ކޮންމެ ކުންފުންޏެއްގެވެސް ގަދަ ފަޔަކީ އެކުންފުންޏެއްގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނެވެ. އެއީ އެކުންފުންޏެއްގެ ކާމިޔާބީގެ ތަޅުދަނޑިއަކީ އެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުން ކަމަށް ވުމުންނެވެ. މުވައްޒަފުން ހިތްހަމަޖައްސައިދީ މުވައްޒަފުން ވަޒީފާއަށް އިތުރަށް ޝައުގުވެރިވާނޭ ގޮތަށް ކަންކަން ރާވާ ހިންގުމަކީ ގިނަ ކުންފުނިތަކުން ހާއްސަ އިސްކަމެއްދީގެން ކުރަމުން އަންނަ ކަމެކެވެ.

އެގޮތުން އިންޑިއާގެ ޑައިމަންޑް އުފައްދާ އެކްސްޕޯރޓްކުރާ ބިޔަ ކުންފުންޏެއް ކަމަށްވާ، "ސްރީ ހަރީ ކްރިޝްނާ އެކްޕޯޓްސް" އަކީ އެކުންފުނީގެ މުވައްޒަފުން ހިތްހަމަޖައްސައިދީ އުފާކޮށްދިނުމަށް ގިނަ މަސައްކަތެއް ކުރަމުން އަންނަ ކުންފުންޏެކެވެ.

އެކުންފުނިން ކުރިއަށް ގެންދާ ލޯޔަލްޓީ ޕްރޮގްރާމްގެ ދަށުން މީގެ ކުރިންވެސް އެ ކުންފުނީގައި އިޙްލާސްތެރިކަމާއި އެކު މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނަށް ބޮޑެތި ހަދިޔާތަށް ދީފައިވާއިރު މިފަހަރު ލޯޔަލްޓީ ޕްރޮގްރާމްގެ ދަށުން އެކުންފުނީގެ 600 މުވައްޒަފަކަށް ކާރު ދިނުމަށް އެކުންފުނީގެ ޗެއަރމަން ސަވްޖީ ދޮލަކިޔާ ވަނީ ނިންމާފައެވެ. އޭނާ ވަނީ މީގެ ކުރިން އޭނާގެ މުވައްޒަފުންނަށް 500 ފްލެޓްވެސް ދީފައެވެ.

"ސްރީ ހަރީ ކްރިޝްނާ އެކްޕޯޓްސް" އިން ހުޅުވާލި ލޯޔަލްޓީ ޕްރޮގްރާމަށް އެކުންފުނީގެ 1،500 މުވައްޒަކު ޝަރުތު ހަމަވާއިރު އޭގެތެރެއިން 600 މުވައްޒަފުންނަށް ކާރު ދިނުމަށް ނިންމާފައިވާއިރު ބާކީތިބި 900 މުވައްޒަފުންނަށް ބޭންކް ސެޓްފިކެޓްސް ދިނުމަށް ވަނީ ނިންމާފައެވެ.

ލޯޔަލްޓީ ޕްރޮގްރާމްގެ ދަށުން "ސްރީ ހަރީ ކްރިޝްނާ އެކްޕޯޓްސް"އިން، އެކުންފުނީގެ މުވައްޒަފުންނަށް ދޭ،600 ކާރާއި 900 ބޭންކް ސެޓްފިކެޓް އެ މުވައްޒަފުންނާއި ހަވާލުކުރައްވާނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެކުންފުނީގެ ހުރިހާ މުވައްޒަފުންނާއި މޯދީ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

"ސްރީ ހަރީ ކްރިޝްނާ އެކްޕޯޓްސް" ގެ ޗެއަރމަން ސަވްޖީ ދޮލަކިޔާ ވިދާޅުވެފައިވާ ގޮތުގައި ކުންފުނީގެ މުވައްޒަފުންގެ ހިތްހަމަ ޖެހުމަށް މިއަހަރުގެ މިހާތަނަށް 50 ކޮރޯޑް ރުފީސް ވަނީ ހަރަދުވެފައެވެ.

1992 ވަނަ އަހަރު ވުޖޫޖަށް އައި "ސްރީ ހަރީ ކްރިޝްނާ އެކްޕޯޓްސް" އަކީ ދުނިޔޭގެ 79 ގައުމަކަށް ރަނާއި ޖަވާހިރު އެކްޕޯޓް ކުރާ ބިޔަ ކުންފުންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޯޮޮޮޮޮމަ

    ??☹?

  2. އައްޑެ

    މިފަދަ ވިސްނުންތެރި އޯނަރުން އަޅަމެންނަށްވެސް މިންވަރު ކުރައްވާށިއެވެ.

    • ށައުގީ

      އާމީން ...ރާއްޖޭގަ ނުވާނެ ކަމެއް...