ޕްރިންސް ހެރީ އާއި މޭގަން މާކެލް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ޒިކާ ވައިރަސް ފެތުރިފައިވާ ޓޮންގާގެ ސަަރަހައްދެއްގައި ހުރި ސްކޫލަކަށް ޒިއާރަތް ކުރުމުން އެދެމަފިރިންނަށް ސަޕޯޓްކުރާ އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އެބަގެންދެއެވެ.

ގިނަ ބައެއްގެ ކަންބޮޑުވުން އިތުރުވެފައި ވަނީ މޭގަން މިހާރު އާލަސްކަންފުޅާއި އިންނެވުމުންނެވެ. މާބަނޑު އަންހެނުން ޒިކާ ވައިރަސް ފެތުރުމުގެ ބިރު އޮތް ސަރަހައްދުތަކަށް ޒިއާރަތް ނުކުރަން ސިއްހީ މާހިރުން ލަފާދެއްވައެވެ. އެއީ ބަނޑުގައި އޮންނަ ދަރިފުޅަށް ޒިކާ ވައިރަސް ޖެހި ދާއިމީ ނުކުޅެދުންތެރިކަމެއްގައި ކުއްޖާ މުޅި އުމުރު އުޅެން ޖެހިދާނެތީއެވެ.

މޭގަން ޒިއާރަތް ކުރި ޓޮންގާ އަކީ މިދިޔަ މާޗް މަހުން ފެށިގެން ޒިކާ ވައިރަސްގެ ސަބަބުން ޑަބްލިއުއެޗްއޯ އިން ކެޓަގަރީ-1 ގެ ހާލަތު އިއުލާން ކޮށްފައި އޮތް ސަރަހައްދެކެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މޭގަން އާއި ހެރީ ޒިއާރަތް ކޮށްފައި ވަނީ ޒިކާ ވައިރަސްގެ ނުރައްކާ ބޮޑު ޖަންގައްޔެއްގައި ހުރި އެކަހެރި ސްކޫލަކަށެވެ. އެއީ ރާނީ އެލިޒަބަތުގެ ނަމަށް ނިސްބަތްވާ ސްކޫލެކެވެ. މޭގަން ހުރީ މަދިރިން ރައްކާތެރި ކޮށް ދޭނެ ފަދަ ހެދުމުގައި ނޫން ކަމަށް ބުނެ ވެސް އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ނަމަވެސް ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ޒިކާ ވައިރަސް ފެތުރެމުންދާ ސަރަހައްދަކަށް މޭގަން ޒިއާރަތް ކުރުމަކީ މައްސަލައެއް ނޫނެވެ. އެއީ އެފަދަ ސަރަހައްދަކަށް ޒިއާރަތް ކުރާ ކޮންމެ މީހަކަށް ޒިކާ ވައިރަސްގެ އުނދަގޫ ފޯރުމުގެ ފުރުސަތު މާބޮޑަށް ނޯންނާތީއެވެ. ޒިކާ ވައިރަސްގެ އަސަރު ކުރުމުގެ ފުރުސަތު ބޮޑީ އެސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށެވެ. އަދި މޭގަން ހުންނާނީ ޒިކާ ވައިރަސް އިން ސަލާމަތް ވެވޭނެ ބޭހެއް ނުވަތަ ލޯޝަނެއް ބޭނުން ކޮށްގެން ކަމަށް ގަބޫލު ކުރެވޭތީ އެއީ ވެސް އޮތް ހިތްހަމަޖެހުމެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.

މޭގަން އާއި ޕްރިންސް ހެރީ މިހާރު ފައްޓަވައިގެން އުޅުއްވާ 16 ދުވަހުގެ ދަތުރަކީ އޮސްޓްރޭލިއާ އާއި ޓޮންގާ އަދި ފިޖީ އަށް ޒިއާރަތް ކުރުމަށް ފައްޓަވައިފާ ދަތުރެކެވެ.