އެޕަލް ކުންފުނިން ނެރޭ އައިފޯންތައް ވިއްކަން ފަށާތާ އެތައް ދުވަހެއް ކުރިން އެ ފޯންތައް ގަތުމަށް އެތައް ބަޔަކު ކިއު ހަދައެވެ. އައިފޯންއަށް މަރުދޭ އެތައް ބަޔަކު މިފޯންތައް ގަތުމަށް ކިއު ހެދިނަމަވެސް އެޕަލްއިން އިއްޔެ ވިއްކަން ފެށި ފަހުގެ އައިފޯން އެކްސް އާރ ގަތުމަށް ކިއުއެއް ހަދާފައިނުވެއެވެ.

ޓެކް ސައިޓްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިއްޔެ މިފޯންތައް ވިއްކަން ފަށާފައިވާއިރު، އެޕަލްގެ އެއްވެސް ސްޓޯއެއް ކައިރީގައި ކިއު އެއް ހަދާފައެއްނުވެއެވެ. އަދި މީގެ ކުރިން އެންމެ ބޮޑު ކިއުއެއް ހަދަމުން އަންނަ ސިޑްނީގެ އެޕަލް ސްޓޯރގައިވެސް، ސްޓޯ ހުޅުވި އިރު އެއްވެސް މީހަކު ކިއުގައި ޖެހިފައިއެއް ނުވެއެވެ. މީގެ އިތުރުން މިފޯނަށް ލިބެމުން އަންނަ ތަރުހީބު ދަށް ކަމަށްވެސް ޓެކް ސައިޓް ތަކުން ރިޕޯޓް ކުރެއެވެ.

އެޕަލްއިން އެކްސް އާރ ނެރެފައިވަނީ އެޕަލްގެ ފަހުގެ ދެ ފޯން އާއެކީގައެވެ. އެއީ އައިފޯން އެކްސް އެސް އަދި އައިފޯން އެކްސް އެސް މެކްސްއެވެ. ނަމަވެސް އައިފޯން އެކްސް އާރ ވިއްކަން ފަށާފައިވަނީ މެކްސް އަދި އެކްސް އެސް ވިއްކަން ފެށިތާ ދެ ހަފްތާވަރު ފަހުންނެވެ. މިދެފޯން ގަތުމަށް ގިނަ ބަޔަކު ކިއު ހެދިނަމަވެސް އައިފޯން އެކްސް އާރ ގަތުމަށް ގިނަ ބަޔަކު ކިއު ހަދާފައިނުވަނީ އެފޯންގެ އަގު ހެޔޮވީމާ ކަމަށް ބައެއް މީޑިޔާތަކުން ރިޕޯޓް ކުރެއެވެ.

އައިފޯން އެކްސް އާރ އަކީ އެޕަލްގެ ބަޖެޑް ފޯނެވެ. މިފޯންއަކީ އެޕަލްގެ އެހެން ފޯންތަކާއި އަޅާ ބަލާއިރު ވަރަށް ބޮޑުތަން އަގުހެޔޮ ފޯންއެވެ. ތަފާތު ކުލަތަކެއްގައި ނެރެފައިވާ މިފޯންގައި އައިފޯން އެކްސް އެސްގެ ގިނަ ފީޗަރ ތަކެއް ހިމެނޭ ކަމަށް އެޕަލްއިން ބުނެއެވެ. މިގޮތުން މިފޯންގައި އެޕަލްއިން އަލަށް އެސްކް އެސްގައި ތަޢާރަފްކުރި ވަޔަރލެސް ޗާޖިންވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު