ޓެކްނޮލޮޖީގެ ރޮނގުން ކޮންމެ ދުވަހަކީވެސް ދުނިޔެ އާ ހަރުފަތަކަށް އަރާ ދުވަހެކެވެ. އެގޮތުން ތަފާތު އެކި މޮޅެތި އުފެއްދުންތައް ކޮންމެ ދުވަހަކުވެސް ދުނިޔެއަށް އުފަންވެގެން ދެއެވެ. މިގޮތުން މި ލިސްޓަށް މިވަނީ އަނެއްކާވެސް ފާހަގަކޮށްލެވޭ ފަދަ މޮޅު އުފެއްދުމެއް އިތުރު ވެފައެވެ.

ޓެކްނޮލޮޖީގެ އާ އުފެއްދުންތަކުގެ ލިސްޓަށް މިހާރު އިތުރުވެފައިވާ ސްމާޓް ނެޕީ އަކީ ކޮރެއާގެ ތަޖުރިބާކާރެއް ކަމަށްވާ ޔުއާން ކިމްބާލީގެ އުފެއްދުމެކެވެ. ގިނަ ބައެއްގެ ސަމާލުކަމަށް މި އުފެއްދުން މިހާރު އައިސްފައިވާއިރު، މިއީ ވަރަށް ބޭނުންތެރި އަދި މުޙިންމު އުފެއްދުމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މި ނެޕީއަކީ އޭގައި ހަރުކޮށްފައިވާ ސެންސަރެއްގެ ސަބަބުން، ކުޑަ ދަރިފުޅު ބޮޑުކަމު ނުވަތަ ކުޑަކަމު ދިއުމުން، އެ މަޢުލޫމާތު ޚާއްސަ މޯބައިލް އެޕްލިކޭޝަނަކަށް ފޮނުވުމުގެ ޤާބިލުކަން ލިބިފައިވާ އުފެއްދުމެކެވެ. އެގޮތުން ޗިޕެއް ގޮތަށް ނެޕީގައި ހަރުކޮށްފައި ހުންނަ އެ ސެންސަރަކީ "ބޭބީ މޮނީޓަރ" އެއްގެ ގޮތުގައި ވެސް ބޭނުން ކުރެވޭނެ އެއްޗެއް ކަމަށް ޔުއާން ބުނެފައި ވެއެވެ.

ހަމަ އެހެންމެ މި ސެންސަރުން، ދަރިފުޅުގެ ނެޕީ ބަދަލުކުރާން ކޮންމެހެންވެސް ޖެހިއްޖެ ނަމަ އެކަމަށް ޚާއްސަ އެލާޓެއްވެސް ފޯނަށް ފޮނުވައެވެ. މިއީ ކުޑަކުދިންގެ ނާޒުކު ކަންގަނޑަށް ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށް ބޭނުންތެރި ޓެކްނޮލޮޖީއެއް ކަމަށް، މި ސްމާޓް ނެޕީ އުފެއްދި ޔުއާން ބުނެފައި ވެއެވެ. މީގެ އިތުރުން ނެޕީގެ އެތެރޭގެ ފިނިހޫނުމިނަށް އަންނަ ބަދަލާއި ގެއްލުންދެނިވި އެއްޗެއްވާނަމަ އެކަމުގެ މަޢުލޫމާތުވެސް ސެންސަރު މެދުވެރިކޮށް އެޕްލިކޭޝަނަށް ފޮނުވުމުގެ ޤާބިލުކަން މި އުފެއްދުމަށް ލިބިގެންވެއެވެ.

ޔުއާން ބުނެފައިވަނީ، ސްމާޓް ނެޕީގައި ވާ ސެންސަރު އެކި ފަރާތްތަކަށް ވިއްކާއިރު އޭގެ ކޯޑު ތަފާތުވާނެ ކަމަށެވެ. އަދި ކޮންމެ ސެންސަރެއް ވެސް ގިނަ ވެގެން ފަސް ފޯނަށް، އެޕްލިކޭޝަން މެދުވެރިކޮށްގެން ގުޅާލެވޭނެ ކަމަށް އޭނާ ބުންޏެވެ. އަދި ކޮންމެ ތަނެއްގައި ކޮންމެ ވަގުތެއްގައި ހުރިނަމަވެސް، އެކަމުގެ މަޢުލޫމާތު އެޕްލިކޭޝަނުން ފަސް ފަރާތަކަށް ބަލާލެވޭނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

ޔުއާން ބުނާގޮތުގައި މި ސްމާޓް ނެޕީ އުފެއްދީ މައިންބަފައިންނަށް ފަސޭހައެއްގެ ގޮތުން ކަމަށާއި، ކުރިއަރައިދާ ދުނިޔެއެއްގައި އެންމެ ފަސޭހަ އިޚްތިޔާރުތައް އޮންނާނެ ޖެހޭކަން ޤަބޫލުކުރާތީ ކަމަށެވެ. މި ސްމާޓް ނެޕީ ބާޒާރަށް ނެރޭނެ ދުވަހެއް އޭނާ އަދި ހާމަކޮށްފައެއް ނުވެއެވެ.