ވައްކަން ކުރުމުގައި އުޅެމުން ދިޔަ ގޭންގަކަށް ހިތުން ނުފިލާނެ ވަރުގެ ލަނޑެއް ލިބިއްޖެއެވެ. ބެލްޖިއަމްގައި މި ހާދިސާ ހިނގީ، ވަގުންތަކެއް އީ ސިގިރޭޓް ވިއްކަމުންދާ ފިހާރައަަކަށް ވައްކަން ކުރަން ގޮސް ތިއްބާ އެތަނުގެ ވެރިމީހާ އެ މީހުން ކައިރީ ބުނީ، އެތަނުގައި ފައިސާ ގިނައިން ތިބި ވަގުތެއްގައި ވައްކަން ކުރަން އައުމަށެވެ.

ހަ މީހަކު ވެގެން އެ ފިހާރައަށް ވައްކަން ކުރަން ވަނުމުން ވެރިމީހާ މިގޮތަށް ބުނިއިރު، އެ ވަގުން ވަނީ ފަހުން އެ ފިހާރައަށް ވައްކަން ކުރުމަށް އަންނާނެކަމަށް ހިތާ އެނބުރި ގޮސްފައެވެ. އަދި ފަހުން އެމީހުން ވަނީ އެނބުރި އައިސްފައެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރުގެ ވަގުތެއްގައި އެ ހާދިސާ ހިނގިއިރު، އެ ފިހާރައިގެ ވެރިމީހާ ވަނީ އެކަން ފުލުހުންނަށް އަންގާފައެވެ. އަދި ދެ ވަަނަ ފަަހަރަށް އެ ވަގުން އެނބުރި އެ ފިހާރައަށް އައިސްދާނެކަމަށް އުއްމީދު ނުކުރާ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް އެ މީހުން އައެވެ. އެމީހުން އެ ފިހާރައަށް އެނބުރި އައީ ހަވީރު 5:30 ގައެވެ. އެ ގަޑީގައި އައުމުންވެސް އެ ފިހާރައިގެ ވެރި މީހާ ވަނީ އަދި ކުޑައިރުކޮޅެއް ފަހުން އައުމަށް އެ މީހުންނަށް އަންގާފައެވެ.

އެ މީހުން ދެން އައިސްފައި ވަނީ 6:30 ގައެވެ. އެެއިރު، އެ ފިހާރައަށް ވައްކަން ކުރަން އެ މީހުން ދިޔައިރު، އެތަނުގައި ތިބީ ފުލުހުންނެވެ. ފުލުހުން ވަނީ އެ މީހުން ހައްޔަރުކޮށްފައެވެ.