެކި އެކި އުމުރުފުރާތަކުގައި ދުޅަހެޔޮ ކުއްޖެއްގެ ގައިގައި ހުންނަން ޖެހޭނެ ބަރުދަނާއި ދިގުމިން ޑޮކްޓަރުން ވަނީ ހާމަކޮށްފައެވެ. އަދި އުމުރާއި ނުބައްދަލުވާ މިންވަރަށް ކުއްޖާ ބަރުވެއްޖެ ނަމަ ނުވަތަ ދިގުވެއްޖެ ނަމަ އެއީ މައްސަލައެއްކަމަށް ޑޮކްޓަރުން ބުނެއެވެ.

އާންމުގޮތެއްގައި އުމުރުން 8 މަސް ނުވަތަ 9 މަހަށްދާ ކުއްޖެއްގެ ބަރުދަނަކީ 8 ނުވަތަ 10 ކިލޯއެވެ. ނަމަވެސް އިންޑިއާގެ ޕުންޖާބަށް އުފަން އުމުރުން 8 މަހުގެ ޗަހަޓް ކުމާރުގެ ބަރުދަން ފެނި ޑޮކްޓަރުން ވަނީ އާޝޯހުވެފައެވެ. އެއީ އުމުރުން އެންމެ އަށް މަހުގައި އޭނާގެ ބަރުދަނުގައި 17 ކިލޯ ހުރީމައެވެ. ސިއްހީ ގޮތުން ބަލާނަމަ އުމުރުން 4 ނުވަތަ 5 އަހަރުގެ ކުއްޖެއްގެ ބަރުދަން އުމުރުން އެންމެ އަށް މަހުގެ ކުއްޖެއްގެ ގައިގައި ހުރީމައެވެ.

ޗަހަޓްގެ މަންމަ ބުނި ގޮތުގައި ޗަހަޓްގެ ކާ ގަޑިއެއްގައި އާދަޔާ ހިލާފަށް ގިނައިން ކައެވެ. އަދި އާދަޔާ ހިލާފަށް ޗަހަޓްގެ ހަންގަނޑު ހަރުކަމަށްވެސް އޭނާގެ މަންމަ ފާހަގަކުރެއެވެ. އަދި އަބްދުވެސް ޗަހަޓް ކާން ބޭނުންވާ ކަމަށް އޭނާގެ މަންމަ ބުންޏެވެ.

"އޭނާ ބޭނުންވޭ އަބަދުވެސް ކާން. އެހެންކުދިންނާއި ވަރަށް ތަފާތު. ކާން ނުދީފި ނަމަ ރޯން ފަށާނެ. އެހެންވެ އަހަންނަށް މަޖުބޫރުވަނީ ގިނައިން ކާންދޭން" ޗަހަޓްގެ މަންމަ ބުނެފައިވެއެވެ.

ޗަހަޓްގެ މަންމައަށް މީގެ ކުރިން އެހެން ކުއްޖަކު ލިބިފައިވާއިރު އެކުއްޖާ ދުނިޔެދޫކޮށްފައިވަނީ މާބޮޑަށް ފަލަވުމުން ކުރިމަތިވި ބަލިމަނޑުކަމެއްގެ ސަބަބުންނެވެ. އެހެންކަމުން ދެވަނަ ދަރިއަށް އެފަދަ ކަމެއް ކުރިމަތިވިޔަ ނުދިނުމަށް ޗަހަޓްގެ އާއިލާއިން އަންނަނީ ބުރަކޮށް މަސައްކަތްކޮށް ސިއްހީ މާހިރުންގެ ލަފާ ހޯދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު