ޕިއްޒާއަކީ ގިނަބަޔަކު އެއަށް ލޯބިކުރާ ކާނާއެކެވެ. ދުނިޔޭގެ ނަން މަޝްހޫރު ޕިއްޒާ ކުއްފުނިތަށް ހުރި އިރު އެތަންތަނުން ހަދާ ޕިއްޒާގެ އަޖުމަ ބަލާލުމަކީ ގިނަ ބަޔަކު އެދިއެދި ތިބި ކަމެކެވެ. އެގޮތުން އެމެރިކާގެ މިޝިގަންއަށް ނިސްބަތްވާ ޖޫލީ އަދި ރިޗް މޯގަސް އަކީ ޕިއްޒާއަށް ހާއްސަ ލޯތްބެއް ޖެހިފައިވާ ދެމެފިރިންނެވެ.

ކައިވެނީގެ ވަރަށް ކުރީކޮޅު އުފަން ސްޓޭޓް ދޫކޮށް އެމެރިކާގެ ސިޓީއެއްކަމަށްވާ އިންޑިއަންޕޮލިސްއަށް ބަދަލުވުމަށް ފަހުވެސް ޕިއްޒާއަށް އެ ދެމެފިރިންގެ ހިތުގައި އޮތް ލޯތްބަކަށް ކުޑަވެސް ބަދަލެއް ނައެވެ. ނަތީޖާއަކަށްވީ ކުރިން ދިރިއުޅެމުން އައި ސިޓީގައި އުފައްދަމުން އައި އެ ދެމެފިރިންގެ އެންމެ މަގުބޫލު ޕިއްޒާކަމަށްވާ ސްޓީވްސް ޕިއްޒާ ކެއުމަށް އެނބުރި މިޝިގަންއަށް ދިޔުމަށް އެމެފިރިން ނިންމުމެވެ.

ނަމަވެސް ތަޤުދީރު ނިޔާކުރި ގޮތުން އެ ދެމެފިރިންނަށް އެކަން ފުރިހަމައެއް ނުކުރެވުނެވެ. އެއީ ޕިއްޒާ ކެއުމަށް މިޝިގަންއަށް ދިޔުމަށް ނިންމާފައިވަނިކޮށް ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ރިޗްގެ ބަލިހާލަތު އިތުރަށް ގޯސްވެ ހޮސްޕިޓަލުގައި އެނދުމަތިކުރަން ޖެހުމުންނެވެ. ރިޗް ބެލި ޑޮކްޓަރުން ބުނީ ރިޗްއަށް ދުނިޔޭގައި ހުރުމަށް މާގިނަ ވަގުތު ނެތްކަމަށެވެ. އެހެންކަމުން ރިޗް ދުނިޔޭގައި ހުންނަ މަދު ވަގުތުކޮޅުގެ ތެރޭގައި އޭނާ އުފާކޮށްދިނުމަށް ކޮންމެވެސް ކަމެއް ކުރުމަށް ރިޗްގެ އަންހެނުން ޖޫލީގެ ބައްޕަ ނިންމިއެވެ.

އެގޮތުން ޖޫލީގެ ބައްޕަ ނިންމީ ރިޗް އެންމެ ކާހިތްވާ ޕިއްޒާ އޭނާއަށް ގެނެސްދިނުމަށެވެ. އެހެންކަމުން ސްޓީވްސް ޕިއްޒާއަށް ގުޅައިގެން އެތަނުން ޕިއްޒާއަކަށް އޯޑަރު ކުރިއެވެ. ނަމަވެސް ޑެލިވަރީ ކުރަން ޖެހޭލެއް ދުރުކަމުން ސްޓީވްސް ޕިއްޒާއިން އެ އޯޑަރަށް އިންކާރުކުރިއެވެ.

އެހެންނަމަވެސް އެއީ ކެންސަރު ޖެހިފައިވާ މީހަކަށް ދިނުމަށް އޯޑަރު ކުރި ޕިއްޒާއެއް ކަމަށް ބުނުމުން ސްޓީވްސް ޕިއްޒާގެ މެނޭޖަރ ވަނީ އޯޑަރު ކުރި ޕިއްޒާ 800 ކިލޯމީޓަރު ދުރުގައިވާ ހޮސްޕިޓަލަށް ޑެވިލާކުރުމަށް އެތަނުގެ ޑެލިވަރީ ސްޓާފުންނަށް އަންގާފައެވެ. އޯޑަރުކުރިތާ 7 ގަޑިއިރުގެ ތެރޭގައި އެ ޕިއްޒާ ވަނީ އޯޑަރުކުރި ފަރާތަަށް ޑެލިވަރ ކޮށްފައެވެ.

އޯޑަރު ކުރި ޕިއްޒާއަށް އެއްވެސް ފައިސާއެއް ނުނަގާ ކަމަށް ޖޫލީގެ ބައްޕައާއި ހަވާލާދީ އެމެރިކާގެ ނޫސްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު