ތުއްތު ކުއްޖަކު ބަލާލަން ހޮސްޕިޓަލަށް ދިޔަ މީހަކު ލޯބިން ދޮނެއް ދިނުމުގެ ސަބަބުން އެކުއްޖާއަށް ނުރައްކާތެރި ހާލަތެއް މެދުވެރިވެ ދުނިޔެއިން ވަކިވެއްޖެއެވެ.

ރިޕޯޓްތައް ބުނެފައިވާގޮތުގައި، އިނގިރޭސިވިލާތަށް ނިސްބަތްވާ އުމުރުން އެންމެ އަށް ދުވަހުގެ އެލީޒާ މަރުވީ، އޭނާގެ މަންމަ، އެބީގެއިލް ރޯޒްގެ ރަހުމަތްތެރިއަކު އެލީޒާއަށް ދޮނެއް ދިނުމުން ހާލު ސީރިއަސްވެގެން ފަރުވާދެމުން ދަނިކޮށެވެ. ސިއްޙީ އޮފިޝަލުން ބުނެފައިވާގޮތުގައި، އެލީޒާއަށް ފަރުވާދެމުން ދިޔައީ އޭނާގެ ތުއްތު ހަށިގަނޑަށް އެރި، "ނިއޯނަޓަލް ހާޕްސް" ނަމަކަށްކިޔާ ވައިރަސްއެއްގެ ސަބަބުންނެވެ.

އެޗްއެސްވީ-1ގެ ނަމުން މަޝްހޫރު އެ ވައިރަސްގެ އަސަރު އެލީޒާގެ ހަށިގަނޑަށް ކުރުމާއި ގުޅިގެން، އޭނާގެ ފުއްޕާމެޔާއި ސިކުންޑި ވަނީ ގިރިފައި ކަމަށް ވެއެވެ. މިކަމުގެ ސަބަބުން މޭމަތީގައި ހުރި ނާރުތައް ބާރުވެ އޭނާއަށް އެތައް ވޭނެއް އަޅަމުން ދިޔައިރު، ފަހުން ފަރުވާދެމުން ދިޔައީ "ލައިފް ސަޕޯޓް މެޝިން" އެއްގެ އެހީގައެވެ. ނަމަވެސް އޭރު އޭނާގެ ސިކުނޑި މަސައްކަތެއް ނުކުރެއެވެ.

އެލީޒާ މަރުވީ، މި ހާދިސާއަށް ފަހު އޭނާއަށް ސީރިއަސް ހާލުގައި ފަރުވާދޭން ފެށިތާ 24 ގަޑިއިރުވެސް ނުވަނީސް ކަމަށް ވެއެވެ. އޭގެ ކުރިންވެސް، އޭނާ ދިރި އޮންނާނެ ކަމުގެ މާބޮޑު އުންމީދެއް ނެތްކަން ޑޮކްޓަރުން އޮތީ އާއިލާއަށް އަންގާފައެވެ.

އެލީޒާގެ ކުއްލި މަރާއި ގުޅިގެން އޭނާގެ މަންމަ، އެބީގެއިލް އެހެން މައިންވެސް މިފަދަ ކަންކަމަށް ހޭލުންތެރިވެ ސަމާލުވުމަށް އިލްތިމާސްކޮށްފައި ވެއެވެ. އޭނާ ވަނީ އެލީޒާގެ އަށް ފަރުވާދެމުންދިޔަ އޭނާގެ އެންމެ ފަހު ވަގުތުކޮޅު ނަގާފައިވާ ބައެއް ފޮޓޯތައްވެސް މީސްމީޑިއާގައި އާންމުކޮށްފައެވެ.

"އެ ދަރިފުޅުގެ ހަނދާންތައް އަހަރެންގެ ހިތުގައި ނުވާ އެންމެ ހިނދުކޮޅެއްވެސް ނާދޭ. އަހަންނަށް އަބަދު އެ ހާދިސާ އާއި މެދު ފިކުރު ކުރެވޭ. އަހަރެންގެ އުންމީދަކީ މިފަދަ ކަމެއް އެހެން މަޔަކަށް ކުރިމަތިނުވުމުން. މި ހާދިސާއިންވެސް ފިލާވަޅެއް ލިބިގަތުމަށް އަހަރެން އެންމެނަށް ނަސޭހަތްތެރިވަން. ތުއްތު ކުދިންނަކީ ވަރަށް ނާޒުކު ބައެއް. މިހާ ތުއްތު ކުދިންނަށް ދޮން ދިނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން،" އެބީގެއިލް ބުނެފައި ވެއެވެ.

ޢާންމު ގޮތެއްގައި މިފަދަ ނުރައްކާތެރި ހާލަތުތައް ތުއްތު ކުދިންނަށް ކުރިމަތިވަނީ، އަތް ރަނގަޅަށް ސާފުނުކޮށް ކުދިން އުރުމުންނާއި އެކުދިންނަށް ދޮންދިނުމުން ޖަރާސީމުގެ އަސަރު ހަށިގަނޑަށް ކޮށްގެންނެވެ. މި ހާލަތު މެދުވެރިކުރުވާ އެޗްއެސްވީ-1 ވައިރަސް އަކީ ބޮޑެތި މީހުންވެސް ހުން އައިސް ބައެއް ކަހަލަ ރޯނގާ ޖެހުމަށް މެދުވެރިކުރާ ވައިރަސް އެކެވެ.

ތުއްތު ކުދިން އުފަންވާއިރު، އެކުދިންގެ ދިފާއީ ނިޒާމު ރަނގަޅަށް އުފެދިފައި ނުވާނެއެވެ. މިކަމުގެ ސަބަބުން ނުރައްކާތެރި ވައިރަސްއެއް ނުވަތަ ޖަރާސީމެއްގެ އަސަރު ކޮށްފިނަމަ އެކަންކަމުން ރައްކާތެރި ކޮށްދިނުމުގެ ބާރެއް އެކުދިންގެ ހަށިގަނޑުގައި ނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ޢެސްފިންނާތަ

  2. އައިޝު

    ތޯއްޗެ