އަބޫދާބީ އިން ޖަކްރަތާއަށް ދަތުރު ކުރަމުންދިޔަ އިއްތިހާދު އެއާލައިންސްގެ ފްލައިޓެއްގެ ތެރެއަށް އަންހެނަކު ވިހައިގެން މުމްބާއީ އަށް ފްލައިޓް ޑައިވާޓްކޮށްފިއެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން، އިންޑޮނޭޝިޔާ އަށް ނިސްބަތްވާ އެ އަންހެން މީހާ ފްލައިޓް ތެރޭގައި ވިހެއުމާއި ގުޅިގެން މުމްބާއީ އަށް އެ ފްލައިޓް ޖައްސާ އެ މީހާ ވަގުތުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އިއްޔެގެ ވަގުތެއްގައި މި ހާދިސާ ހިނގިއިރު، އެ އަންހެން މީހާ ވިހާފައި ވަނީ އަރަބި ކަނޑުގެ މަތިން އެ މަތިންދާ ބޯޓު ދަތުރުކުރަމުންދަނިކޮށެވެ. އެ މީހާ ބަނޑުގައި ރިއްސާތީ އުޅުމުން ފްލައިޓްގެ ކެޕްޓަން ވަނީ އެ މަތިންދާ ބޯޓު މުމްބާއިއަށް އެމާޖެންސީގައި ޖައްސާކަން އިއުލާނުކޮށްފައެވެ.

ނަމަވެސް، އެ ފްލައިޓް މުމްބާއީގައި ޖެއްސުމުގެ 40 މިނިޓް ކުރިން އެ އަންހެން މީހާ ވަނީ ވިހާފައެވެ. އެ އަންހެން މީހާ ވިހާފައި ވަނީ ފިރިހެން ކުއްޖެކެވެ.

މުމްބާއި އެއާޕޯޓުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެކަން އެ އެއާޕޯޓްގެ ސަމާލުކަމަށް ގެނައުމާއެކު ޑޮކްޓަރުން ހިމެނޭ ގޮތަށް މެޑިކަލް ޓީމެއް ތައްޔާރަށް އޮތް ކަމަށެވެ. އަދި އެ މެޑިކަލް ޓީމުން އެ އަންހެން މީހާއަށާއި، ދަރިފުޅަށް އަވަސް ފަރުވާ ދިނުމަށްފަހު، އެ މީހުން ކައިރި ހޮސްޕިޓަލަކަށް ގެންގޮސްފައިވާކަމަށް އެ ބަޔާނުގައި ވެއެވެ.

އަދި ފަހުން އެ މަތިންދާ ބޯޓު ޖަކްރަޓާއަށް ގޮސްފައިވާކަަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު