ނުރައްކާތެރި ކެންސަރު ބަލި ހަށިގަނޑުގެ ބައެއް އެހެން ގުނަވަންތަކާއި ހަމައަށް ވާސިލުވުމަށް ހުރަސްއަޅައި ލަސްކޮށްދިނުމަށް އެހީވާ ބޭހެއް އުފައްދައިފިއެވެ.

ޖާމަނީގެ ކުންފުންޏަކުން އުފައްދާފައިވާ މި ބޭހަކީ، ފިރިހެނުންގެ ކުޑަކަމުދާ ނިޒާމުގެ ހޮޅިއަށް ޖެހޭ ކެންސަރުގެ ވައްތަރެއް ކަމަށްވާ "ޕްރޮސްޓޭޓް ކެންސަރު" ޖެހިފައިވާ ފިރިހެނުންގެ ބަލި ފެތުރުން ހުއްޓުވުމަށް ޚާއްސަކޮށްގެން އުފައްދާފައިވާ ބޭހެކެވެ.

މި ބޭސް އުފައްދައި އޭގެ ތަހުލީލުތައް ދިގު މުއްދަތެއް ވަންދެން ކޮށްފައިވާއިރު، ބޭސް އުފެއްދި ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ކެންސަރު ބައްޔަށް އޮތް ދާއިމީ ޙައްލެއް ނުވަތަ ޝިފާއެއް ނޫން ނަމަވެސް، މިއީ ޕްރޮސްޓޭޓް ކެންސަރު ޖެހިފައިވާ މީހުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް ކަމަށެވެ. ނަމަވެސް އެހެން ބާވަތްތަކުގެ ކެންސަރަށް މި ބޭހުން އެއްވެސް އަސަރެއް ކުރާކަމެއް ނުވަތަ ނުކުރާކަމެއް އެފަރާތުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ބޭސް އަދި އާންމުކޮށް ވިއްކަން ފަށާފައި ނުވާއިރު، ބޭސް އުފެއްދި ކުންފުނިން ވަނީ، މިކަމާއި ގުޅޭގޮތުން ކުރިއަށް ގެންދިޔަ ތަހުލީލުތަކާއި އެނޫންވެސް ދިރާސާ މަޢުލޫމާތުތައް ކަމާއި ބެހޭ ސިއްޙީ އިދާރާތަކަށް ހުށަހަޅައި އޭގެ މާކެޓްކުރުމުގެ ހުއްދަ ހޯދުމުގެ މަސައްކަތް ވީހާވެސް އަވަހަށް ފެށުމަށް ނިންމާފައެވެ. އަދި އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން މެދުވެރިކޮށް މިކަން އަވަސް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި ބޭހުން "ޕްރޮސްޓްރޭޓް ކެންސރު" ފެތުރުން ކޮންމެވެސް ވަރަކަށް މަޑުޖައްސާލާ ބަލި މީހާއަށް ލުއިކޮށްދޭ ގޮތެއް ނުވަތަ ބޭހާއި ބެހޭ މާގިނަ މަޢުލޫމާތެއް އަދި އެ ކުންފުނިން ހާމަކޮށްފައި ނުވެއެވެ.

ކެންސަރު ބަލީގެ ގިނަ ވައްތަރުތައް ހުންނައިރު، މިއީ މިހާތަނަށް ސީދާ ފަރުވާއެއް ހޯދިފައިނުވާ ބައްޔެކެވެ. ނަމަވެސް ބައެއް ކަހަލަ ފަރުވާތައް ދީގެން ކެންސަރުގެ ކުރީކޮޅުގައި އެ ބަލިން ރައްކާތެރިވުމުގެ ފުރުސަތު އޮވެއެވެ. އަދި ރޭޑިއޭޝަންފަދަ ބާރުގަދަ ފަރުވާ ދީގެން ބަލި ފެތުރުން، ކޮންމެވެސް ވަރަކަށް ކޮންޓްރޯލްވެސް ކުރެއެވެ. އެފަދަ ފަރުވާތަކުގެ ސަބަބުން ބައެއް ކަހަލަ ސިއްޙީ މައްސަލަތަކާއި ކުރިމަތިވުމުގެ ފުރުސަތު އޮވެއެވެ.