ދުނިޔެ ހިނގަނީ ތޮށަލި ދުޅައަށޭ ދިވެހިން ވެސް ބުނެއެވެ. މާނައަކީ އުފާވެރި ކަމެއް ކުރިމަތި ވެއްޖެނަމަ ދެން އޮތީ ހިތާމަ އާއި ހިތްދަތިކަމެވެ. ވަރަށް ގިނަ ފަހަރު މިގޮތައް ކަންތައް ދިމާވެއެވެ.

މިކަން އެންމެ ރަނގަޅަށް ތަޖުރިބާ ކުރަން ޖެހިފައިވާ ދެމަފިރިންނަކީ އިނގިރޭސިވިލާތައް ނިސްބަތްވާ ޖުލީ އެލެން އާއި އިއާން އެލެން އެވެ. ޖޫލީއަށް ކެންސަރު ޖެހިފައިވާ ކަން އެނގުނީ ދެމީހުން ކައިވެނި ކުރިތާ ދެދުވަސް ފަހުންނެވެ.

ޖޫލީގެ ބަނޑުގައި ދޭތެރެ އަކުން ރިއްސާލައެވެ. ނަމަވެސް އެއީ މާބޮޑު މައްސަލައެއް ކަމަކަށް އޭނާ ކުރިން ހިއެއް ނުކުރެއެވެ. އެންމެ ފަހުން ޑޮކްޓަރަށް ދެއްކީ ވެސް މާބޮޑަށް ހާލަތު ގޯސް ވެގެންނެއް ނޫނެވެ. ނަމަވެސް ރައްކާތެރި ގޮތަކީ ޑޮކްޓަރަށް ދައްކާ ޓެސްޓްތައް ހަދާލުން ކަމަށް ޖޫލީ އާއި ފިރިމީހާ އިއާން އަށް ވެސް ގަބޫލު ކުރެވުމުންނެވެ.

ޓެސްޓްގެ ނަތީޖާ ލިބުނީ ދެމަފިރިން ހީކޮށްގެން ތިބި ގޮތަކަށް ނޫނެވެ. ޖޫލީގެ ބަނޑުގައި ރިއްސާ ހަޤީޤީ ސަބަބަކީ ކެންސަރު ކަމަށް ވެދާނެ ކަމަށް އެމީހުންގެ ހިތައް އެންމެ ފަހަރަކު ވެސް އަރާފައެއް ނުވެއެވެ.

ޖޫލީ މިހާރު ކެންސަރަށް ފަރުވާ ހޯދަމުން އަންނަ އިރު ދެމަފިރިންގެ އެންމެ ބޮޑު ބޮލުގެ ރިހުމަކީ އެކަށީގެންވާ އަދަދެއްގެ ފައިސާ އަތުގައި ނެތުމެވެ. މިފަދަ ކަމަކަށް ކުރިން ފެށިގެން ދެމަފިރިންނަށް ތައްޔާރު ވެވިފައެއް ނެތެވެ. އެހެންކަމުން އެމީހުން ވަނީ އޮންލައިން ކޮށް ފަންޑެއް ހުޅުވާފައެވެ. ގިނަ ބަޔަކު މިހާރު އަންނަނީ އެފަންޑަށް ފައިސާ ހަދިޔާ ކުރަމުންނެވެ.

ޖޫލީ އާއި އިއާން ތިބީ ވަރަށް އަވަހަށް ޖޫލީގެ ހާލަތު ރަނގަޅުވެ، ކައިވެނީގެ އުފާވެރި ދުވަސްތައް ލިބިގެން ދާނެ ކަމަށް އުއްމީދު ކޮށްގެންނެވެ. އެމީހުންނަށް ލިބިފައި އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ގިނަ ބައެއްގެ ހެޔޮ ދުޢާ އެމީހުންނާއި އެކު ވުމެވެ.